Last Updated: March 29, 11:08
Friday, March 29, 2024
ޚަބަރު

ޔާމީންގެ މެނިފެސްޓޯގަ އިސްލާމްދީން ހިމާޔަތްކުރުމަށް ސިޔާސަތުތަކެއް ނެތް: އަނީލް

ކެންޑިޑޭޓް ނަމްބަރު 1 ގެ އާންމުކޮށްފައިވާ މެނިފެސްޓޯގައި، އިސްލާމްދީން ހިމާޔަތްކުރުމަށް ސިޔާސަތުތަކެއް ނެތްކަމަށް ޝެއިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ޝެއިޚް އަނީލް ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމްދީނާއި ގުޅޭ ކަންތައްތަކުގައި މި ހިނގަމުންދާ ދައުރުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ސިޔާސަތެއް ކެންޑިޑޭޓް ނަމްބަރު 1 ގައި ނެތުމަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ގައުމުގައި ހިނގާ ތަފާތު ބޮޑެތި ކަންތަކާމެދު ޝެއިޚް އަނީލް އަކީ އަބަދުވެސް އެ ބޭފުޅާގެ ޚިޔާލު ވިދާޅުވާ އަދި ދީނީ ކަމެއް ނުހިނގަންޖެހޭ ގޮތަކަށް ހިނގާ ކަމަށްވާ ނަމަ އެކަމަކަށް އަލިއަޅުއްވާލައްވާ އަބަދުވެސް ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.

އެގޮތުން ޝެއިޚް އަނީލްވަނީ 'ރިޔާސީ ނަސޭހަތް 2018' ގެ ނަމުގައި ޓުވީޓާ މެދުވެރިކޮށް ފޮނުވާ ނަސޭހަތުގެ ބަސްކޮޅުގައި ވަކި ގޮތަކަށް ވޯޓުލުމަށް ޝަރުތުކޮށް ދެވޭ ކޮންމެ ހަދިޔާއަކީ ކަނޑައެޅިގެން ރިޝްވަތެއް ކަމަށް ވިދާޅުވެފައެވެ. އަދި ރިޝްވަތަކީ ޙަރާމް އެއްޗެއް ކަމަށާއި އެ ފައިސާއިން ކައިގެން ހަށިގަނޑުގައި ޖަހާ މަހަށް އައުލާކަން ވެގެން ވަނީ ނަރަކަ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.