Last Updated: April 24, 23:11
Thursday, April 25, 2024
ރިޕޯޓް

ނަމަނަމަ އަހުމަދު ސިއްދީގުކަމަށް ނުވައްޗެވެ.

މަސައްކަތުގެ މާހައުލުގައި ހިތްހަމަނުޖެހި މާޔޫސްވާގޮތް މެދުވެރިވެއްޖެނަމަ ފަހަކަށްއައިސް އަޅުގަޑުކުރާ ކަމެއް އޮވެއެވެ. އެއީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގުގެ ސޯޝަލް މީޑިއާ ހަރަކާތްތައް ބަލައިލުމެވެ. އޭނާގެ ޓުވީޓުތައް ބަލައިލީމާ ދެކަމެއް ހާސިލުވެއެވެ. ފުރަތަމަ ކަމަކީ ފޫހިފިލައި ހެވޭގޮތް ވުމެވެ. ދެވަނަ ކަމަކީ ރައީސް ޔާމީނުގެ ސަރުކާރުގެ ދޯދިޔާކަން ވަޒަން ކުރެވުމެވެ.

ފޫހިފިލައި ހެވޭގޮތްވަނީ އޭނާގެ ބަސްމަގުންނެވެ. ލިޔާތަކެތި ހަގީގަތާ ދުރުކަމުންނެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ކޮމެޑީކަން ބޮޑުކަމުންނެވެ. ސަރުކާރުގެ ދޯދިޔާކަން ވަޒަންކުރާ މީޓަރަކަށް ސިއްދީގުގެ ޓުވިޓަރ އެކައުންޓް ފުދެއެވެ. ބައިނަލްއަގުވާމީ ގުޅުންތައް ބައްޓަންވުމުގެ ހަމަތަކާއި ސިޔާސީ ޕްރޮޓޮކޯލަކީ ސިއްދީގު އެއްވެސް މިންވަރަކަށް ދަންނަ ނުވަތަ ތަބާވާ ކަންކަމެއް ނޫނެވެ. ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ ފަރާތުން މަގުމަތީގެ އެކްޓިވިސްޓެއްގެ ބަސްމަގާއި އަމަލު ފެންނަކަމަށް ވަނީވިއްޔާ އެސަރުކާރަކީ ކޮންފެންވަރެއްގެ ސަރުކާރެއްކަން ވަޒަންކުރުން ދަތިކަމަކަށްވެސް ނުވާނެތާއެވެ.

ޔާމީނުގެ ސަރުކާރުގެ ކުރީކޮޅު އެއްދުވަހަކު ސިއްދީގާއި އަޅުގަޑު ބައްދަލުވެއްޖެއެވެ. މީނާއަކީ ރައީސް މައުމޫނުގެ މާބޮޑު ސަޕޯޓަރަކަށްވީމާ ވާހަކަ ދެއްކީ މައުމޫނާ ބެހޭގޮތުންނެވެ. ޔާމީނު ވެރިކަމަށް ގެންނަން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ މައުމޫން ނޫންހޭ އެމަނިކުފާނަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން އެބައޮތްހޭ އަހައިލީމާ މޭމަތީގައި އަތުން ޖަހާލާފައި ބުންޏެވެ. ރައީސް މައުމޫނަށް ދެރަގޮތެއް ހެދޭނީ މި މޭ ފޫއަޅުވައިފައެވެ. މިއީ އަބަދުވެސް އެމަނިކުފާނަށްޓަކައި ދިއްކުރެވިފައިވާ އައްޑަނައެކެވެ. އެތެރެހަށީގައި ނޭވާ ދައުރުވާހާ ހިނދަކު އެމަނިކުފާނަށް ދެރަގޮތެއް މެދުވެރިވިޔަކަ ނުދޭނަމެވެ.

މިވާހަކައެއް ދެކެވުނުތާ ގިނަދުވަސްތަކެއްނުވެ ޕީޕީއެމް އިރައިގެން ހިގައްޖެއެވެ. އެއްބަޔަކު ޔާމީނުގެ އޮޑިޔަށް އަރައިފިއެވެ. އަނެއްބަޔަކު އެރީ ރައީސް މައުމޫނުގެ އޮޑިޔަށެވެ. ދެއަތަކަށް ހޫރިހޫރި ހުރެފައި އެއްކަލަ ސިއްދީގު އެރީ ޔާމީނުގެ އޮޑިޔަށެވެ. ޕީޕީއެމް ދެބައިވި ދުވަސްވަރު ކޮންމެވެސް ރަސްމީ ކަމެއްގެ ތެރެއިން ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާއާ ދިމާވެގެން ސިއްދީގު މިހެދީ ކިހިނެއްތޯ އޭނާހުރީ ކޮންފަޅިއެއްގައިތޯ އަޅުގަޑު ސުވާލެއް ދަންނަވައިފީމެވެ. ޔުމްނާ ކުޑައިކޮށް ހިނިފުޅުވަޑުވާފައި ވިދާޅުވިއެވެ. ސިއްދީގު ހުރިގޮތެއް އެނގޭނީ ހަމަ ސިއްދީގަށެވެ. މިވެސް ދުވަހެކެވެ. އެވެސް ދުވަހެކެވެ.

