Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

"ހިލޭ ޓިކެޓު" ސަޕޯޓަރުންނަށް ކަމަކު ނުދިޔަ!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނިކޮށް ޕީޕީއެމުން ވަކިކުރި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް އިއުލާން ކުރި މަޖިލީހުގެ 12 ދާއިރާއެއް ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރުންނަށް، ޕްރައިމަރީއަކާ ނުލާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު އިއްތިހާދުން ނިންމި ނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ޚާއްސަކޮށް އިއްތިހާދު ސަޕޯޓަރުންގެ މެދުގައި މިކަމާ ޚިޔާލުތަފާތުވުންތައް އުފެދި، ފާޅުގައި އެނިންމުމަށް ނޫނެކޭ ބުނަމުން އަންނައިރު، މިއަދު ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ނިންމެވުމަކީ އިއްތިހާދުގެ ހުރިހާ ލީޑަރުންގެ އެއްބަސްވުމާއެކު ނިންމެވި ނިންމެވުމެއް ކަމަށެވެ.

އިއްތިހާދުގެ ސަޕޯޓަރުންނާއި އާންމު ރައްޔިތުންނަށް މިނިންމުން ކަމު ނުދިޔައީ ފުރަތަމަ ކަމަކަށް ރައްޔިތުން އައްޔަން ކުރާ މެމްބަރުން، ރައްޔިތުންގެ ބަހެއް ހޯދުމެއް ނެތި ލީޑަރުން އައްޔަން ކުރުމުންނެވެ. ސޯޝަލް މީޑިޔާގައި ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފަށް މިނިންމުން ނިންމެވިގެން ދިޔަ ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

އަދި ޕްރައިމަރީއެއް ބޭއްވުމެއް ނެތި މެމްބަރުންނަށް ޓިކެޓު ދިނުމުން ސާބިތުކަންމަތީ އެއް ޕާޓީއެއްގައި ދެމި ތިބެވިދާނެތޯ އެއީވެސް ރައްޔިތުން ކުރަމުން އަންނަ ސުވާލެކެވެ. 12 މެމްބަރަކަށް އިއްތިހާދުގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ފުރުސަތު ދީފައިވަނީ އެ މެމްބަރުން މިދިޔަ ފަސް އަހަރު ތެރޭ މަޖިލީހުގައި ކޮށްފައިވާ މަސައްކަތަށް ބަލާފައިވޭތޯ އެއީ ކުރުން ރަނގަޅު ސުވާލެކެވެ.

މެމްބަރުން ވަނީ އަހަރަކަށް ވުރެ ގިނަ ދުވަހު ބުރަ އުފުލާފައެވެ. އެތައް ދަތިކަމާއި ބޭއިންސާފާ ކުރިމަތިލާން އެމެމްބަރުން ޖެހުނު ކަމަކީ ކޯޓުތަކުންވެސް އެއްބަސްވާ ކަމެކެވެ. ނަމަވެސް ޕާޓީ ތެރެއިން އިތުރު މީހަކަށް ވާދަކުރުމުގެ ފުރުސަތު ނަގާލައި މެމްބަރުންނަށް ޓިކެޓު ދިނުމަކީ އެއީ ޑިމޮކްރަސީގެ ހަމަތަކަށް ފުށޫ އަރާ ޚުދުމުޚުތާރު ކަމަށް ބާރު ލިބޭ ކަމެކެވެ.

ހަތަރު ލީޑަރުން މިނިންމުން ނިންމާފައިވަނީ އިންތިޚާބީ ރައީސް އަދި ކޯލިޝަނުގެ އެންމެ އިސް ފަރާތް، އިބޫ ސޯލިހާއި މަޝްވަރާ ކޮށްފައިތޯ ވެސް އެއީ ކުރުން ރަނގަޅު ސުވާލެކެވެ. ސަބަބަކީ އިބޫގެ ބަހެއް އަދި މިކަމާ ގުޅޭ ގޮތުން ލިބިފައިނުވުމެވެ.

"ޖަޒީރާ ހޮޅުއަށި" ގެ ނަމުގައި މިރޭ، ރައީސް އިބޫ ވަނީ ދަރުބާރުގޭގައި ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ބަދަލުކުރުމުގެ ސެޝަނެއް އިންތިޒާމު ކުރައްވާފައެވެ. ރައީސްގެ ފަރާތުން ބަހެއް ލިބުން ރަނގަޅު މައުޟޫއަކަށް މިމައުޟޫ ވެގެންދާނެ ކަމަށް ބެލެވެއެވެ.