Last Updated: April 24, 20:13
Wednesday, April 24, 2024
ރިޕޯޓް

އަބްދުﷲ ސައީދާއި އަލީ ހަމީދު މިނިވަންނުވުމަކީ އަރަތެކެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު-

ކުރީގެ އުއްތަމަފަޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ނިސްބަތްވަނީ އައްޑުއަތޮޅު ހުޅުމީދޫއަށެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި އެދެބޭފުޅުންގެ ގާތްތިމާގެ މީހުންނާއި ރައްޓެހީންނާއި ހެޔޮއެދޭ އެންމެންގެ ކައިރިޔަށް ގޮސް އަޅުގަނޑު ވަރަށް ސާފުބަހުން ވާހަކައެއް ދެންނެވީމެވެ. އެދެބޭފުޅުންގެ ފުރާނަ ނުދަނީސް ޖަލުން މިނިވަންކުރަން އެދޭނަމަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނޫނެކޭ ބުނަން އެދުނީމެވެ. އެދެބޭފުޅުން މިނިވަންކުރުމަށް އޮތް ހަމައެކަނި މަގަކީ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓުދިނުންކަމަށް ދެންނެވީމެވެ.

ވައްކަމުގެ ވާހަކަޔާއި ޑިމޮކްރަސީގެ ވާހަކަޔާއި ހައްގުތަކުގެ ވާހަކަޔާއި ދަރަންޏާއި އިގްތިސާދުގެ ވާހަކަ އަޅުގަޑެއް ނުދައްކަމެވެ. އެހެންމީހުން އެބާވަތުގެ ވާހަކައިން ކެމްޕޭނުކުރާނެތާއެވެ. ކޮންމެއަކަސް އަޅުގަޑުދެއްކީ ބައެއްގެ ފުރާނަ ސަލާމަތްކުރުމާއި މިނިވަންކުރުމުގެ ވާހަކައެވެ. މިވާހަކަ މީހުން އަޑުއެހިވަރެއް ނާހާވަރެއް ނޭގެއެވެ. އެގެނީ ހުޅުދޫއާއި މީދޫންވެސް އިބްރާހިމް މުހައްމަދު ސާލިހަށް ސާފު އަގުލަބިއްޔަތެއް ލިބިވަޑައިގެންނެވިކަމެވެ. މީގެތެރެއިން މީދޫއަކީ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް މިފަހަރު ނޫނީ އަގުލަބިއްޔަތު ހޯއްދެވުނު ރަށެއް ނޫނެވެ. މީދޫއަކީ އަބްދުﷲ ސައީދުގެ އުފަން ރަށެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށް ލެވުނީ ސްޕްރީމްކޯޓުގެ ފަސް ފަޑިޔާރުން އިއްތިފާގުވެގެން މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރެއް ރައީސް ޔާމީނަށް ހަޖަމު ނުކުރެއްވިގެންނެވެ. އެއަމުރުގައި ވަނީ ރައީސް ނަޝީދާއި ގާސިމް އިބްރާހީމާއި ޝައިޚް އިމްރާނާއި ކާނަލް ނާޒިމާއި އަހުމަދު އަދީބު މިނިވަންކޮށް ދޫކޮށްލާ ވާހަކައެވެ. މިބޭފުޅުންގެ މައްޗަށް ހިންގުނު ޝަރީއަތްތައް ދެކޮޅުނުޖެހޭ ވާހަކައެވެ. އެހެންވީމާ ތަހުގީގީ އިދާރާތަކަށް މިބޭފުޅުންނާ ދެކޮޅަށް މައްސަލައެއް ކުރިޔަށް ގެންދަން ފެންނަކަމުގައިވަނީނަމަ އެމައްސަލައެއް ވަކިން ކުރިއަށް ގެންދެވިދާނެ ވާހަކައެވެ. ގޮނޑި ގެއްލިފައިވާކަމަށް ބުނާ މަޖިލީހުގެ ބާރަ މެންބަރެއްގެ ގޮނޑި ނުގެއްލޭ ވާހަކަޔާއި އެމެންބަރުން ބައިވެރިކޮށްގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ ވާހަކައެވެ.