ރިޔާސީ އިންތިޚާބުވެސް ނިމުނުފަހުން އަދި ދަރުބާރު ފެކްޝަނުގެ ކޮންގްރެސްވެސް ބޭއްވުނު ފަހުން ޕީޕީއެމްގެ މިލްކުވެރިކަމާމެދު އެއްކަލަ ސިއްދީގު ޓީވީއަށް އަރައި ވާހަކަ ދައްކަނިކޮށް އަޑުއިވިއްޖެއެވެ. ނިކަން ރަގަޅަށް ސަމާލުކަންދީގެން ހުއްޓައި މީނާ މިކިޔަނީ ކައުންސިލްގެ ކޯރަމަކީ އެގާރަޔޯލައެވެ. ޔާމީނުގެ ފަޅީގައި ސަތާރަ މީހުން އަދި މައުމޫނުގެ ފަޅީގައި ދިހަމީހުންނޯލަައެވެ. ގަވާއިދާ ޚިލާފަށް ކައުންސިލް ބައްދަލުވުމެއް މައުމޫނު ބޭއްވެވީމާ ކައުންސިލް ދޫކޮށް ފަހަރަކު މީހަކު ފަހަރަކު މީހަކު ނިކުންނަމުންގޮސް ބައްދަލުވުމުގައި އެންމެ އެގާރަ މީހުން ތިއްބައި މީނާވެސް ނުކުތީޔޯލައެވެ. މީނާ ނިކުތީމާ ކޯރަމް ގެއްލުނީޔޯލައެވެ. ދެން މީނާޔަށް މައުމޫނު ވިދާޅުވިޔޯލައެވެ. ބަލަ ސިއްދީގުވެސްތޯއެވެ. ތިމަންނާ ދެންނެވީމުޔޯލައެވެ. މަނިކުފާނެއްކަމަކު ގަވާއިދާ ޚިލާފަށް ކަންތަކެއް ނުކުރެއްވޭނެއެވެ. މި ބައްދަލުވުމަކީ މަނިކުފާނު ހައްދަވާ ގޯހެކެވެ. އެހެންވީމާ ގޯހެއްގައި ބައިވެރިނުވާންވެގެން ނިކުންނަނީއެވެ.

މިމޭރުމަކުން ސިއްދީގު ވާހަކަ ދެެއްކިތާ އެއްދުވަސްފަހުން އަޅުގަޑުގެ ރަސްމީ މަސައްކަތުގެ ތެރެއިން މައުމޫނު ރިފޯމް މޫމަންޓްގެ އިސް ދެބޭފުޅެއްކަމަށްވާ އަބްދުލް އަލީމާއި އާމިނަތު ނާދިރާއާ ދިމާވެއްޖެއެވެ. އެއްކަލަ ސިއްދީގު މިވެނިހެން އެވެނިހެން ވާހަކަ ދައްކައިފިނޫންތޯއޭ ރައްދެއްވެސް ނުދެއްވަނީތޯއޭ ދެންނެވީމާ ނާދިރާ އެއްްސެވިއެވެ. އަސްލުވެސް ސިއްދީގު ތިޔަހެން ކިޔައިފި ހެއްޔެވެ. އަޅުގަޑު އާދޭހޭ ދެންނެވީމާ ނާދިރާ ވިދާޅުވިއެވެ. އެބުނާ ކައުންސިލް ބައްދަލުވުން ބޭއްވުނު ދުވަހު ރައީސް މައުމޫނަށް ސިއްދީގު ފޮނުވި މެސެޖުތައް ފޯނުގައި އަދިވެސް އެހެރީއެވެ. ތިމަންނާޔަކީ އަނބިދަރިން ގޮވައިގެން މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ ނިކަމެތި މީހަކީމޭ ތިމަންނާޔަށް ޔާމީނު ވަޒީފާގެ ބިރު ދައްކަނީޔޭ އެހެންވީމާ ބައްދަލުވުން ދޫކޮށް ނިކުންނަން ތިމަންނާޔަށް މަޖުބޫރުވީޔޭ ވަރަށް ބޮޑަށް މާފުކުރައްވާށޭ ކިޔައިގެން މެސެޖު ފޮނުވަފޮނުވާފައި މިހާރު ގަދަބަސް ބުނާން ލަދެއްވެސް ނެތީއެވެ.

ޔާމީނުގެ ސަރުކާރުގެ ތެރެއިން ސިއްދީގު ކަހަލަ ކިތަންމެ ބަޔަކު އެބަފެނެއެވެ. އެއީ ރާއްޖޭގެ ސިޔާސީ ދާއިރާގެ މޫނުމަތި ކިލަނބުކުރާ ސަބަބެކެވެ. އެހެންވީމާ ނިންމައިލުމުގެ ކުރިން ދިވެހިންނަށް އަޅުގަޑު ކުރާ އިލްތިމާސަކީ މިއެވެ. ސިޔާސީ ދާއިރާގައި އުޅުނަސް އަދި އެހެން ދާއިރާއެއްގައި އުޅުނަސް ނަމަނަމަ އަހުމަދު ސިއްދީގުކަމަށް ނުވައްޗެވެ.