Last Updated: April 25, 09:10
Thursday, April 25, 2024
ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގަމުން ދިޔަ ކުންފުނިން އެތަން ދޫކޮށްލައިފި

ޓްރީޓޮޕް ހޮސްޕިޓަލް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގަން ހަވާލުކޮށްފައިވާ ބޭރުގެ ކުންފުނިން އެތަން ދޫކޮށްލުމަށްފަހު ހިނގައްޖެއެވެ.

އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުން މިދިޔަ މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދެމުން އަންނައިރު، އެ ހޮސްޕިޓަލް ހިންގުން ހަވާލުކޮށްފައި އޮތީ ބޭރުގެ ދެ ކުންފުންޏެއް ކަމަށްވާ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ.

އެހެންނަމަވެސް އެ ކުންފުނިން ޓްރީ ޓޮޕް ހޮސްޕިޓަލުން ދޫކޮށްލި ސަބަބެއް އަދި ސާފެއް ނުވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިހާރު އެތަން ހިންގަމުން އަންނަނީ އެ ހޮސްޕިޓަލްގެ މެނޭޖްމަންޓް އިންނެވެ.

ޖުމުލަ 110 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރިތައް ހަދާފައިވެ އެވެ. އޭގެ ތެރޭގައި ދެ މީހަކަށް އެއްފަހަރާ ޚިދުމަތްދެވޭ ގޮތަށް ހަދާފައިވާ 30 ކޮޓަރި އާއި، އެކަކަށް ޚިދުމަތް ދެވޭ ގޮތަށް ހަދާފައިވާ 57 ކޮޓަރި އާއި، 4 ޖޫނިއަރ ސުއީޓާއި، 6 ސުޕީރިއަރ ސުއީޓް އަދި ދެ ޕްރެޒިޑެންޝަލް ސުއީޓް ހިމެނެއެވެ.

މި ހޮސްޕިޓަލުން ފުރަތަމަ ޚިދުމަތް ދޭން ފެށީ މަތީ ފަންތީގެ މީހުންނަށް އަމާޒުކޮށްގެން ނަމަވެސް، ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ފަހަކަށް އައިސް ވަނީ ހޮސްޕިޓަލްގެ ބައެއް ޑިޕާޓްމަންޓްތައް އުވާލާ، ބައެއް ޚިދުމަތްތަކުގެ އަގު ހެޔޮކޮށްފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ހުރިހާ ޚިދުމަތްތަކުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ އާސަންދަ ވެސް ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.