މިއަމުރަކަށްފަހު ރައީސް ޔާމީނުގެ ލޮލަށް ނިދިނައިސް ހަތަރު ފަސްރެއެއް ފާއިތުވުމަށްފަހު އެއްރޭ ދަންވަރު ސިފައިން ފޮނުވައިގެން ސްޕްރީމްކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން އެތެރެއަށްވަދެ ދޮރުތައްވެސް ވައްޓާލާފައި ގަދަކަމުން އުއްތަމަފަޑިޔާރު އަބްދުﷲ ސައީދާއި ފަޑިޔާރު އަލީ ހަމީދު ބިންމަތީގައި ކޫއްތަމުން ދަމާނެރެގެންގޮސް ހުރަގެޔަށް ލައިފިއެވެ. ސްޕްރީމްކޯޓުގެ އަމުރުގައި ސޮއިކުރެއްވިއެއްކަމަކު އަނެއް ތިން ފަޑިޔާރުން ތިއްބެވީއެވެ. ރައީސް ޔާމީނުގެ ރުޅި އަމާޒުވީ އެންމެ އިސް ދެފަޑިޔާރުންނަށެވެ.

މިކަން މިމަގުން ކުރުމަށްފަހު އާޒިމާޔަކާއި އަނިލްއަކާއި އެއްތަންކޮށްގެން ރިޝްވަތުނެގީޔޭ ދައުލަތް ހުއްޓުވީޔޭ ކުކުޅުމުންޖޭ ކިޔައިގެން ދެކޮޅުނުޖެހޭ ދައުވާތަކެއްކޮށް ފަޓާސްބަރިއެއްހެން ސަރިޔަތް ހިންގައި ނިންމާލައި މިޑްރާމާގައި ގާނޫނީ ކުލަ ޖައްސައިފިއެވެ. މަގާމުވެސް ގެއްލުނީކަމަށް ނިންމައި ބާކީ ތިބި ތިން ފަޑިޔާރުންގެ ތެރެއިން މީހަކު އުއްތަމަފަޑިޔާރަކަށް އައްޔަންކޮށް ހުސްވެފައިވާ ދެޖާގައަށް ހައިކޯޓުގެ ތެރެއިން ދެމީހަކު ގެނެސް ސްޕްރީމްކޯޓުގެ ބެންޗު ފުރިހަމަވެސްކޮށްފިއެވެ. މިކަންކޮށްނިމެންދެން ސްޕްރީމްކޯޓަށް ކާކީ ޔުނިފޯމުގައި ތިބޭ މީހުން ވަދެނިކުމެވުން ވަރަށް ގިނައެވެ. މިކަންކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ޔާމީނަށް ވަފާތެރި ތިރީހަކަށް މެންބަރުން ވައްދައިގެން އެނޫން މެންބަރުން ނުވައްދައި މަޖިލީސް ތަޅުލައިގެންތިބެއެވެ. ޖަލްސާއެއް ބޭއްވުމަށް ގާނޫނު ލާޒިމުކުރާ އަދަދު ހަމަވޭތޯ ނުވޭތޯ ބެލުމެއްވެސް ނެތިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ދުވަސްވަރު އިއްތިހާދަށް ނިސްބަތްވާ ބޭފުޅަކު ހުޅުމީދޫއަށް އަރައިވަޑައިގެންފީވިއްޔާ ލަސްނުކުރައްވައި އެންމެ އިހަށް ވަޑައިގަންނަވަނީ އަބްދުﷲ ސައީދުގެ ގެއަށެވެ. ވައުދުވެވަޑަައިގަންނަވަނީ ވީއެންމެ އަވަހަކަށް އަބްދުﷲ ސައީދާއި އަލީ ހަމީދު މިނިވަންކުރާނެ ކަމަށެވެ.

ވީއެންމެ އަވަހަކީ ކިހާ އަވަހެއްބާވައެވެ. ސެޕްޓެމްބަރު ތޭވީހުގައި ދިވެހިރައްޔިތުން ބޮޑުތަނުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފިއެވެ. ހުޅުދޫއާއި މީދޫވެސް ޝާމިލްވާގޮތުންނެވެ. ނަތީޖާ ސާފުވީމާ ރައީސް ޔާމީނުގެ ބާރުތައް ލުހިގެން އެމަނިކުފާނުގެ މުށުތެރެއިން ދޫވާން ފަށައިފިއެވެ. ކޯޓުތައް މެދުވެރިވެގެން ހުރިހާ ސިޔާސީ ގައިދީންވެސް މިނިވަންވެއްޖެއެވެ. އެއްކަލަ ބާރަ މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް އަނެއްކާވެސް އަލުން ނިންމައި މަޖިލީހުގެ ޖަލްސާތަކުގައިވެސް ބައިވެރިވެވޭގޮތް ވެއްޖެއެވެ. ފެބްރުއަރީ އެކެެެއްގެ އަމުރުގައި ބުނާ ކަންކަން ގާތްގަޑަކަށް ތަންފީޒުކޮށް ނިމިއްޖެއެވެ.

