Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މޯދީ ވަޑައިގަތުމަށް އިންޑިއާގެ އެޑްވާންސް ޓީމެއް ރާއްޖޭގައި

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ - ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވަޑައިގަތުމުގެ ތައްޔާރީތަކަށް އެޤައުމުގެ އެޑްވާންސް ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ވަޔަރ" އިން ރިޕޯޓްކުރާ ގޮތުގައި އެ ޓީމް ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެހެންކަމުން އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާކަމުގެ ޔަޤީންކަން މިހާރު ވަނީ ކުރިއަށްވުރެ އިތުރުވެފައި ކަމަށްވެސް އެ ނޫހުން ރިޕޯޓްކުރެއެވެ.

އެހެންނަމަވެސް މިކަމާއި ބެހޭގޮތުން އިންޑިއާގެ ސަރުކާރުން ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

މޯދީ މިހާރު ގެންދަވަނީ ކުރިއަށް އޮތް އިންތިޚާބުގެ ކެމްޕެއިންގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ.

އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ އަށް ވަނީ މީގެ ކުރިން ދައުވަތު އަރުވާފައެވެ. މީގެ ކުރިން ވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެއްސެވި ނަމަވެސް، ރާއްޖެއާއި އިންޑިއާ އާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން އެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފައެވެ.

އިންޑިއާ އިން ބުނާ ގޮތުގައި ރާއްޖެއާއި އިންޑިއާ އޮންނަ ގުޅުން ހީނަރުވެފައި ވަނީ ރާއްޖެ އިންޑިއާ ފަސްޓް ޕޮލިސީއަށް އަމަލުކުރުން ހުއްޓަލުމާއި ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ފަސްޓް ޕޮލިސީއަށް އަމަލުކުރުން ރާއްޖެއިން ހުއްޓާލާފައި ނުވާ ކަމަށެވެ.

އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގް އަށްވެސް ވަނީ ދައުވަތު ދެއްވާފައެވެ.