Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ކެޔޮނިރު: "ޖަޒީރާ ރާއްޖެ އައްޑޫ ވައުދުނާމާ"އަށް އިތުރު ޕޮއިންޓްތައް!

"ޖަޒީރާ ރާއްޖެ – އައްޑޫ ވައުދު" ގެ ނަމުގައި މިސެޕްޓެމްބަރ 13 ވަނަ ދުވަހު ކޯލިޝަންގެ ފަރާތުން ވައުދު ނާމާއެއްވަނީ އާއްމުކޮށް ނެރެ، ވެބްސައިޓަށްވެސް ލާފައެވެ. އެވައުދުނާމާ ގައި އައްޑުއަތޮޅުގެ ތަރައްޤީއަށް މިވަގުތު ބޭނުންވާ ވަރަށް ގިނަ، މުހިއްމު ކަންތައްތައް އެބަހުއްޓެވެ. ނަމަވެސް އެލިސްޓަށް އިތުރު ކުރެވިދާނެ ބައެއް މުހިއްމު ކަނތައްތައް ހުރުމާއި އެކު، ކޯލިޝަންގެ އައްޑު ވައުދު ތަކާއި، އެއަށް އިތުރު ކުރެވިދާނެ ބައެއް ޕޮއިންޓްތަކާއި އެކު މިތާގައި ފާހަގަ ކޮށްލާނަމެވެ.

1. އައްޑޫސިޓީގެ އަވަށްތަކުގެ ބިން ހިއްކައި، ބިން އިތުރު ކުރުމަށް މިވައުދުނާމާގައި ވައުދުވެފައި ވެއެވެ. ނަމަވެސް ބިން ހިއްކާނެ ސަރަހައްދު ތަކުގެ ތަފްސީލް ބަޔާން ކޮށްފައެއް ނެތެވެ. މިގޮތުން ހިއްކަން އެންމެ މުހިއްމު ދެ ސަރަހައްދަކީ ހިތަދޫ އާއި މީދުގެ ބިން ކަމަށް ޤަބޫލު ކުރެވެއެވެ. މީދޫ ފަޅުން ފެށިގެން ގޮސް ކަނޑިހެރައާއި ހަމައަށް ބިން ހިއްކައި، ހިތަދޫ ފަޅުން ފެށިގެން އައިސް ކަނޑިހެރައާ ހަމައަށް ބިން ހިއްކުމަށް ފަހު ކަނޑިހެރައިގެ ދެފަރާތުން އޮތް ދެކަނޑުއޮޅި ބްރިޖަކުން ބައްދާލުމުން މުޅި އަތޮޅު އެއްފަސްވެ، ބިންހިއްކުމުގެ ބިޔަ މަޝްރޫއެއް ފުރިހަމަ ވެގެން ދާނެއެވެ. މިގޮތުން ހިއްކޭ ބިމާއި އެކު ބިނާކުރެވޭ ބްރިޖް ވެގެންދާނީ މުޅި ސިޓީގެ ތަރައްޤީގެ ލޭނާރު ކަމުގައިކަން ޔަޤީނެވެ.

2. އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ރަގަޅު ފެންވަރަކަށް ހަދައި، ލިންކްރޯޑާއި ބޮޑެތި މަގުތަކުގައި ބައިސިކަލް ދުއްވަންށާއި ޖޮގިންގ ކުރުމަށް ވަކި ލޭނެއް ބޭއްވުމަށް ވެސް މިވައުދުނާމާގައި ވައުދުވެފައި ވެއެވެ. މިތަނުގައި "ރަގަޅު ފެންވަރަކަށް: ހެދުމަކީ ނާސިރު ދައުރުންފެށިގެން ރާއްޖޭގެ މަގުތައް ހަދާ ގޮތަށް ވެލިއަޅައިގެން ހެދުން ކަމުގައި ވެގެން ނުވާނެއެވެ. ރަގަޅު ފެނަވަރަކަށް ހެދުމަކީ ތާރު އަޅައިގެން ހެދުމެވެ.

3. އައްޑޫގެ ރަށްރަށުގެ ފުއްޓަރު (ކަޅިބިއް) ފަރާތުގެ މަގުތައް ރަގަޅު ފެނަވަރަކަށް ތަރައްޤީކޮށް، އަމާން، ހިތްގައިމު ފިނިމައިޒާން ތަކެއް ހެދުމަށް ވެސް ކޯލިޝަންގެ ވައުދުތަކުގައި ވެއެވެ. މިއީ ވަރަށް ރަގަޅު ވައުދެކެވެ. ކަޅިބިއް ފަރާތުގެ މިފަދަ މަގުތަކުން ދަތުރުކުރާއިރު ބީޗާއި މޫދު ފެންނަގޮތަށް އޮވެ، މަތީގައިވާ ފަދަ ހިތްގައިމު ފިނިމައިޒާން ތަކެއް އެމަގުތަކާ އިންވެގެން ހެދުމުން މިސަރަހައްދުގެ ރީތި ކަމައި ސާފުކަން އިތުރުވެގެން ދާނެއެވެ.

