ކުޅިވަރު

ވެލެންސިއާ އިން ބާސާ ހިފެހެއްޓިއިރު ސެލްޓާ ވިގޯ ބަލިކޮށް ސެވިއްޔާ އެއްވަނަ އަށް

ބާސެލޯނާގެ ލިއޮނަލް މެސީ (ކ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ ޑެނިސް ޗެރިޝޭފް (ވ) މަސައްކަތް ކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާ އިން ބާސެލޯނާ މޮޅުވިޔަނުދީ ހިފެހެއްޓިއިރު ސެލްޓާ ވިގޯ ބަލިކޮށް ސެވިއްޔާ އެއްވަނަ އަށް ޖެހިލައިފިއެވެ.

ވެލެންސިއާގެ ދަނޑުގައި ބާސާ އާ ދެކޮޅަށް އެޓީމު ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު ސެލްޓާ ވިގޯ އަތުން ސެވިއްޔާ މޮޅުވީ 2-1 އިންނެވެ.

ސެވިއްޔާ އެއްވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ބާސާ އާއި ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް އަށް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު ރެއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ރޭގެ މެޗު ފަށައިގެން ދެވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑުނަގައިދިނީ އާޖެންޓީނާ ޑިފެންޑަރު އެޒެކީލް ގަރާއި އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބާސާގެ ކުޅުންތެރިންނަށް ދިފާއުނުކުރެވިގެން އުޅެނިކޮށް ގަރާއި އަށް ލިބުމުން އޭނާ ވަނީ ފަސޭހަކަމާ ގޯލަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން، ވެލެންސިއާގެ ލީޑް ފުޅާކުރުމަށް އެޓީމުގެ ބެލްޖިއަމް ފޯވާޑް މިޝީ ބަޓްޝުއާޔީ އަށް ދެ ފުރުޞަތު ލިބިގެންދިޔަ ނަމަވެސް ބޭނުންހިފޭގޮތެއްނުވިއެވެ. އެގޮތުން، އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ބާސާގެ ގޯލްކީޕަރު މާކް އަންދްރެ ޓަ ސްޓެގަން ވަނީ މަތަކޮށްފައެވެ.

މިމެޗުގައި ބާސާ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ލިބުނު ފުރަތަމަ ފުރުޞަތުގައި މެޗުގެ 19 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު އޭގެ ދެ މިނެޓުފަހުން، ލިއޮނަލް މެސީ ފޮނުވާލި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު ނޯބާޓޯ ނެޓޯ މަތަކުރިއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ބާސާ އަށް އެއްވަރުކޮށްދިނީ ސުއަރޭޒް ދިން ޕާހަކުން މެސީ އެވެ. މިއީ ސެވިއްޔާގެ ޕެނަލްޓީއޭރިޔާ ބޭރުން ގޯލްގެ ކަނާތް ފަރާތު ތިރީ ކަނަށް އަމާޒުކޮށްލައިގެން މެސީ ކާމިޔާބުކުރި ރީތި ގޯލެކެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 އިން އެއްވަރުވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފުގައި ބާސާގެ ފިލިއްޕޭ ކުޓީނިއޯ އާއި މެސީ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ވެލެންސިއާގެ ކީޕަރު ނެޓޯ އެވެ.

މިއީ ލީގުގައި ބާސާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެތެރެއިން އެއްވަރުވި ތިންވަނަ މެޗެވެ.

ސެވިއްޔާގެ ދަނޑުގައި ސެލްޓާ އާ ބައްދަލުކުރި މެޗުގައި އެޓީމަށް ލީޑް ނަގައިދިނީ 38 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާ އެވެ. މިއީ އެޓީމުގެ ޖެސޫސް ނަވާސް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ސެވިއްޔާ ކުރީގައިއޮވެގެންނެވެ.

ސެވިއްޔާގެ ފޯވާޑް އަންދްރޭ ސިލްވާ (މ) އަތުން ބޯޅަ ހޯދަން ސެލްޓާ ވިގޯގެ ކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ލަލީގާ

މިމެޗުގެ ދެވަނަ ހާފު ފެށިގެން، ސެލްޓާ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް އެޓީމަށް އިތުރު މައްސަލަތައް ދިމާވީ މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުގެ މެކްސިކޯ ޑިފެންޑަރު ނެސްޓަ އަރައޫހޯ އަށް ސްޕެއިނުގެ ރެފްރީ ގޮންޒާލޭސް ފުއެރްޓޭސް ދެވަނަ ރީނދޫ ކާޑެއް ދެއްކުމަށްފަހު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

އޭގެ ތިން މިނެޓުފަހުން، ސެވިއްޔާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން ސަރާބިއާ ތަނަވަސްކުރި ފުރުޞަތަކުން އެޓީމުގެ ފޯވާޑް ވިސާމް ބެން ޔެޑާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

އޭގެ ފަހުން، ސެލްޓާގެ އިތުބާރު ފޯވާޑް އިއާގޯ އަސްޕާސް އާއި ޑެނިސް އެކާޓް އަށް ލިބުނު ފުރުޞަތުތަކުގައި އެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ސެވިއްޔާގެ ގޯލްކީޕަރު ތޯމަސް ވަސްލިކް މަތަކުރިއެވެ.

މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް، ސެލްޓާ އަށް ސުން ކަނޑުވާލައިދިނީ މެކްސީ ގޯމޭޒް ދިން ބޯޅައަކުން ސޯފިއާން ބޫފަލް އެވެ.

މިމުބާރާތުގައި ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ރެއާލް ބެޓިސް އަތުން މޮޅުވެފައެވެ. މިމެޗުގައި އެތުލެޓިކޯ އިން ކާމިޔާބުކުރި ހަމައެކަނި ގޯލް، މެޗުގެ 74 ވަނަ މިނެޓުގައި ތޯމަސް ޕާޓޭ ތަނަވަސްކުރި ފުރުޞަތަކުން ޖަހައިދިނީ އެންހެލް ކޮރެއާ އެވެ.