Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ގާނޫނާއި ހިލާފަށް ގޯތި ދޫކުރާ މައްސަލަ ކޯޓުން ބަލައިގެންފި

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާ ގޯތިތައް ގަތުމަށް ހަމަހަމަ ފުރުސަތުތަކެއް ކަނޑައަޅައި ދިނުމަށް އެދި އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވަނީ އޭޖީ އޮފީހުގެ ކުރީގެ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާއެވެ.

ޝުނާނާ ހުށަހެޅި ދައުވާގައި ބުނެފައިވަނީ ބޯހިޔާވަހިކަމަށް ދޫކުރާ ގޯތި ދޫކުރުމުގެ އުސޫލް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ކަނޑައަޅައި ދިނުމަށާއި، މިހާރު ގޯތި ދޫކުރަމުންދާ ގޮތުން އެތައް ބައެއްގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށެވެ.

ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒް ފައިދާ ނަގާ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ތަކްލީފްތައް އުފުލަންޖެހޭ ފަދަ އުސޫލެއް ކަމަށް ވާތީ، ހުޅުމާލެއިން ގޯއްޗަށް އެދުމަށް ޝަރުތު ހަމަވާ އެންމެހައި ރައްޔިތުންނަށް އެ ފުރުސަތު ލިބޭނެ ގޮތަށް އެކަށީގެންވާ މުއްދަތަކަށް ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ފަހު މެނުވީ ހުޅުމާލެއިން ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތައް އިވެލުއޭޓްކޮށް ގުރު އަތުލުމުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާއި ދިނުމަށް އެދި ހުށަހަޅާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ޝުނާނާގެ ދައުވާގައި ވަނީ ފޯމު ދޫކުރުން ހުއްޓުވައި ދިނުމަށްވެސް އެދިފައެވެ.

އަމިއްލަ ފަރާތަކުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އިރު އެންޓި ކަރަޕްޝަން ކަމިޝަނުންވެސް ވަނީ ގޯތި ވިއްކުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައެެވެ. ނަމަވެސް އެ އެންގުމާއި ހިލާފަށް ފޯމުތައް ދަނީ ދޫކުރަމުންނެވެ. ފޯމު ނަގަން ގިނަ ރައްޔިތުން ނިދި ނަގާލައި ތިއްބާ ހައުސިންއިން ވަނީ ގޯތި ދޫކުރުމާއި ފޯމު ބަލައިގަތުން އެޗްޑީސީ އާއި ހަވާލުކޮށްފައިވާކަން އިއްލާން ކޮށްފައެވެ.