4. ކޯލިޝަންގެ އައްޑޫ ވައުދުގައިވާ އަނެއް ކަމަކީ "ހިތްފަސޭހަ ބަގީޗާ ސިޓީ" އެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމެވެ. އައްޑޫ އަކީ ފެހިކަން ގަދަ ގަސްގަހާއި މާމެލާމެލި ވަރަށް ރަނގަޅަށް ހެދޭ، ބިންގަނޑު ރަނގަޅު އަތޮޅަކަށް ވުމުން މިފަދަ "ހިތްފަސޭހަ ބަގީޗާ ސިޓީ" އެއްގެ ގޮތުގައި މިއަތޮޅު ތަރައްގީ ކުރުމަކީ ވަރަށް އައުލާކަން ބޮޑުވެގެންވާ ކަމެކެވެ.

5. ހުރިހާ ވަސީލަތްތައް ހިމެނޭ، ޒަމާނީ، ބޮޑު އިސްލާމީ މަރުކަޒެއް އައްޑޫ ސިޓީގައި ބިނާ ކުރުމަށް ވެސް ކޯލިޝަންގެ ވައުދުތަކުގައި ވެއެވެ. މި އިސްލާމީ މަރުކަޒުގައި އެއްފަހަރާ 2000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތުގެ ޖާގަ އާއި، ލައިބްރަރީ އަކާއި ކޮންފަރެންސް ހޯލަކާއި ގުރުއާނާ ބެހޭ މަރުކަޒެއްވެސް ހިމެނޭނެ ކަމަށް ވެއެވެ.

6. މަސްތުވާ ތަކެތީގެ ވަބާއިން އަރައުގަތުމަށް ފަރުވާދޭ، ފެންވަރު ރަނގަޅު، ރިހެބިލިޓޭޝަން ސެންޓަރެއް އައްޑޫސިޓީ ގައި ގާއިމް ކުރުމަށް ވެސް ކޯލިޝަންގެ ވައުދުތަކުގައި ވެއެވެ. އަދި ހަމަ އެފަދައިން އަމާން ވެއްޓެއް ގާއިމް ކޮށްދިނުމަށް އެހީތެރި ވުމުގެ ގޮތުން ސިޓީގެ ހުރިހާ ސަރަހައްދު ތަކުގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުމުކުރުމަށް ވެސް ވައުދު ވެފައި ވެއެވެ.

7. މި ވައުދު ނާމާ ގައި އެއްގަމު އުޅަނދު އެއްރަށުން އަނެއް ރަށަށް އުފުލާ "ރޯރޯ-ފެރީ" ގެ ހިދުމަތް ތައާރަފް ކުރުމަށް ވެސް ވައުދު ވެފައި ވެއެވެ. ނަމަވެސް މީދޫ އާއި ހިތަދޫ ފަޅުން ބިން ހިއްކައި، ކަނޑިހެރަގެ ދެފަރާތުން ދެ ކަނޑުއޮޅި ބްރިޖަކުން ގުލާލައި، މުޅި އައްޑު އަތޮޅު އެއްފަސް ކޮށްލުމުން މިއަތޮޅުގެ އެއް ރަށުން އަނެއް ރަށްށް އުޅަނދު އުފުލަން "ރޯރޯ-ފެރީ" ގެ ހިދުމަތް ބޭނުންވާނެ ކަމަކަށް ނުބެލެވެއެވެ. އެހެނަކަމުން މިހިޔާލް ދުކޮށްލައި ބްރިޖްގެ ހިޔާލް އިސްކުރުމަކީ އައްޑޫ ސިޓީގެ ކުރިމަގުގެ ތަރައްޤީ އަށް އެންމެ ފައިދާ ހުރި ގޮތްކަމުގައި ފެނެއެވެ.

8. އެއް އިމާރާތަކުން، ފަސޭހަ ކަމާއި އެކު އައަޑޫގެ ރައްޔިތުނަނަށް ހިދުމަތް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ބޮޑު އޮފީސް އިމާރާތައް ބިނާ ކުރުމަށް ވެސް ކޯލިޝަންގެ ވައުދުތަކުގައި ވެއެވެ. މިހާރު އެހެރަ ކައުންސިލް އިދާރާއާ އިންވެގެން، ސްޓޭޓް ހައުސްގެ ފުރަގަހުގައިވާ ހުސް ބިމަކީ މިފަދަ އޮފީސް އިމާރާތެއް އަޅަން އެންމެ ރަނގަޅު އެއް ބިން ކަމަށް ފެނެއެވެ.

