Last Updated: April 26, 17:23
Friday, April 26, 2024
މުނިފޫހިފިލުވުން

ރަންވީރް އާއި ދީޕިކާގެ ކައިވެނި ނޮވެމްބަރު 14، 15 ގައި!

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރް ސިންގް އާއި ދީޕިކާ ޕާދުކޯންގެ ކައިވެނި އަންނަ ނޮވެމްބަރު މަހުގެ 14 އާއި 15 ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރަންވީރް އާއި ދީޕިކާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި ޚަބަރު މިދިޔަ އާދިއްތަ ދުވަހު ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އަންނަ ކައިވެނީގެ ކަންތައްތަކަށް އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ރަންވީރް އާއި ދީޕިކާ އިޓަލީ އަށް ފުރާނެއެވެ. ރަންވީރް އާއި ދީޕިކާގެ ސަންގީތު ނޮވެމްބަރު 13 ގައި ބާއްވާއިރު، ކައިވެނި ކުރިއަށްގެންދާނީ ދެ ގޮތަކަށެވެ. ރަންވީރް އަކީ ސިންދީ-ޕަންޖާބީ އަކަށްވާއިރު، ދީޕިކާ އަކީ އިންޑިއާގެ ކަރްނާޓަކާ އަށް ނިސްބަތްވާ މީހެކެވެ. އެހެންކަމުން ފުރަތަމަ ކައިވެނި އޮންނާނީ ނޮވެމްބަރު 14 ގައެވެ. އެ ހަފްލާ ކުރިއަށްގެންދާނީ ކަރްނާޓަކާގެ ޘަޤާފަތާއި އާދަކާދަތަކާއި އެއްގޮތަށެވެ. އަދި ނޮވެމްބަރު 15 ގައި އޮންނަ ކައިވެނީގެ ޙަފްލާ ކުރިއަށްދާނީ އަނަންދް ކަރާޖް އާއި އެއްގޮތަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރަންވީރް އާއި ދީޕިކާގެ ކައިވެނީގެ ޙަފްލާގެ މެހުމާނުންގެ ލިސްޓްގައި ފަރާ ޚާން އާއި ޝާހް ރުކް ޚާން އާއި ސަންޖޭ ލީލާ ބަންސާލީގެ އިތުރުން އަދިތްޔަ ޗޯޕްރާ ވެސް ހިމެނެއެވެ.

ކައިވެންޏަށްފަހު ފިލްމް އިންޑަސްޓްރީގެ ފަރާތްތަކަށް ބާއްވާ ޚާއްސަ ރިސެޕްޝަނެއް ޑިސެމްބަރު 1 ގައި މުމްބާއީ ގައި އޮންނާނެ އެވެ. އަދި ނޮވެމްބަރު 21 ވަނަ ދުވަހު ދީޕިކާގެ ގާތްގިމާގެ މީހުންނަށް ވެސް ބެންގަލޫރުގައި ރިސެޕްޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.