Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

މަރަދޫން ވަޅި ޖެހި ޒުވާނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި!

ރޭގެ މާރާމާރީގައި ޒަހަމްވެ ފަރުވާ ދެމުން އަންނަ އީވާން.

މަރަދޫގައި ރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ރޭ 11:00 ހާއިރު ހިންގި މާރާމާރީގައި ޒަހަމްވެ ފަރުވާ ދެމުންދަނީ މަރަދޫ، ބޯޅަދަނޑިގެ، މުހައްމަދު އީވާން (22އ)އެވެ. އޭނާގެ ބުރަކަށީގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު ކަރަށްވެސް ޒަހަމްތަކެއް ލިބިފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އީވާންގެ ފުއްޕާމެއަށް ގެއްލުން ލިބި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރވަނީ އިރުޝާދު ދީފައެެވެ. އޭނާއަށް މިވަގުތު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އޭނާ މާލެ ގެންދިއުމުގެ މަސައްކަތް އާސަންދަ މެދުވެރިކޮށް ކުރަމުން އައި ނަމަވެސް ފުރުވާލެވޭނީ ހަވީރު 4 ޖަހާއިރު އޮންނަ ފްލައިޓަކުންކަމަށް ހަބަރު ލިބެއެވެ.

މިކަމާއި ގުޅޭ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ރަސްމީ ޖަވާބެއް ލިބިފައި ނުވެއެވެ.

ރޭގެ މާރާމާރީގައި އިތުރު ޒުވާނަކުވެސް ވަނީ ޒަހަމްވެފައެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. މާރާމާރީ އާއި ގުޅިގެން ބަޔަކު ހައްުޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ސާފުކޮށްދީފައި ނުވެއެވެ.