9. ޒަމާނީ ވަސީލަތްތަކާއި، ހިދްމަތް ތަކާއި، ޒަމާނީ އުޅަނދު ތަކާއި، އެއަރޕޯރޓް ލައުންޖް ތަކާއި، ރެސްޓޯރެންޓް ތަކާއި، ޑިއުޓީ ފްރީ ފިހާރަތައް ހިމަނައިގެން ސ.ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމަށް ވެސް ކޯލިޝަންގެ ވައުދުތަކުގައި ވެއެވެ.

10. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރީންނަށް ހިދުމަތް ދެވޭ ގޮތަށް ކަނޑަށް ޖައްސާ ބޯޓު (ސީޕްލޭން) ގެ ހިދުމަތް ގަމުގެ ވައިގެ ބަނދަރުގައި ފެށުމަށްވެސް ކޯލިޝަންގެ ވައުދުތަކުގައި ވެއެވެ. ދާދި ފަހުންވެސް މިފަދަ ހިދުމަތެއް ގަމުގައި ފެށި، ވިޔަފާރީގެ ގޮތުން ދެކޮޅު ނުޖެހިގެން މެދުކަނޑާލާފައި ވެއެވެ. އެހެންކަމުން ހުވަދު އަތޮޅުގެ ރިސޯރޓްތަކަށް ފަތުރުވެރިން ގަމުން އުފުލޭފަދަ ގޮތަކަށް ބައްޓަން ކޮށްގެން މެނުވީ ގަމުގައި ސީޕްލޭން ބޭސް އެއް ދެމެހެއްޓެނިވި ގޮތުގައި ކުރިއަކަށް ނުގެނެދެވޭނެ އެވެ.

11. ގަމަށް ޖައްސާ ބޯޓު ތަކަށް ކާނާ ތައްޔާރުކޮށްދޭނެ (އިންފްލައިޓް ކޭޓަރިންގެ ހިދުމަތް ދޭނެ) ތަނެއް ގާއިމް ކުރުމަށް ވެސް ކޯލިޝަންގެ އައްޑޫ ވައުދުތަކުގައި ވެއެވެ. މިއީ ވެސް ގަމުގެ ވައިގެ ބަނދަރުގެ ތަރައްޤީއާ ގުޅިފައިވާ މުހިއްމު ވައުދެކެވެ.

12. ކޯލިޝަންގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ދައުރުގައި ގަމުގެ ވައިގެ ބަނަދަރަށް މަދުވެގެން ބައިނަލްއަޤްވާމީ ފަސް މަންޒިލަކުން ދުވާލަކު މަދުވެގެން ފަސް ޝެޑިއުލް ފްލައިޓް ޖެއްސޭ ވަރަށް ގަމުގެ އޮޕަރޭޝަން ކުރިއެރުވުމަށް ވެސް ކޯލިޝަންގެ އައްޑޫ ވައުދުތަކުގައި ވެއެވެ.

13. ގަމުގައި ތަފާތު ތިން ހޮޓެލް ތަރައްޤީ ކޮށް، ބޮޑެތި ފަސިންޖަރު ލައިނަރ ގާތް ކުރެވޭ ވަރުގެ ކްރޫސް ޝިޕް ޓަރމިނަލެއް ބިނާ ކޮށް، މެރިނާ ހޮޓަލެއްގެ ގޮތުގައި ގަމުގެ "ދޫގަސް ހޮޓެލް" ތަރައްޤީ ކުރުމަށްވެސް ކޯލިޝަންގެ އައްޑޫ ވައުދުތަކުގައި ވެއެވެ.

