Last Updated: June 22, 18:06
Monday, June 23, 2025
ޚަބަރު

މައުމޫން އިބޫއަށް: މިތިބީ ސާބިތުކަންމަތީ މަނިކުފާނާއެކު

ކޯލިޝަން ފެށިގެން އައިއިރު ރައީސް މައުމޫނާއި އިބޫ ޖަލްސާއެއްގައި: ފޮޓޯ - މިހާރު

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ސާބިތުކަންމަތީ، އިންތިޚާބީ ރައީސް އިބޫއާއެކު ތިއްބަވާނެ ކަމުގެ ޔަގީން ކަން، ކޯލިޝަނުގައި ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓުގެ ލީޑަރ، ކުރީގެ ރައީސް މައުމޫން އަރުއްވައިފިއެވެ.

ގޭންގު ކުށްތަކާއި މާރާމާރީ ހުއްޓުވައި ގައުމު އަމާން ކުރައްވާނެ ކަމަށް ވިދާޅުވެ، އިންތިޚާބީ ރައީސް އިބޫ މިއަދު ކުރެއްވި ޓުވީޓަށް ރައީސް މައުމޫން ކުރެއްވި ރިޕްލައިއެއްގައި ވިދާޅުވީ ސާބިތުކަންމަތީ އިބޫއާއެކު ތިއްބަވާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭނީ މަނިކުފާނު އަރިހުގައި ސާބިތުކަމާ އެކު

ރައީސް މައުމޫންގެ މިޓުވީޓަށް ގިނަ ބަޔަކު ތައުރީފް ކުރަމުން ގެންދާއިރު އިއްޔެ، ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކުރީގެ ރައީސް ނަޝީދު ރާއްޖެ ވަޑައިނުގަތުމަށް ގޮވާލާ ކުރި ޓުވީޓަކާއެކު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖޭޕީ ސަޕޯޓަރުންނާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ހިނގާފައެވެ.

ގާސިމް، އެއްވެސް ހާލަތެއްގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަން ނޭދޭ ކަމަށް ވިދާޅުވީ ނޫން ކަމަށް ބުނެ އެމަނިކުފާނު ކުރެއްވި ރިޓުވީޓާ ގުޅޭގޮތުން އިތުރު ޓުވީޓެއް ކުރައްވާފައިވެއެވެ. ގާސިމް ވިދާޅުވީ މިވަގުތު ކަންކަން އޮތް ހާލަތަށް ބަލައި، ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ސަޕޯޓަރުން ކުރިމަތީ ހައްޔަރުކުރަން ނޭދޭ ކަމަށާއި ބޭނުންފުޅު ވަނީ ސަލާމަތްކަމާއެކު ނަޝީދު އެނބުރި ވަޑައިގަންނަވާތަން ދެކެން ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ޚިޔާލު ތަފާތުވުމަކީ ޑިމޮކްރަސީގެ އަސާސެއް ކަމަށާއި އެކަމާ ގުޅިގެން މައްސަލައެއް އުފައްދަވަން ނެތް ކަމަށެވެ. އަދި ޚިޔާލު ތަފާތު ވިޔަސް ވާހަކަ ދައްކައިގެން ކޮންމެ ކަމަކަށް ވެސް ހައްލު ހޯދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.