Last Updated: April 24, 23:11
Thursday, April 25, 2024
ރިޕޯޓް

ކެޔޮނިރު: އަބަދަކު ހުރިހާ ރައްޔުތުންނަށް ބިރުދައްކައި މޮޔަ ނެހެއްދޭނެ!

ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދާފައި . ފޮޓޯ: ރާއްޖެއެމްވީ

ދިވެހި ޤައުމު މިވަގުތު މިވަނީ ބޮޑު ސުވާލު މާކެއްގެ ކުރިމަތީގައެވެ. މިވަގުތަކީ ގައުމުގެ ހަޔާތުގައި ހަތަރުއަނގޮޅިއަކަށް ހުއްޓި، ކުރިއަށްދާނެ މަގު ނޭގި، އެކި މީހުންގެ ވަސްވާސްތަކުން ކަންފަތާއި ސިކުނޑި ފުރި، ގޮތްހުސްވެ ހެޔޮވިސްނޭ ބައެއް މީހުންވެސް މަގު އޮޅިދާފަދަ ނާޒުކު ދަނޑިވަޅެކެވެ. ދިވެހި ޤައުމު މިވަގުތު މިވަނީ ބިޔަ ރާޅުތަކުން ފުރިފައިވާ ގަދަ، ކަޅު ކަނޑެއްގައި ތަޅަތަޅާ އޮތް ބޯޓެއްގެ މިސާލަށް ބަދަލުވެފައެވެ. އުޑުމަތިން ފެންނަނީ ކަޅު، ބޯ ވިއްސާރަ ވިލާތަކެވެ. ވަށައިގެން ވަނީ ތޫފާނުގެ ބިޔަ ރާޅުތަކެވެ. ހިކިފަސް ތަނަކަށް ދެވެން އޮތީ ކައްޕީގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް ޤައުމީ ނަވުގެ ހުންގާނުގައި މިވަގުތު ހުންނެވި ރައީސް ޔާމިން އަބްދުލް ޤައްޔޫމް އިންތިހާބުން ބަލިވެވަޑައިގެން، ލައިވް ޓިވީގައި ބަލި ޤަބޫލް ކުރެއްވުމަށްފަހު އިދިކޮޅުފަރާތްތަކުން އިންތިހާބްގައި މަކަރުހެދިކަމަށް ވިދާޅުވެ، ސުޕްރީމަ ކޯޓަށްލާފައިވާ މައްސަލައަކީ ޤަައުމުގެ ކުރިމަގަށް އެޅިފައިވާ ބޮޑު ވިލާގަނޑެކެވެ. މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ނިންމާލާފައި ވިއަސް، އަދި ޔާމިންގެ ފަރާތުން ހުށަހަޅާފައިވާ ސިއްރު ހެކި ބަލައި ނުގަތުމަށް ކޯޓުން ނިންމާފައި ވިއަސް މައްސަލަ ނިމޭނި ވަކި ކޮޅަކަށް ކަން އެއްވެސް މީހަކަށް ޔަގީނަށް ބުނަން އަދިވެސް ނޭގެއެވެ.

ޖާދުވީ އަނގޮޓި އަކާއި ކޮޅުކޮޅަށް ދުވާ ފާހަގަ އަކީ އިދިކޮޅުން އިންތިހާބްގައި މަކަރުހަދަން ބޭނުންކުރި "ހަތިޔާރު" ކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވާއިރު އިދިކޮޅުގެ ވަކީލުން ހަޖޫ ޖައްސަވަނީ އެލިސްޓަށް އުދުހޭ މުސައްލައެއް އިތުރުކުރަންޖެހޭކަމަށް ބުނެއެވެ. މައްސަލައިގެ ހުކުމް އަންނާނެ ގޮތްއެއްވެސް މީހަކަށް ނޭގުނަސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ، އަލުން އިންތިހާބެއް ބޭއްވިއަސް، އަދި ނުބޭއްވިއަސް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކުތިބީ ވޭތުވެދިޔަ ފަސްއަހަރުގެ ވެރިކަމާއި މެދު ބޮޑުތަނުން ހިތްހަމަ ނުޖެހިފައި ކަމެވެ.

