Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އައްޑޫގެ ބޮޑު ބަޔަކުން ގިނަ އިރުތަކަކަށް ކަރަންޓު ކަނޑާލަނީ

މަރުކަޒީ އިންޖީނުގޭހެ އިންޖީނެއްގެ މަސައްކަތް އެތަނުގެ މުވައްޒަފުން ކުރަނީ

މަރުކަޒީ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ދިމާވެގެން ގިނަ އިރުތަކަކަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލެވޭނެކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.


ފެނަކަ ކޯޕަރޭޝަންއިން ބުނީ މިއަދު ހެނދުނުން ފެށިގެން އެކި ސަރަހައްދުތަކުން ގިނަ އިރުތަކަށް ކަރަންޓު ކަނޑަމުންދާނެކަމަށެވެ. ފެނަކަ ކޯޕަރޭޝަންއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އައްޑޫގެ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައި 2 މެގަވޮޓް އިންޖީނަކަށް މައްސަލަތަކެއް ދިމާވުމާއި ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހިދާނެކަމަށެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މެގަވޮޓް އިންޖީނުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު އިތުރު އިންޖީނަކަށްވަނީ މައްސަލަ ޖެހިފައެވެ. އެހެންވެ ބޮޑު ސަރަހައްދަކުން ކަރަންޓު ކަނޑަން ވަނީ މަޖްބޫރުވެފައެވެ.

ފެނަކައިން ބުނީ މިއަދު ހަވީރަށް މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.