14. އައްޑޫ އަކީ ދެކުނު ސަރަހައްދުގެ އެޑިއުކޭޝަނަލް ހަބެއްގެ ގޮތުގައި ތަރައްގީ ކޮށް، އެޑިއުކޭޝަނަލް ޓޫރިޒަމްއަށް ފުރުސަތު ހުޅުވާލުމުގެ ބައެއްގެ ގޮތުން ގަމުގައި މިހާރު ހުރި ޕައިލެޓްކަން ދަސްކޮސްދޭ މަރުކަޒު ނުވަތަ ފްލައިންގ ސްކޫލްގެ ހިދުމަތް ފުޅާކޮށް "އެއަރކްރާފްޓ އިންޖިނިއަރިންގް" ގެ ރޮނގުން ކިޔަވައިދޭ ތައުލީމީ މަރުކަޒެއް ގަމުގައި ގާއިމް ކުރުމަށްވެސް އައްޑޫ ވައުދުނާމާ ގައި ވެއެވެ. މިފަދަ ގޮތަކަށް ފްލައިންގ ސްކޫލާއި "އެއަރކްރާފްޓ އިންޖިނިއަރިންގް" ގެ ރޮނގުން ކިޔަވައިދޭ ތައުލީމީ މަރުކަޒެއް ގަމުގައި ގާއިމް ވުމުން ދިވެހީންގެ އިތުރުން ބޭރު ޤައުމުތަކުގެ ކުދީންވެސް ޕައިލެޓް ކަމާއި އެއަރކަރާފްޓް އިންޖިނިއަރިންގ ގެ ރޮނގުން ކިޔަވަން ރާއްޖެ އަނނާނެއެވެ.

15. އިންވެސްޓްމެންޓް އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ޑިއުޓީ އާއި ޓެކްސް ކުޑަކޮށް، ވިޔަފާރި ވެރީންނާއި އިންވެސްޓަރުންނަށް ޑިއުޓީގެ ގޮތުންނާއި ޓެކްސްގެ ގޮތުން ލުއިތަކެއް ލިބޭ ސަރަހައްދަކަށް އައްޑޫ ހެދުމަށް ވެސް އައްޑޫ ވައުދުނާމާ ގައި ވެއެވެ. މިކަން ހަމަ ޔަގީނުންވެސް ވެގެން ދާނީ އައްޑޫގެ ތަރައްގީއަށް ބޭނުންވާ އިންވެސްޓްމެންޓް އައްޑޫސިޓީ އަށް ގެނައުމުގެ އެންމެ މުހިއްމު އެއް ސަބަބަކަށެވެ.

16. "އައްޑޫ ޓްރޭޑިންގ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދައި ވިޔަފާރިވެރިންނަށް ފަސޭހަކަމާއި އެކު، ހެޔޮ އަގުގައި ތެޔޮ، ހިލަ، ހިލަވެލި، ސިމެންތި، އަދި ކާޑުގެ ބާވަތްތައް ސީދާ އައްޑޫ އަށް އެތެރެކުރުމުގެ ހިދްމަތް ފެށުމަކީ ވެސް ކޯލިޝަންގެ ވައުދެކެވެ. މިފަދަ "އައްޑޫ ޓްރޭޑިންގ ކޯޕަރޭޝަން" އެއް ވެގެންދާނީ އެސް.ޓީ.އޯ ފަދަ ކުންފުންޏަކަށެވެ. ނަމަވެސް "އައްޑޫ ޓްރޭޑިންގ ކޯޕަރޭޝަން" އިން ރީޓެއިލް ވިޔަފާރިއެއް ނުކުރާނެއެވެ. މުޅިންވެސް ކުރާނީ މަތީގަ ބަޔާން ކޮށްފައިވާ ފަދަ އަސާސީ ތަކެތި ސިދާ އައްޑޫ އަށް އިމްޕޯރޓް ކޮށް ވިޔަފާރިވެރީންނަށް ހޯލްސޭލް ކުރުމުގެ ވިޔަފާރިއެވެ.

17. ދެކުނުގެ "ސަރަހައްދީ ބަނދަރު" އައްޑޫގައި ތަރައްޤީ ކޮށް ހިންގުމަކީ ވެސް ކޯލިޝަންގެ ވައުދެކެވެ. މިހާރު އޮތް "ހިތަދޫ ޕޯރޓް" ގާއިމް ކޮށްފައިވާ ސަރަހައްދާއި އެސަރަހައްދުގެ އޮއި ހުރި ގޮތުން ދެކުނުގެ ސަރަހައްދީ މައި ޕޯރޓްގެ ގޮތުގައި އެތަން ތަރައްޤީ ކުރަން ދަތިވާނެ ކަމަށް ފެނެއެވެ. އެހެންކަމުން އޭގެ ބަދަލުގައި މީދޫ ފަޅުން ބިން ހިއްކައިގެން ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނަދަރެއް ހަދައި، ދެކުނުގެ ސަރަހައްދީ މައި ބަނދަރަކީ އެތަން ކަމުގައި ހަދަން ފެނެއެވެ. އަދި އެބަނދަރާ އިންވެގެން ތަފާތު ވައްތަރުގެ ފެކްޓަރީ ތަކާއި، ވެއަރހައުސް ތަކާއި ޑޮކްޔާރޑެއް ހަދަން ފެނެއެވެ. މީދޫގައި ޑޮކްޔާރޑެއް ހެދުމަށް މިހާރުވެސް ކޯލިޝަންގެ ވައުދުނާމާ ގައި އެބައޮތެވެ.

