Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

ފެނަކައިން ކަރަންޓުގެ އަގު ނަގާފައިވަނީ ބޮޑުކޮށް: އޮޑިޓް ރިޕޯޓު

ކަރަންޓު އަގު ބޮޑު ކުރުމާއި ގުޅިގެން އައްޑޫގައި ކުރި މުޒާހަރާ

ކަރަންޓުގެ އަގު ސަރުކާރުން ކުޑަކުރި ނަމަވެސް އައްޑޫ، ފުވައްމުލައް އަދި ބައެއް އަތޮޅުތަކަށް ފެނަކައިން އަގުބޮޑުކޮށް ކަރަންޓު ފީ ނަގާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓު އޮފީހުން އިއްޔެ ނެރެފައިވާ 2017 ވަނަ އަހަރުގެ ފެނަކަ ކޯޕަރޭޝަންގެ ޕާފޯމެންސް އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ނަންބަރު: 151/1/2012/3)IUL( އިޢުލާނުގައި ކަރަންޓުގެ ޚިދުމަތްދިނުމަށް ފާސްކޮށްފައިވާ ރޭޓުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ކުންފުނިން ގޮފތަކަށް އަންގާފައިވީ ނަމަވެސް ބައެއް އަތޮޅުތަކުން އެ ރޭޓުތައް ބޭނުންކޮށްފައި ނުވާކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ހއ. އަތޮޅު، ށ. އަތޮޅު، ގއ. ގައްދޫ، ގދ. ތިނަދޫ، ފުވައްމުލަކު އަދި އައްޑޫ ސިޓީގެ ކަރަންޓު ފީ ހިސާބުކޮށްފައިވަނީ މޯލްޑިވްސް އެނާޖީ އޮތޯރިޓީން އެންގި ރޭޓަކަށް ނޫންކަމަށެވެ.

މީގެ އިތުރުންވެސް ރިޕޯޓުގައި ބުނެފައިވަނީ ކުންފުނީގެ ހުރިހާ ގޮފިތަކެއްގައި ކަނޑައަޅާފައިވާ ރޭޓުގައި ކަރަންޓުގެ ޚިދުމަތުގެ އަގަށް ފައިސާ ނަގަމުން ގޮސްފައިނުވާތީ ކުންފުންޏަށް ލިބެން ޖެހޭ އަދަދަށް އާމްދަނީ ލިބިފައި ނުވާކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ކަރަންޓު ބިލަށް އިތުރަށް ޗާޖު ކުރާކަމަށް ފާހަގަކޮށްފައިވާ އިރު އެކޯޕަރޭޝަންގެ ދަށުން ހިންގާ އިންޖީނުގެތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އައްޑޫންނެވެ. އައްޑޫން ލިބޭ އާމްދަނީ ފެނަކަ ކޯޕަރޭޝަންގެ އެހެން ގޮފިތައް ހިންގަމުންދާތީ އައްޑޫގެ ރައްޔިތުން އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.