Last Updated: April 20, 11:14
Saturday, April 20, 2024
ރިޕޯޓް

ވަންޕްލަސް 6ޓީ، ބޭރުހާ އެތެރެ ފުރިހަމައެއް ނޫން!

ވަންޕްލަސް ފޯނުތަކަކީ ސްމާޓް ފޯން ދުނިޔޭގައި އެންމެ ބާރަށް ފިޔަޖަހަމުން އަންނަ އެއް ބްރޭންޑެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ބަޔެއްގެ ހިތް ދަމައިގަނެފައިވާ ވަންޕްލަސް 6ޓީ ރޭ ދައްކާލާފައިވާއިރު ފޯނުގެ އަހުލުވެރިންނަށް މުޅިން ފޯނު "ޕާފެކްޓެއް" ނުވިއެވެ.

ބޭރުން ބަލާއިރު ފޯނުގެ ޑިސައިން ހިތްގައިމު ވިޔަސް، މީގެ ދެތިން އަހަރު ކުރިން ކުންފުނިން ފޯނާ ދޭތެރޭ ދެކެމުން އައި ގޮތް ބަދަލުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހެޑްފޯން ޖެކު ނުޖެހޭ ގޮތަށް މިފޯނުވެސް ހަދާފައިވާއިރު ނޮޓިފިކޭޝަން ލައިޓުގެ މުހިންމު ވާހަކަ ދެއްކި ވަންޕްލަސްއަށް މިހާރު އެލައިޓުގެ ބޭނުން ކެނޑިއްޖެއެވެ.

ފަހަރެއްގައި ވެސް ފޯނަކީ ޒާތުގައި ބަލި ފޯނެއް ކަމަށް ބުނަނީއެއް ނޫނެވެ. އެހެންނަމަވެސް ފޯނަށް ގެންނާނެ ކަމަށް ބުނި މޮޅު މިފޯނުންވެސް ފެންނާން ނެތް ކަން ފާހަގަކޮށްލެވެއެވެ. ފޯނުގެ ޑިސްޕްލޭ ބޮޑުކޮށްފައިވާއިރު ބެޓެރީވެސް ވަނީ އިތުރަށް ފުރިހަމަކޮށްފައެވެ.

ނަމަވެސް ވަންޕްލަސް 6 އާ އަޅާ ބަލާއިރު 6ޓީ ގެ ކެމެރާއަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި ފޯނަށް ލާފައިހުރި އިން-ޑިސްޕްލޭ ފިންގާޕްރިންޓް ސްކޭނަރުވެސް އެންމެ ފުރިހަމައެއް ނޫން ކަމަށް "ދަ ވާޖް" އިން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އަދި ވާގަނޑު ނުލާ ޗާޖުކުރެވޭ ނިޒާމު ގާއިމުކުރެވިފައިނުވާއިރު މުޅިން ވޯޓާޕްރޫފެއް ވެސް ނޫނެވެ. އަދި މިފަހަރުގެ ފޯނުގެވެސް ސްޕީކަރަށް ކުރިއެރުމެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ފޯނުގެ މުހިންމު ފީޗާސްތަކަށް ބަލާލާއިރު ވަންޕްލަސް 6ޓީ ގައި ވެސް 8 ޖީބީ އަދި 6 ޖީބީގެ ރެމް، 256 ޖީބީގެ އަދި 128 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ގާއިމުކޮށްފައިވެއެވެ. ފޯނުގެ ބެޓެރީ 3700 އަށް ވަނީ މަތިކޮށްފައެވެ. ޑިސްޕްލޭ 6.41 އިންޗަށް ދިގުކޮށްފައިވާއިރު ރެސޮލިއުޝަން ވެސް ވަނީ މަތިކޮށްފައެވެ.

ފޯނުގެ ކެމެރާ ވަންޕްލަސް 6 އާ އަޅާ ބަލާއިރު މާބޮޑު ތަފާތެއް އަދި ކުރިއެރުމެއް ވެސް ގެނެސްފައެއް ނުވެއެވެ. ނަމަވެސް ބާޒާރުގައި ސްމާޓްފޯނުގެ އުފުލެމުންދާ އަގަށް މިފަހަރުވެސް ވަންޕްލަސް އިން ފަރުވާލެއް ބަހައްޓާފައެއް ނުވެއެވެ. ވަންޕްލަސް 6ޓީ ގެ ފެށޭ އަގަކީ 549 ޑޮލަރެވެ. މިއީ ދިވެހި ރުފިޔާއިން ބަލާއިރު 8،465.58 އެވެ.