އެއަމުރު ހަމަބަރާބަރެވެ. އަމުރުގައި ސޮއިކުރެއްވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަޑިޔާރުން އިސްކޮށް ތިއްބަވައިގެން އެއަމުރުގައި ބުނާ ކަންކަން މުޅިންކަހަލަ ގޮތަކަށް ކޮށްނިންމަވައިފިއެވެ. އެކަމަކު މިއަމުރު ނެރެގެން ރައީސް ޔާމީނުގެ ދަރުބާރުގައި ކުށްވެރިވެ ޖަލަށް ލެވުނު ދެފަޑިޔާރުން ބަރާބަރެއް ނުވިއެވެ. އަމުރު ބަރާބަރެވެ. ތިންފަޑިޔާރުންވެސް ބަރާބަރެވެ. އެކަމަކު އަބްދުﷲ ސައީދާއި އަލީ ހަމީދު ބަރާބަރެއް ނުވިއެވެ.

ޖަލަށްލެވުނު ހުއްޖަތު ބާތިލުވުމުންވެސް އެދެބޭފުޅުން އެތިއްބެވީ ހަމައިހެކޭ އެއްގޮތަށް ޖަލުގައެވެ. އެދެބޭފުޅުންގެ ހުކުމް މުރާޖާކުރަން އުޅޭބަޔަކުވެސް ނުފެނެއެވެ. ކުޑަމިނުން ޖަލުން ނެރެގެން ގޭބަންދަށް ބަދަލުކުރުމުގެ ޚިޔާލެއް ފިކުރެެއް ކުރާމީހަކުވެސް ނުފެނެއެވެ. މިއީ އަރަތެއް ކަހަލަ ކަމެކެވެ.

އެދެބޭފުޅުން ޖަލުގައި އެތިއްބެވީ ކުށެއްކުރައްވައިގެނެއް ނޫނެވެ. އެހެންވީމާ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހެދިފައިވާ އެއްޗަކުން އަރާ މަޅިއެއްގެ ސަބަބުން އަދި އަވަސްއަރުވާލައިގެން ރައީސް ޔާމީނު ވިދާޅުވިގޮތަކަށް މަޖިލީހުން ދިން ވޯޓެއްގެ ސަބަބުން ނިޒާމުގެ ތެރޭގައި އުފަންވާން އުޅޭ މައްސަލައަކާހެދި އެދެބޭފުޅުން ޖަލުގައި ތިއްބަވާކަށް ޖެހިވަޑައި ނުގަންނަވާނެއެވެ. ކުށެއްނެތް ބަޔަކު އެންމެ ސިކުންތަކަށްވެސް ޖަލުގައި ބައިތިއްބައިގެން ނުވާނެއެވެ. ރައީސް އިބޫއާއި ނާއިބުރައީސް ފައިސަލަށް ހުވައިލައިދޭ މީހާގެ ނަން މުހިއްމެއް ނޫނެވެ. މުހިއްމީ އިންސާފެވެ. މަޖިލީހުގެ ވޯޓަކުން ތަނަކަށް ވެއްދި ބައެއްގެ ޖާގަ ޖަލުން މިނިވަންވާ ބައެއްގެ ސަބަބުން ގެއްލޭކަމަށް ހީވާހީވުމަކީ މިދެބޭފުޅުން މިނިވަންވުމަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެއެވެ.

ކުށެއްނެތްބަޔަކު މިނިވަންކުރާ ކުރުމަކުން އެބަޔަކު ކުރިން ތިބި މަގާމުތަކަށް ރުޖޫއަވާންޖެހޭތޯ ނޫންތޯ ބެލުން މުހިއްމެއް ނޫނެވެ. މުހިއްމީ ކުށްވެރިންކަމުގައި ނުވާބަޔަކު ވީހާވެސް އަވަހަށް މިނިވަން ކުރުމެވެ. އެކަންކުރަން ބިރުގަންނަކަމަށްވަނީ ވިއްޔާ އެމީހުންގެ އާއިލާތަކުގެ ކައިރިޔަށް ގެޔަށް ބަދަލުކޮށްދިނުމެވެ.