އެޗް.ޑީ.ސީ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައްވަނީ ބަނގުރޫޓް ވެފައެވެ. ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި އަޅާ ފްލެޓްތައް ދެނީ ހިތަށް އެރި ބަޔަކަށެވެ. ރައްޔިތުންގެ މަޖްލިސްވަނީ ސިފައިންނާއި ފުލުހުން ބޭނުން ކޮށްގެން ތަޅުއަޅުވައި، ވާކޮށްލާފައެވެ. މަޖްލިހުގެ ރައީސް ވެފައިވަނީ ސަރުކަރުން ޖަހާހާ ބެރަކަށް ނައްޓަވާ ބެލޭ ޑާނަސަރަކަށެވެ. ކޯޓްތައް ވެފައިވަނީ ސިޔާސީ ކުށްވެރީންގެ ބަންދުގެ މުއްދަތު ޖަހައި، ޝަރީއަތަކާ ނުލައި ބަންދުގައި ބޭތިއްބުމަށް ބާރުދޭ އިދާރާ ތަކަކަށެވެ. ރައީސްގެ ފޯނުކޯލަކަށް ޖަވާބު ނުދެވުނަސް އެއީ ފުލުހުންގެ ކޮމިޝަނަރ ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަކަށް ވަނީ ވެފައެވެ. ފުލު ފުލުގައި ޕޮލިސް ކޮމިޝަނަރގެ މަގާމުދަނީ ބަދަލު ކުރެވެމުންނެވެ. ޓައިޓެނިކް ފެތެމުން ދިޔައިރު ބައެއް މީހުން ގިޓާ ކުޅެެން ތިބިހެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ވަގުތު އެއްމަސް ދުވަހަށް ވުރެ ކުރުވެފައިވާ އިރުވެސް ސިޔާސީ މަގާމް ތަކަށް އަލަށް މީހުން އައްޔަން ކުރުމާއި، މިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމާއި، ސިފައިންގެ އެކުވެރި ކުންފުނިފަދަ ކުންފުނިތައް އަލުން އުފެއްދުން ފަދަ އެތައްކަމެއް ޔާމިންގެ ސަރުކާރުން އަދިވެސް ދަނީ ކުރަމުންނެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތަރައްގީގެ ނަމުގައި ޔާމިންގެ ސަރުކާރުން މައިގަނޑު ގޮތެއްގައި ދައްކަނީ ތަރައްގީގެ ދެ މަޝްރޫއެކެވެ. އެއީ ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް ގެ 25 ބުރީގެ އިމާރާތެވެ. މީގެ ތެރެއިން ސިނަމާލެ ބްރިޖްގެ ބަޖެޓުގެ ބޮޑުބަޔަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އެފައިސާ އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. ބްރިޖް އެޅީ ޗައިނާގެ ކުންފުނަޏަކުން ޗައިނާ މީހުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލް ގެ 25 ބުރީގެ އިމާރާތަކީ ހަޤީގަތުގައި މިވަގުތު މާލެއަށް އަދި ރާއްޖެއަށްވެސް ބޭނުން ތަނެއް ނޫނެވެ. އެތަނުގައި ދިހަވަރަކަށް ބުރީގެ އިމާރާތެއް އަޅައި، އައި.ޖީ.އެމް.އެޗް ގެ ފެންވަރު މަތިކުރިނަމަ މާ ރަނގަޅެވެ. އަސްލު އަގަށްވުރެ އެތައްގުނަ ބޮޑު އަގުގައި އަޅާފައިވާ އެއުސް އިމާރާތް ސީދާ ސަރުކާރުން ހިންގުމަކީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ބުރަޔަކަށް ވާނެއެވެ. އެހެންކަމުން ކޮންމެ ސަރުކާރެއް އަޔަސް އެތަން ޖެހޭނީ ކުއްޔަށް ދޭންކަން ޔަގީނެވެ. އެފަދަ ބޮޑު ހަރަދުކޮށްފައި އެތާގައި 25 ބުރީގެ އިމާރާތެއް އެޅުމުގެ ބަދަލުގައި އެތާގައި ދިހަ ބުރީގެ އިމާރާތެއް އަޅައި، އިތުރުވީ ފައިސާއިން ރާއްޖޭގެ ދެސަރަހައްދެއްގައި ދެހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑް ކުރިނަމަ ރާއްޖެއަށް އެކަމުން ލިބޭނެ ފައިދާ ބޮޑުވަފައި މެނޭޖް ކުރަން ފަސޭހަވީސް ކަން ކަށަވަރެވެ.

