ކުޅިވަރު

ސިޓީއާ ބަޔާން އަށް ފަސޭހަ މޮޅެއް

ޝަކްތަރު ޑޮނެސްކް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓަރ ސިޓީގެ ގެބްރިއެލް ޖެސޫސް (މ) އާއި ޑޭވިޑް ސިލްވާ (ކ) އަދި ބަނާޑޯ ސިލްވާ (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޔޫކްރެއިންގެ ޝަކްތަރު ޑޮނެސްކް އަތުން މެންޗެސްޓަރ ސިޓީ ފަސޭހަ މޮޅެއް ހޯދިއިރު ގްރޫޕް އީގައި ބަޔާން މިއުނިކް ވަނީ އޭއީކޭ އެތެންސް ބަލިކޮށްފައެވެ.

ސިޓީގެ ދަނޑުގައި ޝަކްތަރު އަތުން 6-0 އިން އެޓީމު މޮޅުވިއިރު ބަޔާން ވަނީ 2-0 އިން އޭއީކޭ އަތުން މޮޅުވެފައެވެ.

ރޭގެ ނަތީޖާއާއެކު ސިޓީ މިހާރު އޮތީ 4 މެޗުން ހޯދީ 9 ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނައިގައެވެ. އޮލިމްޕިކް ލިޔޯން އޮތީ 6 ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި އޮތް ހޮފެންހައިމް އަށް 3 ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އުޅެނީ ސިޓީ އަތުން ބަލިވި ޝަކްތަރް އެވެ. އެޓީމަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.

ސިޓީން ރަނގަޅު ކުޅުމެއް ދެއްކި މިމެޗުގެ 13 ވަނަ މިނެޓްގައި ޑޭވިޑް ސިލްވާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މިއީ އެޓީމުގެ ރިޔާދް މާރޭޒް ދިން ބޯޅައަކުން ސިލްވާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ގެބްރިއަލް ޖެސޫސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ސިޓީގެ ރަހީމް ސްޓާލިން އަށް ޝަކްތަރުގެ މީކޮލާ މަޓްވީންކޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ސްޓާލިން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސްޓާލިން މި ގޯލު ކާމިޔާބުކުރީ އެޓީމުގެ އޮލެކްސަންޑަރް ޒިންޗެންކޯ ދިން ބޯޅައަކުންނެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ސިޓީގެ ކެޕްޓަން ސިލްވާ އަށް ޝަކްތަރުގެ ޓަރަސް ސްޓެޕަނެންކޯ ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން ޖެސޫސް ވަނީ އެޓީމުގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.

ސިޓީގެ ފަސްވަނަ ލަނޑު، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އިލްކާއި ގުންޑޮގަން ދިން ބޯޅައަކުން މާރޭޒް ކާމިޔާބުކުރިއިރު މެޗުގެ އިތުރުވަގުތުގައި ޖެސޫސް ވަނީ ސިޓީގެ ހަވަނަ ލަނޑު ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިގްރޫޕުގެ ދެވަނައިގައި އޮތް ލިޔޯން ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 2-2 އިން ހޮފެންހައިމްއާ ވަނީ އެއްވަރުވެފައެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ނަބީލް ފެކީރް އާއި ޓެންގުއީ އެންޑޮމްބެލޭ ކާމިޔާބުކުރި ލަނޑުތަކުން ލިޔޯން ކުރިހޯދި ނަމަވެސް ފަހު ހާފުގައި ހޮފެންހައިމް އިން ވަނީ އެއްވަރުކޮށްފައެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ އަންޑްރޭ ކްރެމަރިޗް އާއި ޕަވެލް ކަޑެރަބެކް އެވެ.

މިމުބާރާތުގެ ގްރޫޕް އީ ގައި ހިމެނޭ ބަޔާން ވަނީ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު ގްރީސްގެ އޭއީކޭ އަތުން މޮޅުވެފައެވެ. މިމެޗުގައި ބަޔާން އިން ކާމިޔާބުކުރި ދެލަނޑުވެސް ޖަހައިދިނީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ފުރަތަމަ ލަނޑު، މެޗުގެ 31 ވަނަ މިނެޓުގައި ލެވަންޑޯސްކީ އަށް އޭއީކޭގެ އުރޯސް ކޮކްސިޗް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރިއިރު ފަހު ލަނޑު ޖަހައިދިނީ މެޗުގެ 72 ވަނަ މިނެޓުގައެވެ.

މިގްރޫޕުގައި ރޭ ކުޅެވުނު އަނެއް މެޗުގައި ރަށުން ބޭރުގައި އަޔެކްސް އެމްސްޓެޑަމް އާ ބެންފީކާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރޭ ކުޅެވުނު މެޗުތަކަށްފަހު، މިގްރޫޕުގެ އެއްވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްގެން ބަޔާން އޮތް އިރު ދެވަނައިގައި އޮތީ 8 ޕޮއިންޓާއެކު އަޔެކްސް އެވެ. ތިންވަނައިގައި އޮތް ބެންފީކާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އުޅޭ އޭއީކޭ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.