Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

އަންހެނުންގެ ކޮމިޓީ: މަސްއޫލިއްޔަތަކީ ހެދިކާ ހެދުން؟

އައްޑޫ އަންހެނުންގެ ކޮމެޓީގެ މެމްބަރުން، އިންޑިއާ ސަފީރާއި އެކު، ފޮޓޯ: ކައުންސިލް އިދާރާ

ނަވާރަ ވަނަ ގަރުނުގެ ހިސާބަކުން ފެށުނު ފެމިނިސްޓް މޫވްމެންޓަކީ މުޅި ދުނިޔޭގައިވެސް މިހާރު ވަރަށް އަޑުހަރުކޮށް އިވޭ، އެކަމަކަށް ނުހަނު ޖޯށާއި ފޯރީގައި ވަކާލާތުކުރެވެމުންދާ ކަމެކެވެ. ފެމިނިޒްމް ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމާއި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމެވެ.

މިގޮތުން، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދަނީ ތަފާތު އެކިއެކި މަސައްކަތް ކުރެވެމުންނެވެ. ވަކިވަކި ފަރުދުންގެ މެދުގައެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެދުގައެެވެ. މީގެ އިތުރުން ގިނަ ޤައުމުތަކުގެ ސަރުކާރުތަކުންވެސް ދަނީ މިކަމުގައި ހަރަކާތްތެރިވެ، ޤާނޫނުތަކުގެ ޒަރިއްޔާއިން އަންހެނުން ބާރުވެރިކުރުވާ، އަންހެނުންނަށް ޙައްޤު ހޯދައިދިނުމުގެ މަސައްކަތްކުރަމުންނެވެ.

ދިވެހިރާއްޖޭގައިވެސް، ރާއްޖޭގެ އިދާރީ ދާއިރާތްއް ލާމަރުކަޒީ އުޞޫލުގެ ދަށުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ބެލުމުގެދަށުން، އަދި ކޮންމެ ސިޓީއެއްގެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އިންތިޚާބުކުރެވޭ އަންހެނުންގެ ކޮމިޓީއެއް އޮންނަން ލާޒިމުކުރެއެވެ.

މި ޤާނޫނުގެ ދަށުން އަންހެނުންގެ ތައްރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަމުގައި ކަނޑައަޅާފައިވާ ކަންކަމަށް އަލި އަޅުވާލާނަމެވެ.

(ހ) ސިޓީގެ/ ރަށުގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންދާ ރަސްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާދިނުން
(ށ) ކޮމިޓީގެ ނަމުގައި މުދާ މިލްކުކުރުމާއި ކޮމިޓީގެ ނަމުގައި އެކިއެކި ވިޔަފާރި މުޢާމަލާތުކުރުން
(ނ) ކޮމިޓީގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުން
(ރ) އާމްދަނީ ހޯދުމަށާއި އަންހެނުންގެ ތަރައްޤީއަށްޓަކައި އެކިއެކި ޙަރަކާތްތައް ހިންގުން
(ބ) އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން
(ޅ) އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
(ކ) ސިޔާސީ ކަންކަމުގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން
(އ) މަތީ ތަޢުލީމު ޙާޞިލުކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުން
(ވ) އަންހެނުންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން
(މ) އަންހެނުންނާބެހޭ މުހިންމު މަޢުލޫމާތު އެއްކުރުން
(ފ) ކޮމިޓީގެ މާލިއްޔަތުގައިވާ މުދަލާއި ފައިސާ ބެލެހެއްޓުން

މިހެން މިކަން އޮތްއިރު، ސުވާލަކީ އިންތިޚާބު ކުރެވޭ އަންހެނުންގެ ކޮމިޓީއިން މިމަސްއޫލިއްޔަތުތައް ކިހާ ވަރަކަށް އަދާކުރޭތޯ؟ އަދި އިންތިޚާބު ކުރެވޭ ފަރާތްތަކުގެ ކިބައިގައި މި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ހުރީ ކިހާވަރަކަށްތޯ؟ 29 ނޮވެމްބަރު 2018 ވަނަ ދުވަހަކީ އާ އަންހެނުންގެ ކޮމިޓީ އިންތިޚާބު ކުރުމަށް ވޯޓުލުމަށް ހަމަޖެހިފައިވާ ދުވަހެވެ. އަދި 22 ނޮވެމްބަރާއި ހަމައަށް ޝައުޤުވެރިވާ ފަރާތަތަކަށް އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާ ލެވިފައެވެ.

ނަމަވެސް ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. މަސްއޫލިއްޔަތުތައް ނުހަނު ބޮޑުއިރު، ކުރިމަތިލާ ފަރާތުގެ ކިބައިގައި ހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން ބައެއް ޝަރުތުތަކަކީ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުުރުމަށް އެންމެ އެކަށޭނެ ޝަރުތުތަކެއްތޯއެވެ؟ މިޝަރުތުތައް މިއަށްވުރެ ހަރުދަނާ ގޮތަކަށް އިސްލާޙުުކުރެވޭނީ ކިހިނެއްތޯއެވެ؟ މިސާލަކަށް ނަގަނީނަމަ، އަސާސީ ތަޢުލީމުގެ ފެންވަރަކީ މިފަދަ މަސްޢޫލިއްޔަތެއް އަދާކުރުމަށް އެންމެ އެކަށޭނެ ތަޢުލީމީ ފެންވަރުތޯއެވެ.

އަދިވެސް ކޮށްލަންޖެހޭ އެތަކެއް ސުވާލުއެބަހުއްޓެވެ. މިކޮމިޓީ އޮންނަތާ އަހަރުތަކެއް ފާއިތުވެގެންގޮސްފައިވާއިރު ޒުވާން އަންހެނުން މި މަޤާމަށް ކުރިމަތި ނުލަނީ ކީއްވެގެންތޯ؟ އަބަދު އެއްބަޔަކު ކުރިމަތި ލަނީ، އަދި ހޮވެނީ ކީއްވެގެންތޯއެވެ. އަންހެނުން ބާރުވެރިކުރުމުގައި ފިރިހެނުންގެ ދައުރަކީ ކޮބާތޯއެެވެ. އަންހެނުން ކޮމިޓީ ހިނގަނީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ރޫހާއި އެއްގޮތަށްތޯއެވެ.

އާކޮމިޓީއެއް އިންތިޚާބު ކުރުމަށް ދުވަސް ކައިރިވަމުންދާއިރު މިކަންކަމަކީ ވިސްނާލުން މުހިންމު ކަންކަމެވެ. އަންހެނުންގެ ކޮމިޓީއަކީ އަންހެނުން ބާރުވެރި ކުރުވުމުގެ ނަމުގައި ހަމައެކަނި ހެދުންފަހާ، ހެދިކާ ހަދާ ބަޔަކަށް ވުމުގެ ބަދަލުގައި، ބަޔާންވެގެންވާ ހުރިހާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށް، އެކިގޮތްގޮތުން އަންހެނުން ބާރުވެރިކުރުވާ، އެކި ގޮތްގޮތުން ޙައްޤުތައްގެއްލިފައިވާ އަންހެނުންގެ ޙައްޤުތައް ހޯދުމައް މަސައްކަތްކުރާ، އަދި ހޯދަމުންދާ ބަޔަކަށް ހަދަމާތޯއެވެ.