Last Updated: April 25, 20:04
Thursday, April 25, 2024
ކުޅިވަރު

މޮންޗެންގްލަޑްބަކް އަތުން ބަލިވެ ބަޔާން ފަސްވަނަ އަށް ވެއްޓިއްޖެ

ބަޔާން މިއުނިކާއި ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ބަޔާން މިއުނިކް

ބުންޑަސްލީގާގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ފަސްވަނަ އަށް ވެއްޓިއްޖެ އެވެ.

މިއީ ބަޔާން އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ވިދިވިދިގެން މޮޅުނުވެ ނިންމާލަންޖެހުނު ހަތަރުވަނަ މެޗެވެ. ދެމެޗުން އެއްވަރުވެ، ދެ މެޗުން ބަލިވިއިރު މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

އަނެއްކޮޅުން، ބަޔާން މިމެޗުން ބަލިވުމުން އެއްވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އެޓީމު ރޭ ކުޅުނު މެޗުގައި އޮގްސްބާގް އަތުން 4-3 އިން މޮޅުވެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. ޑޯޓްމުންޑަށް 7 މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތީ ބަޔާން އަތުން މޮޅުވި މޮންޗެންގްލަޑްބަކް އެވެ. އެޓީމަށް 14 ޕޮއިންޓް ލިބިފައިވާއިރު ބަޔާން އޮތީ 13 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗުގެ 10 ވަނަ މިނެޓުގައި މޮންޗެންގްލަޑްބަކް އަށް ލީޑްނަގައިދިނީ އަލަސާނެ ޕްލީ އެވެ. އޭގެ ހަ މިނެޓުފަހުން، ބަޔާންގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލާސް ސްޓިންޑެލް ވަނީ ގޯލާއި 10 ވަރަކަށް ޔާޑު ދުރުން ފޮނުވާލި ބޯޅައަކުން އެޓީމުގެ ލީޑް ފުޅާކޮށްދީފައެވެ. މިއީ އަނިޔާއިން އެނބުރިއައިސް މި ސީޒަނުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން މޮންޗެންގްލަޑްބަކް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގައި، މޮންޗެންގްލަޑްބަކް އިން ބޮޑަށް ޑިފެންސަށް އިސްކަންދީގެން ފަހަތަށް ޖެހިގެން ކުޅުނުއިރު ބަޔާން އިން ގޯލެއް ޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާގޮތެއްނުވިއެވެ. އެޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މޮންޗެންގްލަޑްބަކް އިން ދިޔައީ ލިބޭ ކައުންޓާގައި ބަޔާން އަށް އުނދަގޫތައް ކުރިމަތިކުރަމުންނެވެ. އެގޮތުން، އެޓީމުގެ ފްލޯރިއަން ނެހައުސް އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މޮންޗެންގްލަޑްބަކްގެ ފުރަތަމަ ލަނޑުޖަހައިދިން ޕްލީ ދިން ބޯޅައަކުން ނެހައުސް ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

މޮންޗެންގްލަޑްބަކްގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ މިހާފުގައި ކުޅެން ނިކުތް ޕެޓްރިކް ހާމަން އެވެ.

މިމުބާރާތުގައި، ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޓީމުގެ ސްޕެއިން ފޯވާޑް ޕަކޯ އަލްކަސޭ ވަނީ ހެޓްރިކެއް ހަދައިފައެވެ. ޑޯޓްމަންޑްގެ އަނެއް ގޯލު ޖެހީ މާރިއޯ ގޮޓްޒާ އެވެ. އޮގްސްބާގުގެ ގޯލުތައް ޖެހީ އަލްފްރެޑް ފިންބޮގަސަން އާއި ފިލިޕް މެކްސް އަދި ގްރެގޮޓްރީސް އެވެ.