Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

ހިގުއައިންގެ ދެލަނޑުން މިލާން މޮޅުވިއިރު ނަޕޯލީ އާއި އިންޓަ ވެސް މޮޅުވެއްޖެ

ކިއޭވޯ ވެރޯނާ ކޮޅަށް ލަނޑުޖެހުމަށްފަހު އޭސީ މިލާންގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އުފާ ފާޅުކުރަނީ. --ފޮޓޯ: މިލާން

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ކިއޭވޯ ވެރޯނާ ކޮޅަށް އޭސީ މިލާންގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ވައްދާލި ދެލަނޑުން އެޓީމު މޮޅުވިއިރު ނަޕޯލީ އާއި އިންޓަ މިލާން ކުޅުނު މެޗުންވެސް މޮޅުވެއްޖެއެވެ.

ކިއޭވޯ އަތުން 1-3 އިން މިލާން މޮޅުވިއިރު ސަސުއޮލޯ އަތުން ތާވަލްގެ ދެވަނައިގައި އުޅޭ ނަޕޯލީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ސްޕަލް އަތުން ރަށުން ބޭރުގައި ކުޅެ އިންޓަ މޮޅުވީ 2-1 އިންނެވެ.

މިލާންގެ ސެން ސީރޯގައި ކިއޭވޯ އާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމު ވަނީ ފުރަތަމަ ހާފުގައި ގާތްގާތުގައި ހިގުއައިން ކާމިޔާބުކުރި ދެ ލަނޑުން ލީޑެއް ނަގައިފައެވެ.

މިމެޗުގައި މިލާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، މެޗުގެ 27 ވަނަ މިނެޓުގައި ސޫސޯ ދިން ބޯޅައަކުން ހިގުއައިން ޖަހައިދިންއިރު އޭގެ ހަތް މިނެޓުފަހުން އެޓީމުގެ ދެވަނަ ލަނޑުޖެހީވެސް ހިގުއައިން އެވެ. މިލަނޑު ޖެހުމަށް އެހީތެރިވެދިނީވެސް ސޫސޯ އެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން މިލާން ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން، 11 ވަނަ މިނެޓުގައި އިޓަލީގެ މިޑްފީލްޑަރު ޖިއަކޮމޯ ބޮނަވެންޗޫރާ ވަނީ މިލާންގެ ތިންވަނަ ލަނޑުޖަހައިދީ އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މިމެޗުގައި ކިއޭވޯ އިން ކާމިޔާބުކުރި ހަމައެކަނި ގޯލް، މެޗުގެ 63 ވަނަ މިނެޓުގައި ޖަހައިދިނީ ސާޖިއޯ ޕެލީސިއާ އެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސަސުއޮލޯ އަތުން 2-0 އިން ނަޕޯލީ މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ އެޑަމް އައުނަސް އާއި ލޮރެންޒޯ އިންސީނިއޭ އެވެ. ރޭ ކުޅުނު ފަހު މެޗުގައި ސްޕަލްގެ ދަނޑުގައި ކުޅެ އިންޓަ މޮޅުވީ 1-2 އިންނެވެ. މިމެޗުގައި އިންޓަ އިން ކާމިޔާބުކުރި ދެލަނޑުވެސް ޖަހައިދިނީ ކެޕްޓަން މައުރޯ އިކާޑީ އެވެ. ސްޕަލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި އަލްބާޓޯ ޕަލޯސްކީ އެވެ. ލާޒިއޯ އަތުން ފިއޮރެންޓީނާ 1-0 އިން ބަލިވިއިރު މިމެޗުގެ ހަމައެކަނި ލަނޑުޖަހައިދިނީ އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ އެވެ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުގައި، އެމްޕޯލީ އަތުން 2-0 އިން ރޯމާ މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ސްޓީވެން އެންޒޮންޒީ އާއި އެޑިން ޖެކޯ އެވެ. އުދިނޭޒީ އަތުން ރަށުން ބޭރުގައި ޔުވެންޓަސް މޮޅުވީވެސް 2-0 އިންނެވެ. މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު، ރޮޑްރީގޯ ބެންޓަންކޫރް ޖަހައިދިންއިރު ފަހު ލަނޑުޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި ނަތީޖާއާ އެކު އިންޓަނޭޝަނަލް ބްރޭކަށްދާއިރު، ތާވަލްގެ އެންމެ ކުރީގައި އަދިވެސް އުޅެނީ އަށް މެޗުން 24 ޕޮއިންޓް ހަމަކޮށް ސަތޭކަ ޕަސެންޓްގެ ރެކޯޑާއެކު ޔުވެންޓަސް އެވެ. އެޓީމާ ދެވަނައިގައި އޮތް ނަޕޯލީ އާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އޮތްއިރު 16 ޕޮއިންޓާއެކު އިންޓަ އޮތީ ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ލާޒިއޯ އަށް 15 ޕޮއިންޓް ލިބިފައިވާއިރު މިލާން އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.