18. އެމް.އާރ.އައި އަދި ސީ.ޓީ.ސްކޭން ފަދަ ޒަމާނީ މުހިއްމު ހިދްމަތްތަކާއި އެކު ފުރިހަމަ ޓާރޝަރީ ހޮސްޕިޓަލެއް އައްޑޫގައި ގާއިމް ކުރުމަކީ ވެސް ކޯލިޝަންގެ ވައުދުނާމާގެ އެއް ވައުދެވެ. މިފަދަ ގޮތަކަށް ބައްޓަން ކުރެވިފައިވާ ހޮސްޕިޓަލެއް އައްޑޫ ކޮންވެންޝަން ސެންޓަރ ހުރި އިމާރާތުގައި މިހާރުވެސް ހަދަމުން އެބަދެއެވެ. މިތަން މިހާރު ހަދަމުންދާ ގޮތަށް ބަދަލު ނުގެނެސް ފުރިހަމަ ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ދެކުނުގެ ސަރަހައްދީ މައި ހޮސްޕިޓަލްގެ ގޮތުގައި ފުރިހަމަ ކުރަން ފެނެއެވެ. މި ޓާރޝަރީ ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ ޓްރޯމާ ސެންޓަރަކާއި ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ވަސީލަތްތަކާއި ޕެރަމެޑިކްސް އާއި އެކު ޒަމާނީ އެމްބިއުލޭންސްގެ ހިދްމަތް ހުންނާނެ ކަމަށް ކޯލިޝަންގެ ވައުދުނާމާގައި ވެއެވެ. އަދި އެތަން ހުޅުވުމާ އެކު މިހާރުގެ ހިތަދޫ ހޮސްޕިޓަލް ޕްރައިވެޓައިޒް ކޮށް، ބިޑަށް ލައިގެން އޭ.ޑީ.ކޭ ފަދަ ގާބިލް އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ހިންގުމަކީ ދެކުނު ސަރަހައްދުގެ ސިއްހީ ހިދުމަތްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ފެނެއެވެ.

19. އައްޑޫސިޓީ އަކީ ދެކުނުގެ އެޑިއުކޭޝަނަލް ހަބް ނުވަތަ މަރުކަޒުގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި، ގަމުގެ ފްލައިންގ ސްކޫލްގައި ޕައިލެޓްކަމުގެ އިތުރު ފަންތީގެ ކޯސްތައް ތައާރަފް ކޮށް، ފްލައިންގ ސްކޫލް އިތުރަށް ތަރައްޤީކޮށް، އެތަނާ އިންވެގެން އައަރކްރާފްޓް އިންޖިނިއަރިންގ ކިޔަވައިދޭ މަރުކަޒެއް ތަރައްޤީ ކޮށް، "ކްލައިމެޓް ޗޭންޖް ރިސާޗް ސެންޓަރެއް" އައްޑޫ ގައި ގާއިމް ކޮށް، ޔުނިވަރސިޓީގެ ޑިގްރީ ކޯސްތަކުގެ ފުރުސަތުތައް އައްޑޫގައި އިތުރު ކުރުމަކީ ވެސް ކޯލިޝަންގެ ވައުދުނާމާގެ އެއް ވައުދެވެ. މިގޮތުން އެމް.އެން.ޔޫ އިން އައްޑޫ ގައި ހިންގާ ވޮކޭޝަނަލް ޓްރެއިނިންގ ފެކަލްޓީ، ފުރިހަމަ ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރަކަށް ބަދަލު ކޮށް އެތަނުގައި ރެފްރިޖަރޭޝަން، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ފަދަ ކޯސްތަކުން ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ކިޔެވޭނެ ފުރުސަތު އައްޑޫގައި ގާއިމް ކުރަން ފެނެއެވެ. ހަމަ އެފަދައިން އެމް.އެން.ޔޫ ގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީގެ ކެމަޕަހެއް ހަދައި ޓޫރިޒަމް ދާއިރާއިން އައްޑޫގައި ތިބެގެން ތަމްރީނު ހޯދޭނެ މަގު ފުރިހަމަ ކުރަން ފެނެއެވެ.

20. ވޮލީ ކޯޓް، ބާސްކެޓް ކޯޓް، ޓެނިސް ކޯޓް ފަދަ ކޯޓް ތަކާއި، ފުޓްބޯޅަ ދަނޑު ފަދަ ދަނޑު ހިމެނޭ ގޮތަށް "ސްޕޯރޓްސް ސެންޓަރެއް" ނުވަތަ ސްޕޯރޓްސް އެރީނާއެއް އައްޑޫސިޓީ ގައި ހެދުމަކީ ވެސް ކޯލިޝަންގެ ވައުދުނާމާގެ އެއް ވައުދެވެ. ހަމަ އެފަދައިން، ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި "ސްވިމިންގް ޕޫލް ކޮމްޕްލެކްސް" އެއް އައްޑޫގައި ހެދުމަށް ވެސް ވައުދުނާމާގައި ވެއެވެ.

