Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އަބްދުﷲ ސައީދު އާއި އަލީ ހަމީދުގެ އާއިލާތަކަށް، އެބޭފުޅުން ގެންނަން އުޅުއްވީ ބަޢާވާތެއް: ރައީސް

ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު ހުންނަވަނީ ރަށު ބަންދުގައި ކަމަށާއި، މިއީ ސްޕްރީމް ކޯޓުން ގެންނަން އުޅުނު ބަޢާވާތެއްކަމަށް އަނެއްކާވެސް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ހުޅުދޫމީދޫގެ ނަރުދަމާގެ ނިޒާމު، ފެނުގެ ނިޒާމު، ހައުސިންގ ފްލެޓްތަކާއި، މިފްކޯގެ މަސް ކޮމްޕްލެކްސް ހުޅުއްވުމަށް އިއްޔެ ހަވީރު ހުޅުމީދޫ މެދު ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އެދެރަށުގައި ހުންނަވައިގެން ވާހަކަ ދައްކަވަން ފައްޓަވާނީ ފެބްރުއަރީ 1 ވަނަ ދުވަހުގެ އަމުރާއި ހަމައިން ކަމަށެވެ.

"މި އުފަލުގައި ތިޔަބޭފުޅުންނާއެކީ އަޅުގަނޑު ބައިވެރިވާއިރުވެސް އަޅުގަނޑު ހަމަ ވާހަކަ ފަށްޓަންވެސް ދެން ބޭނުންވަނީ، މި ދެ ރަށަށް ނިސްބަތްވާ ގޮތުން އަޅުގަނޑުމެން ތިބެ މިތާ ވާހަކަ ދައްކާއިރު، ހަމަ ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެމޭ. މިއަށްވުރެ މާ ކުރިން ޙަޤީޤަތުގައި މި ރަށަށް އައިސް، ހުޅުދޫމީދޫއަށް އައިސް މިކަންކަން އަޅުގަނޑު ހުންނަންވާނީ ފަށްޓައިދީފައި"

ރައީސް ވިދާޅުވީ އެބޭފުޅުން އެ ގެންނެވީ ހަމަ ވަރަށް ނުރައްކާތެރި ބަޣާވާތެެއް ކަމަށާއި އެކަން ކާމިޔާބުވި ނަމަ ގައުމު ފުޑުފުޑުވީސް ކަމަށެވެ.

"މި ދެ ރަށުގައި އަޅުގަނޑު މި ދަންނަވަނީ އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު މި ދަންނަވާ ވާހަކަ ގަބޫލުކުރައްވާށޭ. ހަމަ އެ ބޭބޭފުޅުންގެ ޢާއިލާއަށްވެސް މި ދަންނަވަނީ ގަބޫލުކުރައްވާށޭ. އެބޭފުޅުން އެ ގެންނެވީ ހަމަ ވަރަށް ނުރައްކާތެރި ބަޣާވާތެކޭ. އެކަން އެބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް، ނޫނީ އެބޭފުޅުން އުއްމީދު ކުރެއްވި ގޮތަށް، ނޫނީ އެބޭފުޅުންނާއެކީ މީގައި ބައިވެރިވެގެން މަސައްކަތްކުރި ސިޔާސީ އިސް މީހުން ބޭނުންވިގޮތަށް މިކަން ނިމިގެންދިޔަނަމަ، ދިވެހިރާއްޖެ ސުންނާފަތިވީސް. ފަސޭހައެއްކޮންނެއް އެބޭފުޅުން އެ ވިދާޅުވިގޮތަކަށް، ރާއްޖޭގެ ވެރިކަމެއް ބަދަލުވެގެން ނުދިޔައީސް. މަގުމަތީގައި މީހުން ނުކުންނާނެ. ފިޔާތޮށި ކުދިންނާއި، އެނޫން އެހެން ކުލަކުލައިގެ ކުދިންނާ ތަޅާފޮޅުމަކަށްދިޔައީސް. ބޮޑު ލޭއޮހޮރުވުމަކަށް ދިޔައީސް. އަދި އެ ލޭއޮހޮރުވުން ޙައްލުކުރަން ދެން އަންނާނީ ކޮން ދިމަދިމާއަކުން ކަމެއް ލަޝްކަރު، އެއީ އަޅުގަނޑުމެންނަށް އެނގޭ ކަމެއްނޫން. މިއިން އެއްވެސް ކަމަކަށް މި ފަނޑިޔާރުންނެއް ވިސްނާލާފައެއް ނެތް، އެބޭފުޅުންގެ އަތުގައި ބާރު އޮވެގެން އެ ނެރުއްވި ޣައިރު ޤާނޫނީ ޙުކުމް ނެރުއްވިއިރު"

ސްޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދަކީ މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ، އަދި އަލީ ހަމީދަކީ ހުޅުދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ދެ ބޭފުޅުންވެސް މިހާރު ތިއްބެވީ ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށް ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން ހައްޔަރުކޮށް ޖަލަށްލާފައެވެ.