Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ސީއެންއެންގެ އަކޯސްޓާ ވައިޓް ހައުސްއިން ސަސްޕެންޑުކޮށްފި

ސީއެންއެންގެ ވައިޓް ހައުސްގެ އެންމެ އިސް ރިޕޯޓަރ، ޖިމް އަކޯސްޓާ ވައިޓް ހައުސްއިން ސަސްޕެންޑުކޮށްފިއެވެ.

އަކޯސްޓާ ސަސްޕެންޑު ކޮށްފައިމިވަނީ ރޭ އެމެރިކާގެ މިޑްޓާމް އިންތިޚާބަށް ފަހު ރައީސް ޓްރަމްޕް، ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުކުރުމުގެ ފުރުސަތު އަކޯސްޓާއަށް ދިނުމުން ސުވާލުކުރުން ހުއްޓާނުލުމާ ގުޅިގެން އަންހެން މުވައްޒަފަކު އޭނާ އަތުން މައިކު އަތުލައްވަން އުޅުމުގެ ތެރޭގައި އެ މުވައްޒަފަށް ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.

އަކޯސްޓާ ވަނީ ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އޭނާގެ ސުވާލުތަކާ ގުޅިގެން ޓްރަމަޕް ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ސުވާލު ކުރުން ހުއްޓާލުމަށް އަމުރުކުރިއެވެ. ނަމަވެސް ފަހު ސުވާލަށް ފުރުސަތު ދެއްވުމަށް އެދި އަކޯސްޓާ ވަނީ ސުވާލު ކުރިއަށް ގެންގޮސްފައެވެ.

ޓްރަމްޕް ވަނީ ކޯފާ އިސްކުރައްވައި މައިކު ތިރިކުރެއްވުމަށާއި އަކޯސްޓާއަކީ ވަރަށް ބޭއަދަބީ މީހެއް ކަމަށް ވިދާޅުވެފައެވެ. އަދި ސީއެންއެން ފަދަ ބޮޑެތި ނޫސް އޭޖެންސީތަކުން އޭނާ ފަދަ ރިޕޯޓަރުން އައްޔަން ނުކުރުމަށް ޓްރަމްޕް ގޮވާލެއްވިއެވެ.

ޓްރަމްޕް ވަނީ މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ނޫސްވެރިންނަށް ބަހުގެ ހަމަލާތައް ދީފައެވެ. އެގޮތުން އެންބީސީގެ ނޫސްވެރިޔާ ޕީޓަ އެލެކްސެންޑަރ އަކޯސްޓާގެ ދިފާއުގައި ވާހަކަ ދެއްކުމުން ޓްރަމްޕް ވަނީ، އޭނާއަކީ ވެސް އެމަނިކުފާނަށް އެހާ ކަމުދާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސީއެންއެން އިން ވަނީ ވައިޓް ހައުސްގެ ނިންމުމާ ގުޅިގެން ނޫސްވެރިޔާ އަކޯސްޓާ ދިފާއުކޮށްފައެވެ. އަދި މިއީ ސީއެންއެން އަށް ދިން ހަމަލާއެއް ނޫން ކަމަށާއި ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށް ސީއެންއެން އިން ބުނެފައިވެއެވެ.

ޓްރަމްޕް ވަނީ މީގެ ކުރިންވެސް ނޫސްވެރިންނާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި ނޫސްވެރިންނާއި މީޑިޔާއަކީ ރައްޔިތުންގެ އަދުއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.