Last Updated: April 24, 12:03
Wednesday, April 24, 2024
ޚަބަރު

އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީގެ މައި އިންޖީނުގޭގެ މައި ޖަނެރޭޓަރެއް ފެއިލްވުމާއި ގުޅިގެން ގުޅިފައިވާ އަވަށްތަކުގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ކެނޑުނީ ޖަނެރޭޓަރު ސެޓެއް ފެއިލްވެގެންނެވެ. ފަހަކަށް އައިސް އިންޖީނު ފެއިލްވެ ކަރަންޓު ކެނޑޭ މިންވަރު މިވަނީ އިތުރުވެފައެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ފެނަކައިގެ ސީނިއަރ މުވައްޒަފަކު ބުނީ ކަރަންޓު ކެނޑެނީ ފަހުން ބަހައްޓާފައިވާ ދެ މެގަވޯޓު ދެ ޖަނެރޭޓަރު ސެޓްތަކުގެ ތެރެއިން ބޭނުންކުރާ ޖަނެރޭޓަރާއި އެެހެން ޖަނެރޭޓަރުތައް ސިންކު ވުމުގެ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ. އަދި ބައެއް ފަހަރު ސޯލަރ ޕަވަރ ސިސްޓަމްގެ މައްސަލައަކުންވެސް ޖަނެރޭޓަރު ސެޓްތައް އެއްކޮށް ފެއިލްވާ ކަމަށެވެ.

އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓު ދިޔަތާ 25 މިނިޓްވަރު ފަހުން އަލުން މިހާރު ވަނީ ކަރަންޓު ދީފައެވެ.

ކަރަންޓު ކެނޑުނު ވަގުތަކީ ގިނަ ބަޔަކު މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ޚަބަރުތައް ބަލަމުން ދިޔަ ވަގުތެވެ. އެހެންވެ ބައެއް ފަރާތްތަކުން ވަނީ ކަރަންޓު ގަސްތުގައި ކަނޑާލީ ކަމަށް ތުހުމަތުކޮށްފައެވެ.