Last Updated: April 25, 22:42
Friday, April 26, 2024
ކުޅިވަރު

ބިލްބާއޯ ބަލިކޮށް އެތުލެޓިކޯ ދެވަނަ އަށް

ބިލްބާއޯ ކޮޅަށް ލަނޑުޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 3-2 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ މެޗުން މޮޅުވެ އެތުލެޓިކޯ ދެވަނައަށް އެރީ 12 މެޗުން 23 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއްވަނައިގައި އުޅޭ ބާސެލޯނާ އަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތީ އެސްޕަންޔޯލް އެވެ. އެޓީމަށް ލިބިފައިވަނީ 11 މެޗުން 21 ޕޮއިންޓެވެ. ސެވިއްޔާ އޮތީ 20 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ 36 ވަނަ މިނެޓުގައި އިނާކީ ވިލިއަމްސް ކާމިޔާބުކުރި ގޯލާއެކު ބިލްބާއޯ އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 13 ވަރަކަށް މިނެޓުގެތެރޭގައި ބިލްބާއޯގެ ލީޑް ފުޅާކުރުމަށް އިނާކީ ވިލިއަމްސް އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އެޓީމުގެ އުނާއި ނޫނޭޒް ދިން ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް މަތަކުރިއެވެ.

އޭގެ ތިން މިނެޓުފަހުން، އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ތޯމަސް ޕާޓޭ އެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީ ބްރެޒިލްގެ ފުލްބެކް ފިލިއްޕޭ ލުއިސް އެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ކައުންޓާއެޓޭކެއްގައި ބިލްބާއޯގެ އިކާ މުނިއައިން ތަނަވަސްކުރި ފުރުޞަތަކުން އިނާކީ ވިލިއަމްސް ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ.

އޭގެފަހުން، މެޗުނިމެން 10 މިނެޓަށްވެފައިވަނިކޮށް ތޯމާސް ޕާޓޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ރޮޑްރީގޯ ވަނީ އެތުލެޓިކޯ އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ.

މިނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް، އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ފޮނުވާލި ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ޑިއޭގޯ ގޮޑިން ވަނީ އެތުލެޓިކޯ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެލެންސިއާ ވަނީ ޓޮރީނޯ އަތުން 1-0 އިން މޮޅުވެފައެވެ. ޖިރޯނާ އާ ލެގަނޭސް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވިއިރު ރެއާލް ވަލަޑޮލިޑާ ދެކޮޅަށް އެއިބާ ކުޅުނު މެޗު ނިމުނީ ވެސް ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ސްޕެނިޝް ލީގުގައި މިއަދު ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗުގައި ރާއްޖޭގަޑިން 00:45 ގައި ބައްދަލުކުރާނީ ސެލްޓާވިގޯ އާ ރެއާލް މެޑްރިޑެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ނިކުންނާނީ ރެއާލް ބެޓިސް އާ ދެކޮޅަށެވެ. މީގެއިތުރުން ސެވިއްޔާ އާ އެސްޕަންޔޯލް ބައްދަލުކުރާ މެޗުވެސް ފާހަގަކޮށްލެވެއެވެ.