Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

އަމީން ފައިސަލްގެ މައްޗަށް ޓެެރަރިޒަމްގެ ދައުވާ ސާބިތެއް ނުވި

ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށުން އާރަށުގައި ބެހެއްޓި މައްސަލައިގައި އަމީންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައެވެ. އެހެން ނަމަވެސް އެ ދައުވާ އަށް އަމީން ފައިސަލް އިންކާރު ކުރައްވާފައި ވެއެވެ.

މައްސަލާގައި އަމީންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ހުކުމް އިއްވުމަށްޓަކައި މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އަމީންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ.

ހުކުމް އިއްވެވުމުގެ ކުރިން ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން ގާޒީ އިބްރާހިމް ވިދާޅުވީ ގާނޫނުއަސާސީ އޮތްގޮތުން މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތް ދިނުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީން އާރަށުގައި ބެހެއްޓީ އޭރު މާލެ ތެރޭގެ ހާލަތު އޮތްގޮތުން ހިމާޔަތް ދިނުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ގާޒީ އިބްރާހިމް ވިދާޅުވި އެވެ.

އެ މައްސަލާގައި އަމީންގެ ފަރާތުން ވަނީ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީން ހާޒިރުކޮށް، ހެކިބަސް ނެގުމަށް ކުރިން ހުށަހަޅައިފަ އެވެ. އެކަމަކު ކޯޓުން ނިންމާފައި އޮތީ އެމަނިކުފާނުގެ ހެކިބަސް ނަގަން ނުޖެހޭ ކަމަށެވެ.

އެ ދައުވާ ސާބިތުވި ނަމަ، އަމީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

ރައީސް ޔާމީން ބަންދުކުރި މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކްރިމިނިލް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީން މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނަވަނިކޮށް، އެމަނިކުފާނު ހައްޔަރުކޮށް ކ. އާރަށުގައި ބެހެއްޓިފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހުގެ ރޭގައެވެ.