އަޅުގަޑު ކުރިން ޚިޔާލުކޮށްގެން ހުރީ އިބޫ ހުވާނުކުރައްވަނީސް މިވާހަކަ ނުދެއްކުމަށެވެ. ރިޔާސީ މައާފެއް އިބޫއަށް ދެއްވޭނީވެސް ހުވާކުރެއްވުމަށްފަހުތާއެވެ. އެކަމަކު އެޚިޔާލު ދޫކޮށްލާފައި މިއަދު މިވާހަކަ ދައްކަން ޖެހުނީ ދެތިންކަމެއް ދިމާވެގެންނެވެ. އެއްކަމަކީ އެބޭފުޅުން މިހާރު ތިއްބެވީ ރައީސް މައުމޫނު ހުންނެވި ގޭގައޭ އެއްވެސްކަމެއް ދައްޗެއް ނޫނޭ އެދެބޭފުޅުންގެ އާއިލާޔަށް ކޯލިޝަނުގެ ތެރެއިން އައި ޖަވާބެވެ. އާއިލާއިން މިއުޅެނީ ޖަލުގައި އެބޭފުޅުން ތިއްބަވާ ތިއްބެވުން ފައިވްސްޓަރ ފެންވަރަށް އަޕްގްރޭޑް ނުކުރެވިގެނެެެއް ނޫނެވެ. އެހެންވީމާ އެޖަވާބު ކަމަކު ނުދެއެވެ. ދެވަނަ ކަމަކީ އިންތިޚާބުވެފައިވާ ރައީސްގެ ތަރުޖަމާނު މިއަދު ވިދާޅުވި ވާހަކަފުޅެކެވެ. ރައީސް ހުވާކުރައްވާ ފުރަތަމަ ދުވަހު މިނިވަންކުރައްވާނީ ސިޔާސީ ކުށްވެރިންނޭ ވިދާޅުވިއެވެ. އަބްދު ﷲ ސައީދާއި އަލީ ހަމީދަކީ ސިޔާސީ ކުށްވެރިން ކަމަށް އަޅުގަޑު ގަބޫލެއް ނުކުރަމެވެ. އަދި އެއްވެސް ބާވަތެއްގެ ގިންތިއެއްގެ ކުށްވެރިން ކަމަކަށްވެސް ގަބޫލެއް ނުކުރަމެވެ.

އެއީ ފުރާޅުން ޓިނު ނައްޓައިގެން ވަދެ ރަހީނުކުރެވުނު ބޭފުޅުންނެވެ. ތަރުޖަމާނު ވިދާޅުވި އެއްޗެއް މާނަކުރީމާ އަޅުގަޑަށް މޭރުންވަނީ ހުވާކުރެެއްވުމަށްފަހު ދެންވެސް އަބްދުﷲ ސައީދާއި އަލީ ހަމީދު ތިއްބަވާނީ ޖަލުގައި ކަމަށެވެ.

ގަސްތުކުރިވަރަށްވުރެ މާބޮޑަށްވެސް މިލިޔުން ދިގުވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ކެމްޕޭނުގެ ތެރޭގައި އަޅުގަޑު ވިއްކޭތޯ އުޅުނު އެެއްޗަކީ އެދެބޭފުޅުންގެ ނަންވިއްޔާއެވެ. ކޮންމެއަކަސް ނިންމައިލުމުގެ ކުރިން އަނެއްކާވެސް އާދޭހާއެކު މުވައްސަސާތަކަށް މިކުރަނީ އާދޭހެވެ. ނޮވްބަރު ސަތާރައިގެ ކުރިން އެބޭފުޅުން މިނިވަންކޮށްދެެއްވާށެވެ. ކޮންމެވެސް ސަބަބުތަކަކާހެދި އެކަން ކުރަން ބަޔަކު ބިރުގަންނަކަމަށްވަނީނަމަ ގޭބަންދަށްނަމަވެސް ބަދަލުކޮށްދެއްވާށެވެ.