Last Updated: June 21, 18:16
Saturday, June 21, 2025
ޚަބަރު

މައުމޫން، ކާނަލް ނާޒިމް އާއި ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އާއި އެމަނިކުފާނުގެ އާއިލާ، ކާނަލް މުހައްމަދު ނާޒިމް އާއި ބައްދަލުކުރެއްވުން - ފޮޓޯ: ޓްވިޓާ (އަފާފް އަބްދުލް މަޖީދް)

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ބައްދަލު ކުރައްވައިފިއެވެ.

މައުމޫން، ނާޒިމް އާއި ބައްދަލުކުރެއްވީ އެމަނިކުފާނު މިހާރު މެލޭޝިއާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މައުމޫން ބޭސްފަރުވާ އަށް މެލޭޝިއާ އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

މި ބައްދަލުވުމުގައި ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް އާއި ދެ ދަރިކަނބަލުން، ޔުމްނާ މައުމޫން އާއި ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ނާޒިމްގެ އަނބިކަނބަލުން އަފާފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

މައުމޫން އާއި ނާޒިމް މިއަދު ބައްދަލުކުރެއްވިއިރު، ކާނަލް ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒްކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު އަމުރުކޮށްފަ އެވެ. އޭނާގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެފައިވަނީ އޭނާ ދިރިއުޅުއްވި ކޮޓަރިން ފިސްތޯލެއް ފެނުނު މައްސަލާގައެވެ.

ނާޒިމް މިވަގުތު ހުންނެވީ ބޭސް ފަރުވާއަކަށް މެލޭޝިއާގައެވެ. ނާޒިމް އަކީ 1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި މިނިވަން ކުރުމަށް ހުކުމް ކުރި އެއް ފަރާތެވެ.