Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

މާލެ ފިޔަވައި އެންމެ ބޮޑު ބަޖެޓެއް އައްޑޫއަށް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މިވަނީ ހޫނު ގަދަވެފައެވެ. ބަޖެޓަކީ ރައީސް ޔާމީންގެ ސަރުކާރުން ހުށަހެޅި ބަޖެޓެއްކަމަށް ބައެއް މެމްބަރުން ބުނާއިރު ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ބަޖެޓަކީ ސީދާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޮފީހުން ފޮނުއްވި ގޮތަށް ބަދަލެއް ނުގެނެސް ހުށަހެޅުއްވި ބަޖެޓެކެވެ.

އިބޫ، އަންނަ ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާއިރު އެމަނިކުފާންގެ ފުރަތަމަ އަހަރުގެ ބަޖެޓަކީ މިހާރު މަޖްލިސްއަށް ހުށަހެޅިފައިވާ ބެޖެޓެވެ. 29 ބިލިއަން ރުފިޔާގެ މި ބަޖެޓުގެ އެންމެ ބޮޑު ބައެއް ހިމަނާފައިވަނީ ތޮއްޖެހިފައިވާ މާލޭގެ އެކި ކަންކަމަށެބެ. މާލެއަށް 2.9 ބިލިއަން ހުށަހަޅާފައިވާއިރު މުޅި ރާއްޖޭގެ އެހެން އަތޮޅުތަކަށް ބަޖެޓު ކުރެވިފައިވަނީ 908 މިލިއަން ރުފިޔާއެވެ. މި ސަބަބާއި ހެދި އިބޫއަށް ގިނަ ފާޑު ކިއުންތައް ވަނީ އަމާޒުވެފައެވެ.

އަތޮޅުތަކަށް ހަރަދު ކުރައްވާ 908 މިލިއަން ރުފިޔާގެ ތެރެއިން މިފަހަރު އެންމެ ބޮޑު ހޭދައެއް އޮތީ އައްޑޫއަށެވެ. އައްޑޫގެ ތަރައްޤީއަށް 374 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.

އައްޑޫގެ ތަރައްޤީއަށް 374 މިލިއަން ބަޖެޓުގައި ހިމެނިއިރު މިފަހަރު އެންމެ ބޮޑު އިސްކަމެއްދޭނެ ކަންކަމުގެ ތެރޭގައި ހިތަދޫގެ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ. އެގޮތުން ހިތަދޫއަށް 54 މިލިއަން ރުފިޔާ ހަރަދު ކުރާއިރު ދެން އެންމެ ބޮޑު ހަރަދެއް ކުރަނީ މީދޫ ދާއިރާއަށެވެ. މީދޫ މަރަދޫފޭދޫ ދާއިރާއަށް 38 މިލިއަން ބަޖެޓު ކުރެވިފައިވާއިރު ހުޅުދޫއަށް ބެޖެޓުގައި ހިމަނާފައިވަނީ 5.5 މިލިއަން ރުފިޔާއެވެ.

މަރަދޫއަށް 25 މިލިއަން ބަޖެޓު ކުރެވިފައިވާއިރު ފޭދޫއަށް ހިމަނާފައިވަނީ 14 މިލިއަން ރުފިޔާއެވެ.

މުޅި ބަޖެޓަށް ބަލާއިރު އިބޫގެ ކެމްޕެއިން ވައުދު ނާމާގައި އައްޑޫއަށް ހާއްސަކޮށް ހިމެނި "އައްޑޫ ވައުދު"ގެ ކަންކަމަށް މި ފަހަރު ބަޖެޓުގައި އެއްވެސް ފައިސާއެއް ހިމަނާފައި ނުވެއެވެ. އެހެންވެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ ވައުދު ނާމާގެ ތެރެއިން އައްޑޫގައި ފެށޭނެކަމެއް އެނގެން ނެތެވެ.