Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

"ޔާމީން ހޮވައިފިނަމަ އައްޑޫ ހިއްކައިގެން ވެސް ތިބޭނީ ގެސްޓް ހައުސްތަކާއި ރިސޯޓުތައް"

ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ ޝާޑު.

އިތުރު ދައުރަކަށް ރައީސް ޔާމީން އިންތިޚާބުކޮށްފިނަމަ އައްޑޫގެ ވަށައިގެން ވެސް ތިބޭނީ ގެސްޓް ހައުސްތަކާއި ރިސޯޓުތައް ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު(ޝާޑު) ވިދާޅުވެއްޖެއެވެ.

ޝާޑު މިހެން ވިދާޅުވީ، ހުކުރު ދުވަހުގެ ހެނދުނު ފޭދޫ ރައްޔިތުންނާއި ރައީސް ޔާމީން ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝާޑު ވިދާޅުވީ ގެސްޓް ހައުސްތައް ހެދެން އަންނަނީ ފެނާޢި ނަރުދަމާ އެޅިގެން ކަމަށާޢި އެކަން ކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އެހެންވެ އިތުރު ދައުރަކަށް އެމަނިކުފާނު އިންތިޚާބުކޮށްފި ނަމަ އައްޑޫގެ ވަށައިގެން ހިއްކައިގެން ވެސް ތިބޭނީ ގެސްޓް ހައުސްތަކާއި ރިސޯޓުތައް ކަމަށެވެ.

"އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން 23 ސެޕްޓެމްބަރުގައި ރައީސް ޔާމީނަށް ވޯޓު ލައްވާފައި އިންތިހާބު ކޮށްދެއްވީމަ މިއަތޮޅުގެ ވަށައިގެން ހިއްކައިގެން ވެސް ތިބޭނީ ގެސްޓް ހައުސްތަކާއި ރިސޯޓުތައް" ޝާޑު ވިދާޅުވިއެވެ.

ޝާޑުގެ ވާހަކަފުޅުގައި އެބޭފުޅާ ވަނީ ބިން ހިއްކައިގެން ރިސޯޓު ގެނައުމަކީ އައްޑޫގައި އެކަން ކުރުމަށް އޮތް ހަމައެކަނި ގޮތްކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.