އޭގެ ބަދަލުގައި ބޮޑު، އުސް އިމާރާތެއްގެ ދަޅަ ދައްކައި، އެއިމާރަތުގެ އަގު ދެއްކުން އަންނަން އޮތް ޖީލުތަކުގަ ބޮލަށް ޖަހައި، ތަރައްގީގެ ޝިއާރެއްގެ ގޮތުން ބްރިޖާއި މި އިމާރާތް ދެއްކިއަސް އެއީ ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މިހާރު ބަލައިގަންނާނެ ކަމެއް ނޫނެވެ.
ދިވެހި ޤައުމީ ޓީމު ސާކް ފުޓުބޯޅަ ތަށި ހިފައިގެން އައުމުން އެކަށޭނަ މަރުހަބާ އެއް ނުކިޔައި، ނުވެސް ނިމި އޮތް ރަންވޭ އަކަށް، އެއްމިލިއަން ޑޮލަރު ދީފައި ބޯޓެއް ޗާޓަރުކޮއްގެން ގެނެސް ޖައްސައި ތަރައްގީގެ ދަޅަ ދައްކަން ކުރެއްވި މަސައްކަތުގެ ފުރަގަހުގައިވާ ހުރިހާ ކަމެއް ދިވެހި ރައްޔިތުންނަށް އެގެއެވެ.

ދިވެހި ހުރިހާ ރައްޔިތުން މިވަގުތު ތިބީ ސުޕްރީމް ކޯޓުގެ ހުކުމުގެ އިންތިޒާރުގައި ކަމަށް ވިއަސް، އެހުކުމުގެ ސަބަބުން ރައީސް ޔާމިންއަށް ރާއްޖޭގެ ވެރިކަން އަލުން ލިބުމަކީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ. ސާޅީހަކަށް ހާސް ދިވެހި ރައްޔިތުންގެ އައުލަބިއްޔަތުން ދިވެހީން އެކަން އެވަނީ އިންތިހާބްގައި ދައްކާފައެވެ. މިއީ އިބްރާހިމް މުހައްމަދު ސޯލިހަށް އާއެކޭ ބުނުމަށް ވުރެވެސް ބޮޑަށް ޔާމީން އަބްދުލް ޤައްޔޫމަށް ނޫނެކޭ ބުނެ ނިންމި ވޯޓެކެވެ! ގަދަބަސް ވިދާޅުވެ ރައްޔިތުންނާ ޖަދަލު ކުރައްވާ ވެރިއެއް ދިވެހީން ބޭނުމެއް ނޫނެވެ. ބޭނުންވަނީ ހުލްގު ހެޔޮ، މަޑުމައިތިރި، ތެދުވެރި، އިހްލާސްތެރި، ހިންގުންތެރި ވެރިއެކެވެ.

