Last Updated: April 26, 15:02
Friday, April 26, 2024
ރިޕޯޓް

ކޮލަމް: އެންމެ މޮޅު ކޯޗަކީވެސް ރައީސް ޔާމީނުތޯއެވެ.

ޖައްބާރު އަނިޔާވެރި ވެރީންގެ ފަރާތުން ފެންނަ އެންމެ ފާޅުކަންބޮޑު އެއްސިފަޔަކީ ޝަޚުސު އޮޅުވައިލުމެވެ. ޝަޚުސު އޮޅުވައިލުމަކީ ގުދުރަތުން ދެއްވާފައިނުވާ ބާރުތަކާއި ހުނަރުތައްވެސް ހުރިކަމަށް ހެދިގެން އިންސާނުންގެ ތެރެއިން ހުރިހާކަމަކަށްވެސް އެންމެ އަރައިހުރި މީހަކީ ތިމާކަމުގައި ދެއްކެން އުޅުމެވެ.

އުތުރު ކޮރެޔާގައި އެހުންނެވި ކިމްއަކީ މިޒާތުގެ ވެރިޔެކެވެ. އުމުރުން ހަޔެއްކަ އަހަރުގައިވެސް ޔޮޓުދުއްވައިގެން އެމަނިކުފާނު ބަލިކުރެވޭ މީހަކު ދުނިޔޭގައި އުޅުނުކަމަކަށް ނުވެއެވެ. ގޮލްފު ކުޅުން ހުއްޓައިލެއްވީ ވެސް އެމަނިކުފާނާ ވާދަކުރެވޭނެ ދެވަނަ އެހެން މީހަކު ނެތިގެންނެވެ. މަތިންދާބޯޓަކަށް އަލަށް އަރައިވަޑައިގެންނެވި ދުވަހުވެސް ދުނިޔޭގެ އެއްވެސް ޕައިލެޓަކަށް މިހާތަނަށް ދެއްކިފައިނުވާ ޒާތުގެ ހުޝިޔާރުކަމާއި ކުޅަދާނަކަން ދެއްކެވިއެވެ.

މިހިރީ އުތުރު ކޮރެޔާގެ ނޫސްތަކުގައި ލިޔާ ވާހަކަތަކެވެ. ރޭޑިއޯއާއި ޓީވީން ގޮވާ ވާހަކަތަކެވެ. އެކަމަކު މީން ވާހަކައެއް ގަބޫލުކުރާ މީހަކު ނޫޅެއެވެ. އެންމެންވެސް އަންނަނީ ހިންޏެވެ. ކުރަނީ މަލާމާތެވެ. މިޒާތުގެ އެނޫންވެސް ވެރިން ދުނިޔޭގެ ކަންކޮޅުތަކުން ފެނެއެވެ. ދުރުންނާއި ކައިރިންނެވެ. ބައެއްފަހަރު ހަމަ ވަރަށް ކައިރިންނެވެ.

ސާފު ސުޒުކީ ކަޕުގެ ފައިނަލުގައި ރާއްޖެއާއި އިންޑިޔާ ކުޅުނު މެޗު ބަލަން އަހުރެން ބަންޑާރަ ޓީވީ ދޮށުގައި ގޮނޑިއަކަށް ފޫހަރައިލައިގެން އިންދާ ކިޔާތީ އިވުނެވެ. މިއަދު ހެނދުނުވެސް ޓީމަށް ގުޅުއްވައިފައި އިއްޒަތްތެެރި ރައީސް ވިދާޅުވިއެވެ. ކުޅެންވާނީ އެޓޭކިން ގޭމެކެވެ. މޮޅުވާނީ އެޓޭކް ކޮށްގެންނެވެ. މިމެޗުން މޮޅުވެ ތަށި ލިބުނީ ރައީސް ދެއްވި އިރުޝާދާ އެއްގޮތަށް ކުޅެގެންނެވެ. އެހެންވީމާ މި ކާމިޔާބީއަށްޓަކައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ހަމަ އިއްޒަތްތެރި ރައީސަށެވެ.

