Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އެހެން ދީނަކަށް ރާއްޖޭގައި ޖާގައެއްނެތް، އެފަދަ ޚަބަރުތައް ނުފަތުރުއްވާ: އިލްޔާސް

ލާދީނީ މިޝަނަރީތަކަށް ރާއްޖޭގައި ޖާގައެއްނެތް ކަމަށާއި އެހެން ކަމުން އެފަދަ ޚަބަރުތައް ނުފެތުރުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން އިލްތިމާސް ކުރައްވައިފިއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ އިބޫގެ ސަރުކާރެއްގައި ކްރިސްޓިއަން މިޝަނަރީތަކުން ކްރިސްޓިއަން ދީން ފަތުރަން ފަސޭހަވާނެ ކަމަށް ބުނާ ޚަބަރު ސަރުކާރު ނިސްބަރްވާ ޕާޓީގެ ބައެއް ފަރާތްތަކުން ފަތުރަމުންދާތީ އެކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ކަމާއި ގުޅޭ ގޮތުން އިލްޔާސް ވަނީ ތިން ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ޓްވީޓްގައި އެ ބޭފުޅާ ވިދާޅުވެފައިވަނީ ކްރިސްޓިއަން މިޝަނަރީތަކުން ކްރިސްޓިއަން ދީން ފަތުރަން ފަސޭހަވާނެ ކަމަށް ބުނާ ޚަބަރު ބަޔަކު މީހުން ފެތުރިޔަސް ދިވެހި މުސްލިމް މުވައްތިނުންގެ އިސްލާމީ އަޤީދާ މާތްﷲގެ އިރާދަފުޅުން ގުޑުވާނުލެވޭނެ ކަމަށެވެ.

އިބޫގެ ސަރުކާރެއްގައި މާތްﷲގެ އިރާދަފުޅާއެކު އިސްލާމީ އަގީދާ ވަރުގަދަ ކުރަން އިތުރު މަސައްކަތްތަކެއް އެ ބޭފުޅުން ކުރައްވާނެ ކަމަށް ދެވަނަ ޓްވީޓްގައި އިލްޔާސް ވަނީ ވިދާޅުވެފައެވެ. ހައްޤާއި ބާތިލާއި ދެމެދު އަބަދުވެސް އަރައިރުން އޮންނާނެ ކަމަށާއި، މުސްލިމުންގެ ވަރުގަދަ އަޤީދާގެ މަތީ ސާބިތުވެ ތިބިހާ ހިނދަކު ލާދީނީ މިޝަނަރީތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ނުލިބޭނެ ކަމަށް ވެސް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

އެފަދަ އުއްމީދު ކުރުމަކީ މޮޔަ ކަމެއް ކަމަށް ވެސް ޝެއިޚްގެ ތިންވަނަ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ. ދިވެހި މުސްލިމް ޒުވާނުންނާއި އެންމެހާ މުވައްޠިނުން އެފަދަ ފުރުސަތެއް މި ދިވެހި ފަސްގަނޑުން ނުދޭނެކަން މާޒީގަ ވަނީ ސާބިތުކޮށް ދީފަ ކަމަށް ވެސް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ޚަބަރުތައް ނުފެތުރުމަށް ޝެއިޚް އިލްޔާސް ވަނީ އިލްތިމާސް ކުރައްވާފައެވެ.