Last Updated: April 26, 17:13
Friday, April 26, 2024
ކުޅިވަރު

އާސެނަލް އާއި ޗެލްސީ މޮޅުވިއިރު، ލިވަޕޫލާއި ސިޓީ އެއްވަރުވެއްޖެ

އާސެނަލްގެ ފޯވާޑް ޕިއޭރް އެމެރިކް އޯބާމަޔަން (ވ) ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ޗެލްސީ މޮޅުވިއިރު، ލިވަޕޫލާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އާސެނަލް މޮޅުވީ ފުލަމް އާ ވާދަކޮށް 5-1 އިންނެވެ. ސައުތުހެމްޕްޓަން އަތުން 3-0 އިން ޗެލްސީ މޮޅުވިއިރު، ލިވަޕޫލާއި ސިޓީ ކުޅުނު މެޗު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މި ނަތީޖާތަކާއެކު އަދިވެސް ތާވަލްގެ އެންމެ ކުރީގައި ސިޓީ އުޅޭއިރު ދެވަނައިގައި އޮތް ޗެލްސީ އާއި ތިންވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބިފައިވަނީ 20 ޕޮއިންޓެވެ. ސިޓީ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އާސެނަލް އޮތީ 18 ޕޮއިންޓާއެކު ލީގުގެ ހަތަރުވަނައިގައެވެ. ފުލަމް އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

ފުލަމްގެ ކްރޭވަން ކޮޓެޖްގައި ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ނާޗޯ މޮންރެއާލް ތަނަވަސްކުރި ފުރުޞަތަކުން އާސެނަލް އަށް ލީޑް ނަގައިދިނީ ފްރާންސްގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭ އެވެ.

ނަމަވެސް، ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަންދްރޭ ޝޫލާ ވަނީ ފުލަމް އަށް އެއްވަރުކޮށްދީފައެވެ. މިއީ އާސެނަލްގެ ފުލްބެކް މޮންރެއާލް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ފުލަމްގެ ލޫޗިއާނޯ ވިއޭޓޯ ދިން ރީތި ޕާހަކުން އާސެނަލްގެ ގޯލްކީޕަރު ބާނަޑް ލެނޯގެ ބޯމަތިން ގޯލްގެތެރެއަށް ފޮނުވާލައިގެން ޝޫލާ ކާމިޔާބުކުރި ގޯލެކެވެ. މިހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން، ހަތަރުވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް ދިން ބޯޅައަކުން ލަކަޒޭ ވަނީ އާސެނަލަށް އަލުން ލީޑް ނަގައިދީފައެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑު، ޕިއޭރް-އެމެރިކް އޯބާމަޔަން ދިން ބޯޅައަކުން މިހާފުގައި ކުޅެން ނިކުތް ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސީ ކާމިޔާބުކުރިއިރު އެޓީމުގެ ފަހު ދެލަނޑު ޖަހައިދިނީ އޯބާމަޔަން އެވެ.

އާސެނަލްގެ ހަތަރުވަނަ ގޯލް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނެޓަށްވެފައިވަނިކޮށް ހެކްޓަ ބެލަރީން ތަނަވަސްކުރި ފުރުޞަތަކުން އޯބާމަޔަން ކާމިޔާބުކުރިއިރު މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި، އެޓީމުގެ ފަހު ލަނޑު އޭނާ ޖަހައިދިނީ ރަމްސީ ދިން ބޯޅައަކުންނެވެ.

ޗެލްސީގެ އެޑެން ހަޒާޑް (މ) އަތުން ބޯޅަ ހޯދުމަށް ސައުތުހެމްޕްޓަންގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ސައުތުހެމްޕްޓަންގެ ދަނޑުގައި ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑް ނަގައިދިނީ އެޑެން ހަޒާޑް އެވެ. މިއީ އެޓީމުގެ ރޮސް ބާކްލޭ ދިން ޕާހަކުން ހަޒާޑް ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ގޯލެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައިއޮވެގެންނެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ދިން ރީތި ބޯޅައަކުން ޗެލްސީގެ ދެވަނަ ލަނޑު، ބާކްލޭ ޖަހައިދިންއިރު މިމެޗުގައި ސައުތުހެމްޕްޓަނަށް ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތުގައި ނޭތަން ރެޑްމަންޑް އާއި ޑެނީ އިންގްސް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ އެވެ.

ޗެލްސީގެ ތިންވަނަ ލަނޑު، މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެެޓުގައި ޖަހައިދިނީ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މިއީ އެޓީމުގެ ހަޒާޑް ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ތާވަލްގެ އެންމެ ކުރީގައި އުޅޭ ސިޓީ އާ ލިވަޕޫލް ބައްދަލުކުރި މެޗު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމަށްވެސް ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެއެވެ.

ލިވަޕޫލާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އެގޮތުން، ލިވަޕޫލްގެ މުހައްމަދު ސަލާހް އާއި ޑޭޔަން ލޮވްރެން އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒުވާގޮތްނުވިއިރު ސިޓީގެ ޑޭވިޑް ސިލްވާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ.

މިހާފުގައި ލިވަޕޫލްގެ ޖޭމްސް މިލްނާ އަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ނަބީ ކެއިޓާ އެވެ.

ދެވަނަ ހާފުގައި ސިޓީ އާއި ލިވަޕޫލުން ވެސް ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން، މިހާފުގައި ލިވަޕޫލްގެ ސަލާހް އާއި ޑެނިއަލް ސްޓަރިޖް އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރައެސް މަތަކުރިއިރު ސިޓީގެ ރިޔާދު މާރޭޒް އަށް ލަނޑުޖެހުމަށް ލިބުނު ރަނގަޅު ދެ ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ.

މިމެޗުގައި ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސިޓީއަށެވެ. އެގޮތުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައިވަނިކޮށް ސިޓީގެ ޖަރުމަން ވިންގާ ލެރޯއީ ސާނޭ އަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިވަޕޫލްގެ ޑިފެންޑަރު ވެން ޑައިކް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ސިޓީއަށް ޕެނަލްޓީއެއް ދީފައެވެ. އެކަމަކު، މާރޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.