Last Updated: April 26, 06:14
Friday, April 26, 2024
ޚަބަރު

މާރާމާރީ އާއި ގުޅިގެން 32 މީހަކު ހައްޔަރުކޮށްފި

އައްޑޫ އާއި މާލޭގައި ހިންގާފައިވާ މާރާމާރީ އާއި ގުޅިގެން 32 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މާރާމާރީގައި ރޭ 14 އަހަރުގެ ކުއްޖަކު މަރާލާފައިވަނިކޮށް މިއަދު ފުލުހުން ބޭއްވި ނޫސް ކޮންފަރެންސްގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މާރާމާރީ ހުއްޓުވައި މާލެ އަމާން ތަނަކަށް ހެދުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ މަރަދޫ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު އޭނާއަށް އަދިވެސް ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސްްއެވެ. އެމާރާމާރީއަށް ފަހު ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު އޭނާއަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއްވެފައެވެ.

އޭގެ ފަހުން އިއްޔެ މެންދުރު މާރާމާރީ ހިންގައި 26 އަހަރުގެ ޒުވާނަކު ޒަހަމްކޮށްފައިވަނިކޮށް ރޭ ދަންވަރު ވަނީ ފޭދޫ ހީނާމާގެ އުމުރުން 14 އަހަރުގެ ޝައްފާނު އިސްމާއިލް މަރާލާފައެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ޝިފާން ވިދާޅުވީ މާރާމާރީ ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ވަޅި ތަކަކާއި އެކު ރޭވެސް 5 މީހަކު ހައްޔަރު ކުރިކަމަށެވެ. އަދި ޝައްފާނު މަރާލާފައިވަނީވެސް ފުލުހުން މާލެ ތެރެ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ސިލްސިލާ ގޮތެއްގައި ހިންގަމުންދާ މާރާމާރީއަކީ ސިޔާސީ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.