Last Updated: April 27, 08:49
Saturday, April 27, 2024
ތިމާވެށި

އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް މައިކްރޯ ޕްލާސްޓިކް، ސަންސްވެރިން ކަންބޮޑުވެއްޖެ!

ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިތަކެއް - ފޮޓޯ: ރޮއިޓާސް

އިންސާނުންގެ ހަށިގަނޑު ޕްލާސްޓިކް އިން ތަޣައްޔަރުވަމުން ދާކަން ސައިންސްވެރިން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފި އެވެ.

ދުވާލެއްގެ މައްޗަށް އިންސާނުން ޕްލާސްޓިކް ކައިބޮއެ އުޅެނީ ކިހާ މިންވަރަކަށްތޯ ބެލުމަށް ކުރި ދިރާސާއެއްގައި ބައިވެރިވި ކޮންމެ މީހެއްގެ ހަށިގަނޑުން ޕްލާސްޓިކްގެ ކުދިކުދި ސާމްޕަލްތައް ވަނީ ފެނިފައެވެ.

އެހާ ގިނަ ޕްލާސްޓިކްގެ ސާމްޕަލްތައް އިންސާނުންގެ ހަށިގަނޑުން ފެނުން ވެގެންދިޔައީ ސައިންސްވެރިންނަށް ލިބުނު ހައިރާންކަމަކަށެވެ. ދިރާސާވެރިން ބުނާ ގޮތުގައި އެ ޕްލާސްޓިކް ހަށިގަނޑުގެ ތެރެއަށް ދަނީ ކައިބޮއެ އުޅޭ މަހާއި ޕްލާސްޓިކް ފުޅިން ފެނާއި އެހެނިހެން ތަކެތި ބުއިމުންނެވެ.

އަދި ޕްލާސްޓިކް ކައިބޮއެ ހެދުމުން މުޅިން ދުރުހެލިވުމަކީ ވަރަށް އުނގަދޫ ކަމެއް ކަމަށާއި، އޭގެ ސަބަބުން ގިނަ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން ބެކްޓީރިއަލް އިންފެކްޝަން އާއި ވިހަ މާއްދާތައް ހަށިގަނޑުގެ ތެރެއަށް ވަނުމުގެ އިތުރުން ދިފާޢީ ނިޒާމަށް ވެސް މިކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

މެޑިކަލް ޔުނިވަރސިޓީ އޮފް ވިއެނާ (އެމްޔޫވީ) އިން ކުރި މި ދިރާސާގައި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ ބޮޑުކަމުދާތަކެތިން ވަނީ މައިކްރޯޕްލާސްޓިކްގެ އެތައް ސަތޭކަ ސާމްޕަލްތަކެއް ފެނިފައެވެ.

އެމްޔޫވީ އާއި އޮސްޓްރިއާގެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ޔޫކޭ، ފިންލޭންޑް، އިޓަލީ، ޖަޕާން، ނެދަލޭންޑްސް، ޕޮލޭންޑް އަދި ރަޝިއާގެ އިތުރުން އޮސްޓްރިއާގެ ބައިވެރިންގެ ބޮޑުކަމުދާތަކެތި ޓެސްޓްކޮށްފަ އެވެ. އެ ޓެސްޓްތަކުގެ ނަތީޖާއިން ދެއްކި ގޮތުގައި ކޮންމެ ސާމްޕަލްއެއްގައި ވެސް މައިކްރޯޕްލާސްޓިކް ހިމެނެއެވެ. އެގޮތުން ތަފާތު ނުވަ ވައްތަރެއްގެ މައިކްރޯޕްލާސްޓިކް ވަނީ ފެނިފައެވެ. އޭގެ ތެރެއިން އެންމެ އާންމު ޕްލާސްޓިކް އަކީ ޕޮލިޕްރޮޕައިލީން އާއި ޕޮލިއީތައިލީންޓެރެފްތަލޭޓް (ޕީއީޓ) އެވެ. މި ދެ ބާވަތަކީ ވެސް ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ އެއްޗެހީގައި ހިމެނޭ ދެ ބަވާތެކެވެ.

މި ދިރާސާގައި ބައިވެރިވި އަށް މީހުން ވަނީ ހަފްތާއެއް ވަންދެން އެމީހުން ކައިބޮއެ އުޅުނު ތަކެތި ޑައިރީއެއްގައި ރެކޯޑް ކޮށްފައެވެ. އެ ޑައިރީތަކުގައި ބުނެފައިވާ ގޮތުން އެ ހަފްތާގެ ތެރޭގައި އެމީހުން ވަނީ ޕްލާސްޓިކްގައި ބަންދުކޮށްފައިވާ ކާބޯތަކެތި ބޭނުންކޮށްފަ އެވެ. އޭގެ ތެރެއިން އެއްވެސް މީހަކީ ވެޖިޓޭރިއަންއެއް ނޫން ކަމަށާއި، ހަ މީހުންނަކީ ކަނޑުމަސް ކައި އުޅުނު މީހުން ކަމަށް ދިރާސާވެރިން ބުނެއެވެ.

އެމީހުންގެ ބޮޑުކަމުދާތަކެތިން ފެނުނު މައިކްރޯޕްލާސްޓިކްގެ ބޮޑުމިނުގައި 50-500 މައިކްރޯމީޓަރު ހުރެއެވެ.

ޕްލާސްޓިކްގެ މައްސަލައަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މި މައްސަލަ އަވަސް މުސްތަޤްބަލެއްގައި ހައްލުނުކުރެވިއްޖެނަމަ، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް އިންސާނުންނަށް ލިބިގެންދާނެ އެވެ.