Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ރެއާލްގެ ދާއިމީ ކޯޗެއްގެ ގޮތުގައި 2021ގެ ނިޔަލަށް ސޮލާރީ އާއެކު އެއްްބަސްވެއްޖެ

ރެއާލްގެ ކޯޗު ސަންޓިއާގޯ ސޮލާރީ. --ފޮޓޯ: ސްކައި ސްޕޯޓްސް

ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ދާދިފަހުން ވަގުތީގޮތުން ހަވާލުވި އާޖެންޓީނާ އަދި އެކްލަބުގެ ކުރީގެ މިޑްފީލްޑަރު ސަންޓިއާގޯ ސޮލާރީ އާއެކު 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވެއްޖެއެވެ.

ސޮލާރީ އާއެކު ދާއިމީ އެއްބަސްވުމެއްގެ ސޮއިކުރިކަން ރެއާލްގެ ބޯޑުގެ މެމްބަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމަށްފަހު އިއްޔެ ނެރުނު ޕްރެސް ރިލީޒްގައި ހާމަކޮށްފައިވެއެވެ.

ރެއާލްގެ ކޯޗުކަމާއި ވަގުތީގޮތުން ސޮލާރީ ހަވާލުވީ މި ސީޒަނަށް އެޓީމަށް ގެނައި ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީ މަގާމާ ހަވާލުވިތާ 4 މަހަށް ފަހު ރެއާލްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ވަކިކުރުމުންނެވެ.

ލޮޕެޓެގީއަކީ އެޓީމަށް ތިންފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު، ޒައިނުއްދީން ޒިދާންގެ ބަދަލުގައި ޖޫން މަހު އެކްލަބާ ހަވާލުވި ކޯޗެކެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން 6 މެޗުން މޮޅުވިއިރު، 6 މެޗުން ވަނީ ބަލިވެފައެވެ. އަދި ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އެންމެ ފަހުން ކުޅުނު ހަ މެޗުން ހޯދުނީ އެންމެ މޮޅެކެވެ. ލޮޕެޓެެގީ މަގާމުން ދުރުކުރީ މި ސީޒަންގައި ކުޅުނު ފުރަތަމަ އެލް ކްލެސިކޯގައި ބާސެލޯނާ އަތުން 5-1 އިން ރެއާލް ބަލިވި މެޗަށްފަހުގައެވެ.

ރިޕޯޓްތައް ބުނާގޮތުން ލޮޕެޓެގީ މަގާމުން ދުރުކުރުމަށް ފަހު ސޮލާރީ އާ ހަވާލުކުރުމުގެ ކުރީން، ރެއާލްގެ ކޯޗުގެ މަގާމަށް ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އިތުރުން މޮނާކޯގެ ކުރީގެ ކޯޗު ލިއޮނާޑޯ ޖާޑިމް ގެނައުމަށް މަސައްކަތްކުރި ކަމަށްވެއެވެ.

ސޮލާރީ ދާއިމީ ކުރަން ނިންމާފައި ވަނީ އޭނާ ހަވާލުވި ފަހުން ހަތަރު މެޗުން ރެއާލް ޖެހިޖެހިގެން މޮޅުވެފައި ވަނިކޮށެވެ. ސޮލާރީގެ ކޯޗު ކަމުގެ ދަށުގައި ރެއާލުން ވަނީ، މެލީޔާ، ރެއާލް ވެލަޑޮލިޑް، ވިކްޓޯރިއާ ޕްލެޒެން އަދި ސެލްޓަ ވީގޯ ބަލިކޮށްފަ އެވެ. އެ ހަތަރު މެޗުގައި ރެއާލުން 15 ގޯލް ކާމިޔާބުކުރިއިރު އެޓީމު ކޮޅަށް ވަނީ އެންމެ 2 ގޯލެވެ.

ރެއާލްގެ ކޯޗުކަމާއި ސޮލާރީ ހަވާލުވިއިރު އެޓީމު އޮތީ ސްޕެނިޝް ލީގުގެ ނުވަ ވަނައިގައެވެ. ނަމަވެސް އެޓީމު މިހާރު ވަނީ ލީގުގެ ހަވަނަ އަށް ޖެހިލާފައެވެ.

އުމުރުން 42 އަހަރުގެ ސޮލާރީ ވަނީ ކުޅުންތެރިއެއްގެ ގޮތުން ރެއާލްގައި 2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށް ހޭދަކުރީ ދުވަސްތަކުގައި ހަތް މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ. އެގޮތުން، ޗެމްޕިއަންސް ލީގުގެ ތަށި އެއްފަހަރު ހޯދާފައިވާއިރު ސްޕެނިޝް ލީގު ތަށި ދެފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ވޭތުވެދިޔަ ތިން ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްފައިވާ ރެއާލަށް އެމުބާރާތުގައި ކުރިއަށް ދެން އޮތީ މިމަހުގެ 27 ވަނަ ދުވަހު ރަށުން ބޭރުގައި އިޓަލީގެ އޭއެސް ރޯމާ އާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ ސޮލާރީގެ ކޯޗުކަމުގައި އެޓީމު ކުރިމަތިލާ ފުރަތަމަ ބޮޑު ޗެލެންޖެވެ.