Last Updated: May 1, 20:45
Wednesday, May 1, 2024
މުނިފޫހިފިލުވުން

ބޮލީވުޑްގެ އެންމެ މުސާރަ ބޮޑު އެކްޓްރެސް އަކަށް ކަންގަނާ؟!

ބޮލީވުޑްގައި މަސައްކަތްކުރާ އަންހެން ތަރިންނަށްވުރެ ފިރިހެން ތަރިންނަށް ލިބޭ މުސާރަ ބޮޑު ކަމަކީ އެންމެންވެސް ދަންނަ ކަމަކެވެ. އެކަމާއި ދެކޮޅަށް އަނުޝްކާ ޝަރްމާ އާއި ސޮނާކްޝީ ސިންހާގެ އިތުރުން ކަންގަނާ ރަނައުތު ވަނީ މީގެ ކުރިން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެހެންނަމަވެސް މިހާރު އެ އާދައަށް ބަދަލުތަކެއް އަންނަމުންދާތަން ފެނެއެވެ. އެގޮތުން މިދިޔަ އަހަރުގެ އެންމެ ބޮޑު ޚަބަރަކަށް ވެގެންދިޔައީ "ޕަދްމާވަތު" ފިލްމްގައި ޝާހިދް ކަޕޫރް އާއި ރަންވީރް ސިންގް އަށްވުރެ ބޮޑު މުސާރައެއް ދީޕިކާ ޕާދުކޯން އަށް ދޭން ހަމަޖެއްސިކަމުގެ ޚަބަރެވެ. އެއީ ސީދާ ކިހާ އަދަދެއްކަން ހާމަނުކުރި ނަމަވެސް، މީޑިއާގައި ވާހަކަދައްކަވަމުން ދީޕިކާ ބުނީ އެ ފިލްމަށް އެހާ ބޮޑު އަގެއް ކީ، އެއީ އޭނާއަށް ޙައްޤުވާ މިންވަރުކަން އެނގޭތީ ކަމަށެވެ.

މިހާރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އަށް ކަންގަނާ ރަނައުތު ވަނީ ޖުމްލަ 14 ކްރޯޑް ރުޕީސްގެ އަގެއް ކިޔާފައެވެ. މިއީ އާންމުގޮތެއްގައި ކަންގަނާއަށް ފިލްމަކުން ލިބޭ އަދަދަށްވުރެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު އަދަދެކެވެ. އެގޮތުން އާންމުކޮށް ކަންގަނާއަށް ކޮންމެ ފިލްމަކަށް ލިބެނީ 5 ކްރޯޑް އާއި 6 ކްރޯޑް ރުޕީސް އާއި ދެމެދުގެ އަދަދެކެވެ.

ގިނަ ދަތިތަކާއި ކުރިމަތިވުމަށްފަހު، މަނިކަރްނިކާ ރިލީޒް ކުރަން މިހާރު ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ފިލްމުން ކަންގަނާ ފެނިގެންދާނީ ރާނީ ލަކްޝްމީބާއިގެ ރޯލުންނެވެ.