އަހުރެންގެ ހިތުގައި ޖެހުނެވެ. އަސްތާއެވެ. މިކަމުގައިވެސް ޝުކުރިއްޔާ ރައީސޭ ކިޔަން ޖެހުނީތާއެވެ. ބޮޑު މުސާރަދީފައި ވިލާތު ފަރަންޖީއަކު ޓީމުގައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ބޯޅަކުޅެގެން މޮޅުވާނެގޮތުގެ އިރުޝާދުވެސް އެންމެ މޮޅަށް ދެނެވަޑައިގެން ހުންނެވީ ހަމަ އަހުރެމެންގެ އިއްޒަތްތެރި ރައީސެވެ. ބުރިޖުއަޅަންވެސް ދެނެވަޑައިގަންނަވަނީ އެމަނިކުފާނެވެ. އިގްތިސާދަކަސް ދީނަކަސް ޖޯގްރަފީއަކަސް އަދިކިޔެއްތަ ރޮކެޓް ސައެންސަކަސް އެންމެ މޮޅަށް ދެނެވަޑައިގަންނަވަނީ ހަމަ އެމަނިކުފާނެވެ.

މިކަހަލަ ޚިޔާލެއްގައި އިންދާ ދެން ފެނުނީ އަދިއެއަށްވުރެވެސް އަޖައިބު މަންޒަރެކެވެ. އަދުރޭ ޓީވީއަށް އަރައިވަޑައިގަތީއެވެ. މިއެެރުމެއް އަރައިވަޑައިގަތީ ކުރީގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ހިތުގައި ޖެހުނެވެ. މޮޅުމީހަކީ އަފުރެމެންގެ ރައީސް އެކަނި ނޫންތާއެވެ. އެމަނިކުފާނުގެ ޓީމުގައިވެސް ދެރަ މީހަކު ނެތީއެވެ. އެހެންޏާފަހެ މިއިންނެވީ ބޯޅަޔާބެހޭގޮތުން ވާހަކަ ދައްކަވަން ބޯޅައިގެ ތަޖުރިބާކާރެކެވެ. ގަދަޔަށް ކުޅުއްވާފައިވާ ގަދަ ކުޅުންތެރިއެކެވެ. ދެން އެހެންބަޔަކަށް އެކުޅުން ފެނިފައި ނެތުމަކީ އެބައެއްގެ އަމިއްލަ މައްސަލައެކެވެ. މި މަނިކުފާނުގެ މައްސަލައެއް ނޫނެވެ.

އެވާހަކަ ބާއްވާފައި ދެން އެހެން ވާހަކައެއް ދައްކަމާބަހީއެވެ. މިފަހަރު ދިވެހިން މިހޯދި ތައްޓަކީ މީގެ ދިހަ އަހަރުކުރީން 2008 ގައިވެސް ހޯދި ތައްޓެކެވެ. އެފަހަރުވެސް ގްރޫޕު ފިޔަވަހީގައި އިންޑިޔާ އަތުން ބަލިވެފައި ފައިނަލުގައިވީ މޮޅެވެ. ތަށި އުފުލާލި ކެޕްޓަނަކީ މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކުއްޖެކެވެ. ރައީސަކީ ގައްޔޫމެކެވެ. އެއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެެއްވީ ކޯލިޝަންގެ އެމްޑީޕީ ކެންޑިޑޭޓެވެ. މިފަހަރު މިއީ 2018 އެވެ. ގްރޫޕު ފިޔަވަހީގައި އިންޑިޔާ އަތުން ބަލިވެފައި ފައިނަލުގައި އެވީ މޮޅެވެ. ތަށި އުފުލާލި ކެޕްޓަނަކީ ހަމަ މާފަރު ކުއްޖެކެވެ. ކުރީފަހަރު އުފުލާލި ކުއްޖާގެ އެއްބަފާ ކޮއްކޮއެވެ. މިއަހަރުވެސް ރާއްޖޭގައި މިބާއްވަނީ ރިޔާސީ އިންތިޚާބެވެ. ރައީސްކަމުގައި އެހުންނެވީ ކުރީފަހަރު ހުންނެވި ރައީސުގެ އެއްބަފާ ކޮއްކޮއެވެ. ދެ ނަމްބަރު ކެންޑިޑޭޓަކީ ކޯލިޝަންގެ އެމްޑީޕީ ކެންޑިޑޭޓެވެ.

ތާރީޚަކީ ހާދަހާ ރީތިކޮށް ނަލަކޮށް އިއާދަވާ އެއްޗެކެވެ. މިފަހަރު ދެން ސާފުނުވެ ބާކީ އޮތީ އެންމެ ކަމެކެވެ. އެއީ އިންތިޚާބުގެ ނަތީޖާއެވެ. އެކަންވެސް ތޭވީސް ސެޕްޓެމްބަރުގައި ފެނިދާނެއެވެ.