21. ދިވެހި އަދި ބޭރުގެ ފުޓްބޯޅަ ޓީމުތަކަށް ޓްރެއިނިންގ ކޭމްޕް ހިންގޭނެ ފަދަ ވަސީލަތް ތައް ގާއިމް ކޮށް، މިކަމަށް ވެސް ހާއްސަ މަންޒިލެއްގެ ގޮތުގައި އައްޑޫ ތަރައްޤީ ކުރުމަކީ ވެސް ކޯލިޝަންގެ ވައުދެކެވެ. ހަމަ އެފަދައިން މެރަތަން، ރޯވިންގ، ފެތުން، ސައިކްލިންގ، ފެރަގްލައިޑިންގ، ސްކައި ޑައިވިންގ ފަދަ ކުޅިވަރު ކުޅެން ރާއްޖެއިންނާއި ރާއްޖޭން ބޭރުން އައްޑޫ އަށް ފަތުރުވެރީން އަންނާނެ ފަދަ ގޮތަކަށް، ސްޕޯރޓްސް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އައްޑޫސިޓީ ތަރައްޤީ ކޮށް އިޝްތިހާރު ކުރުމަކީ ވެސް ކޯލިޝަންގެ ވަރަށް ރަނގަޅު ވައުދެކެވެ.

22. މުނިފޫހި ފިލުވުމުގެ ފުރުސަތު އައްޑޫސިޓީ ގައި އިތުރު ކުރުމުގެ ގޮތުން ފުރިހަމަ އެންޓަރޓެއިންމެންޓް އެރީނާ އަކާއި ޒަމާނީ ސިނަމާއެއް ހެދުމަށްވެސް ކޯލިޝަންގެ ވައުދުނާމާގައި ވެއެވެ. ހަމަ އެފަދައިން އައްޑޫގެ ސަގާފީ ދިރިއުޅުން ދައްކުވައިދޭ ކަލްޗަރަލް ވިލެޖަކާއި ދާރުލް އާސާރެއް ގާއިމް ކުރުމާއި، ފޮޓޯގަރަފީ އާއި އާރޓްގެ ފަންނުވެރިކަން ދައްކައިދޭނެ އާރޓް ގެލެރީ އެއް ގާއިމް ކުރުމަކީ ވެސް ކޯލިޝަނުން ވެފައިވާ ވައުދެކެވެ.

23.ހުޅުމީދޫ ގައި ދާދި ފަހުން އިފްތިތާހް ކުރެވުނު ފިޝަރީޒް ކޮމްޕްލެކްސް ގައި ދަޅު މަސް ބަންދު ކުރުމުގެ ހިދްމަތް ފަށައި އައްޑޫގައި ދަޅުމަސް ބަންދުކުރާ ފެކްޓަރީ އެއް ހެދުމަކީ ވެސް ކޯލިޝަނުން ވެފައިވާ މުހިއްމު ވައުދެކެވެ.

24. އައްޑޫސިޓީގެ މަސްވެރީންނަށް އެން ހޯދުމަކީ ވަރަށް ބޮޑު ތަކްލީފަކަށް ވެފައިވާއިރު، އެކަން ހައްލުކުރުމުގެ ގޮތުން އެންމަސް އާލާ ކޮށްގެން ފަސޭހަ ކަމާއި އެކު، ހެޔޮ އަގުގައި މަސްވެރީނަށް ލިބޭނެ ގޮތް ހެދުމަކީ ވެސް ކޯލިޝަނުން ވެފައިވާ މުހިއްމު ވައުދެކެވެ. ކުރިއަށް އޮތްތާގައި ގުދުރަތީ ގޮތުން ލިބޭ އެން ކޮޅަށް އެކަނި ބަރޯސާ ކޮށްގެން މަސްވެރީންނަށް ފުދޭ ވަރަށް އެން ލިބުން ވާނީ ވަރަށް ބޮޑު ދަތި ކަމަކަށެވެ. އެހެން ކަމުން އެންމަސް ވެރިކަން އާލާ ކޮށް ވިޔަފާރި އުސޫލުން އައިސް ވިއްކާ ގޮތަށް މަސްވެރީންނަށް އެންމަސް ވިއްކާނެ ނިޒާމެއް ގާއިމް ކުރުމަކީ އައްޑޫގެ އިތުރުން ރާއްޖޭގެ މަސްވެރި ހުރިހާ ސަރަހައްދެއްގައި ކުރަން ޖެހިފައިވާ ވަރަށް މުހިއްމު މަސައްކަތެކެވެ.