ޔާމީން އަބްދުލް ޤައްޔޫމް ދިވެހި ޤައުމަށް ދެން ކަމެއް ކޮށްދެއްވާނަމަ ކޮށްދެއްވަންވީ ކަމަކީ ރީތި ގޮތުގައި އެއްފަރާތަށް ޖެހިވަޑައިގެން، ރައްޔިތުންނަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނަމަ ޖެހޭ ކަމެއްގައި ޖަވާބުދާރީ ވެވަޑައިގަތުމަށްފަހު، ފުރުސަތު ލިބިވަޑައިގެންފިނަމަ ޒިއްމާދާރު، ކޮރަޕްޝަންނެތް، އިދިކޮޅު ހަރަކާތެއްގެ ތެރެއިން ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުމެވެ. ކޯލިޝަނެއްގެ އަތްމައްޗަށް ޤައުމުގެ ވެރިކަންދާ މިދަނޑިވަޅުގައި މިޤައުމަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ބޮޑާހާކާ، ހުދުމުހްތާރު ވެރިއެއް ނޫނެވެ، ޒިއްމާދާރު އިދިކޮޅު ލީޑަރެކެވެ. ރުންކުރުކަމުގެ ބޫޓު ބާލުއްވާފަ ޒިއްމާދާރު އިދިކޮޅު ލީޑަރެއްގެ ބޫޓު ތުރުކުރެއްވޭތޯ މަސައްކަތް ކުރެއްވުން މާ ބުއްދިވެރިއެވެ. ކައިރީގައި ތިއްބެވި އަބްދުއްރަހީމް، ނިހާން، ޑރ.ހަލީލް ފަދަ ބޭފުޅުންގެ ވަސްވާސްތައް އަޑުނާއްސަވާށެވެ. އެބޭފުޅުން މިވަގުތު އިސްކަން ދެއްވާނީ ޔާމިނުގެ މުސްތަގްބަލަށްވުރެ ބޮޑަށް އެބޭފުޅުންގެ ސަލާމަތާއި އެބޭފުޅުންގެ މުސްތަގްބަލަށެވެ.

ބައެއްދުވަސްތަކުގައި ބައެއްމީހުން ސޭކު ހެއްދުނަސް، ހުރިހާ ދުވަހަކު ހުރިހާމީހުން ސޭކެއް ނުހެއްދޭނެއެވެ. ބައެއްދުވަސްތަކުގައި ބައެއްމީހުންނަށް އަނިޔާ ދެވުނަސް، ހުރިހާ ދުވަހަކު ހުރިހާމީހުންނަށް އަނިޔާއެއް ނުދެވޭނެއެވެ. ބައެއްދުވަސްތަކުގައި ބައެއްމީހުންނަށް ބިރު ދެއްކުނަސްް، ހުރިހާ ދުވަހަކު ހުރިހާމީހުންނަށް ބިރެއް ނުދެއްކޭނެއެވެ.

އިދިކޮޅުމީހުން ބޭނުންކުރީ ލިޔެވޭ އަނގޮޓިއެކޭ، އިދިކޮޅު މީހުން ވޯޓުލާން ވޯޓުމަރުކަޒުތަކަށް އުފުލީ އުދުހޭ މުސައްލަ ތަކެއްގައޭ، އިދިކޮޅު މީހުން ވޯޓުފޮށިތައް ބަނީ ނުވިހާ ދަރީންގެ ފޫޅުންނޭ ބުނެ ކޯޓުތަކަށް މައްސަލަ ވެއްދިއަސް ދިވެހި ރައްޔިތުންގެ ކޯޓުން އިއްވާފައިވާ ހުކުމް ވަރަށް ސާފެވެ. އެހުކުމްގައި ރައީސް ޔާމިނަށް އޮތް ހަމައެކަނި ގޮތަކީ ރިވެތި ގޮތުގައި އަވަހަށް އެއްފަރާތް ވުމެވެ. އެއީ ޔާމިނަށް ވެސް އަދި މިގައުމަށްވެސް މިވަގުތު އެންމެ ރަނގަޅު ގޮތެވެ.