25. އައްޑޫސިޓީ ގައި މިހާރު ހުރި އައިސް ޕްލާންޓް ޒަމާނީ ފެނަވަރަށް އަޕްގްރޭޑް ކޮށް، ޒަމާނީ ފެންވަރުގެ އިތުރު އެއް އައިސް ޕްލާންޓް އައްޑޫގައި ގާއިމް ކުރުމަކީ ވެސް މިސަރަހައްދުގެ މަސްވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން ކޯލިޝަނުން ވެފައިވާ މުހިއްމު ވައުދެކެވެ. ހަމަ އެއާ އެކު ބޮޑު ކަންނެލީގެ މަސްވެރިކަން ފުޅާ ކޮށް އައްޑޫސިޓީ ގައި ބޮޑު ކަންނެލި ޕްރޮސެސް ކޮށް އައްޑޫ އިން އެކްސްޕޯރޓް ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމަކީ ވެސް ކޯލިޝަންގެ ވައުދެކެވެ. އެއާއެކު ބޮޑު އަގުގައި ވިކޭ ބްލޫފިން ޓިއުނާގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކޮށް، މިޔަރު ހިމާޔަތް ކޮށްފައި އޮންނަ ޤާނޫނު އިސްލާހް ކޮށް، މިހާރު ބައެއް ހިސާބުތަކުގައި ޕެސްޓަކަށް ވެފައިވާ ކަށި މިޔަރު ފަދަ ބައެއް ވައްތަރުގެ މިޔަރު (ކޮންޓްރޯލް ކޯޓާއެއްގެ ދަށުން ނަމަވެސް) ހިފުމުގެ ހުއްދަ ދިނުމަކީ ވެސް މަސްވެރި ކަމުގެ ސިނާއަތަށް ކުރިއެރުން ލިބިގެންދާނެ ދެކަމެވެ.

26. އައްޑޫގެ ދަނޑުވެރިކަން ތަރައްްޤީ ކުރުމުގެ އިތުރުން މާމެލާމެލީގެ ދަނޑުވެރިކަމާއި މާމެލާމެލީގެ ވިޔަފާރި އައްޑޫގައި ގާއިމް ކޮށް، މިކަމަށް ދަނޑުވެރީން ތަމްރީނު ކޮށް މާމެލާމެލީގެ ދަނޑުވެރިކަން އިންޑަސްޓްރީ އަކަށް ހެދުމަކީ ވެސް ކޯލިޝަނުން ވެފައިވާ މުހިއްމު، މުޅިން އާ ވައުދެކެވެ.

27. "މައިސް" ގެެ ހިދުމަތްތައް އައްޑޫސިޓީ އިން ލިބޭ ގޮތަށް ކޮންފަރެންސް އަދި އެގްޒިބިޝަން ޓޫރިޒަމް އަށް ވެސް ހާއްސަ މަންޒިލެއްގެ ގޮތުގައި އައްޑޫގެ ޓޫރިޒަމް ބައްޓަން ކޮށް އެކަމާ ގުޅޭ ވަސީލަތްތަކާއި ހިދްމަތްތައް ތަރައްޤީ ކުރުމަށް ވެސް ކޯލިޝަންގެ "ޖަޒީރާ ރާއްޖެ" ވައުދުނާމާ ގައި ވެއެވެ.

28. އައްޑޫސިޓީގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މުނިފޫހި ފިލިވުމަށް އެހީތެރި ވުމުގެ ގޮތުން ދިވެހީންނާއި ބިދެސީ ވޯރކްޕާރމިޓް ހޯލްޑަރުންނަށް ޗުއްޓީ ހޭދަ ކުރެވޭފަދަ ޕިކްނިކް އައިލޭންޑްގެ ތިން ރަށް އައްޑޫ ސިޓީގައި ގާއިމް ކުރުމަށް ވެސް ކޯލިޝަންގެ ވައުދުނާމާ ގައި ވެއެވެ. މިގޮތުން ގާއިމް ކުރެވޭ ޕިކްނިކް އައިލޭންޑަކީ ހަމައެކަނި މޫދަށް އެރިލެވޭ ގޮތަށް ތަރައްގީ ކުރާ ރަށްރަށް ކަމަށް ނުހަދާ، އޭގެ ބަދަލުގައި އެފަދަ ޕިކްނިކް އައިލޭންޑް ތަކަކީ ދަށްވެގެން 2 ތަރީގެ ފެނަވަރަށް ކޮޓަރިއާއި ކެފޭއާއި އެފަދަ އަސާސީ ވަސީލަތްތަކާއި، ވޯޓަރސްޕޯރޓްސްގެ ހިދުމަތާއެކު ތަރައްގީ ކުރެވޭ "ދިވެހި ރިސޯރޓް" ތަކެއް ކަމުގައި ހެދުމަކީ އެދެވިގެންވާ ކަމެކެވެ.

29. ކޯލިޝަންގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ގައިވާ ވައުދުތަކުގެ ތެރެއިން އައްޑޫ ސިޓީގެ ޓޫރިޒަމް ފުޅާ ކުރުމަށް އިތުރު 8000 އެނދު ބިނާ ކުރުމަށް ވައުދުވެފައި ވުމަކީ މިސިޓީގެ ތަރައްޤީ އަށް އެދޭ ކޮންމެ މީހަކު ވެސް އުފާ ކުރާނެ ކަމެކެވެ. އަށްހާސް އެނދަކީ 4000 ގެސްޓް ކޮޓަރި އެވެ. އެއީ ރިސޯރޓް، ގެސްޓް ހައުސް، މެރިނާ ހޮޓެލް ފަދަ ތަންތަނުގެ ކޮޓަރި ހިމެނޭ ގޮތަށެވެ. މި ވައުދުނާމާ ގައިވާ ގޮތުން އައްޑޫގައި ގެސްޓް ހައުސް އާއި ރިސޯރޓް އަދި މެރިނާ ހޮޓެލް އިތުރު ކުރާނީ މައިގަނޑު ގޮތެއްގައި ބިން ހިއްކައިގެން ނެވެ. އެއާއެކު މިސިޓީގައި އިތުރު 8000 ވަޒީފާ އުފެއްދުމަށް ވެސް ކޯލިޝަންގެ ވައުދުނާމާ ގައި ވެއެވެ. އެގޮތުން "ހަންކެޑެ" ސަރަހައްދުގައި 400 އެނދު ނުވަތަ 200 ކޮޓަރީގެ ރިސޯރޓަކާއި، ހެރެތެރެގެ ދެކުނުން އެރަށާ އެއްފަޅެއްގައި އޮތް "މުލިކެޑެ" ގައި 300 ކޮޓަރީގެ ރިސޯރޓެއް ތަރައްގީ ކުރާނެ ކަމަށް ކޯލިޝަންގެ މެނިފެސްޓޯ ގައި ވެއެވެ. އަށްހާސް އެނދު އިތުރު ކުރުމުގެ ގޮތުން އައްޑުސިޓީގެ މީހުން އުޅޭ ހުރިހާ ރަށެއްގައި "ޓޫރިޒަމް ޒޯން" ތަކެއް ކަނޑަ އަޅައި، އެޒޯން ތަކުގައި ވެލިއަޅައިގެން ބީޗް ހަދައި، ހޮޓެލް، ގެސްޓް ހައުސް، މެރިނާ ފަދަ ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމް ކުރުމަށް ވެސް ކޯލިޝަންގެ ވައުދުނާމާ ގައި ވެއެވެ.

ކޯލިޝަންގެ "ޖަޒީރާ ރާއްޖެ": އައްޑޫސިޓީގެ ވައުދުނާމާ ގައިވާ ކަންތައްތައް، މަތީގައިވާ ފަދައިން ގާއިމް ކޮށް ފުރިހަމަ ކުރެވުމާ އެކު ދިވެހި ރާއްޖޭގެ ދެކުނުގައި ވަރުގަދަ، ނަމޫނާ ސިޓީ އެއް ގާއިމްވެގެން ދާނެއެވެ. މިއީ އައްޑޫސިޓީގެ ރައްޔިތުންގެ އިތުރުން މުޅި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބޭނެ ކުރިއެރުމެކެވެ. އެހެނީ މިފަދަ ސިޓީއެއް ގާއިމް ވުމާ އެކު މާލެ ނޫނަސް ރާއްޖޭގެ އެހެން ސަރަހައްދު ތައްވެސް ސިޓީ ފެނަވަރަށް، ޖަޒީރާ އުސޫލުން ތަރައްގީ ކުރެވިދާނެ ކަން ސާބިތުވެގެން ދާނެއެވެ. އައްޑޫސިޓީގެ ރައްޔިތުން ވެސް އަދި މުޅި ދިވެހި ޤައުމުގެ ދިވެހި ރައްޔިތުންވެސް ތިބީ މި ނަމޫނާ، "ބަގީޗާ ސިޓީ" ވުޖޫދަށް ގެނައުމަށް ކެތް މަދުވެފައެވެ.