Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ސްޕެއިން އަތުން ކްރޮއޭޝިއާ ބަދަލުހިފައިފި

ސްޕެއިން ކޮޅަށް ލަނޑުޖެހުމަށްފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-2 އިން ސްޕެއިން ބަލިކޮށް މީގެ ދެ މަސް ކުރިން އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު ކްރޮއޭޝިއާ އިން ހިފައިފިއެވެ.

މިއީ މި މުބާރާތުގައި ސްޕެއިން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ. އެޓީމު އެންމެ ފަހުން އިންގްލެންޑާއި ދެކޮޅަށް އަމިއްލަ ދަނޑުގައި 3-2 އިން ބަލިވެފައިވާއިރު މިދިޔަ ސެޕްޓެންބަރު މަހު ކުޅުނު މެޗުގައި ސްޕެއިން އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްރޮއޭޝިއާ ވަނީ ބަލިވެފައެވެ.

ރޭގެ މެޗުން ހޯދީ މޮޅާއެކު ލީގު އޭގެ ގްރޫޕް ހަތަރެއްގައި ހިމެނޭ ކްރޮއޭޝިއާ ވަނީ މިމުބާރާތުގެ ފައިނަލް ބުރުން ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފައެވެ. މިގްރޫޕުގެ ތާވަލްގެ އެންމެ ކުރީގައި އަދިވެސް އޮތީ ރޭގެ މެޗުން ބަލިވި ސްޕެއިން އެވެ. އެޓީމަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އިންގްލެންޑާއި ކްރޮއޭޝިއާ އަށް ވެސް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕުގައި ދެން ބާކީ އޮތީ އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗެވެ. މިމެޗުން މި ދެ ޓީމު އެއްވަރުވެއްޖެނަމަ ސްޕެއިނަށް ފައިނަލް ބުރުން ޖާގަ ކަށަވަރުވެގެންދާއިރު މިމެޗުގައި ބައްދަލުކުރާ ދެ ޓީމުން ކުރެ ކޮންމެ ޓީމެއް މޮޅުވިނަމަވެސް އެޓީމަކަށް އަނެއް ބުރުގެ ޖާގަ ލިބޭނެއެވެ.

ކްރޮއޭޝިއާގެ ޒަގްރެބްގައި ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް ގިނަ ހަމަލާތައް އުފައްދާފައިވަނީ ކްރޮއޭޝިއާ އިންނެވެ. އެގޮތުން، އެޓީމުގެ އިވާން ޕެރިސިޗަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.

މިހާފުގައި ކްރޮއޭޝިއާގެ ގޯލަށް އަމާޒުކޮށް ސްޕެއިނުން ފޮނުވާލި ދެހަމަލާވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. އެގޮތުން، އެޓީމުގެ އިސްކޯ އާއި ސައުލް ނިގުއޭޒް ފޮނުވާލި ދެހަމަލާވެސް ކްރޮއޭޝިއާގެ ގޯލްކީޕަރު ލޮވްރޭ ކަލިނިޗް ވަނީ މަތަކޮށްފައެވެ.

މިމެޗުގެ ދެވަނަ ހާފު ފެށިގެން، ސްޕެއިނުން ކުޅުން ރަނގަޅު ކުރިނަމަވެސް ކުރީން ލީޑްނެގީ ކްރޮއޭޝިއާ އިންނެވެ. މެޗުގެ 54 ވަނަ މިނެޓުގައި ސްޕެއިނުގެ ބާސެލޯނާއަށް ކުޅޭ ފުލްބެކް ސާޖީ ރޮބާޓޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕެރިސިޗް ދިން ބޯޅައަކުން މި ލަނޑުޖަހައިދިނީ އަންދްރޭ ކްރެމަރިޗް އެވެ.

އޭގެ ދެ މިނެޓުފަހުން، އިސްކޯ ތަނަވަސްކުރި ފުރުޞަތަކުން ޑެނީ ސެބަޔޯސް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް މެޗުގެ 69 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ ދެވަނަ ފަހަރަށް ލީޑް ނަގައިފައެވެ. މިއީ އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ޓިން ޔެޑްވަޖް ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ކްރޮއޭޝިއާގެ ލީޑް ފުޅާކުރުމަށް އެންޓޭ ރެބިޗް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއިރު ސާޖީ ރޮބާޓޯ އަށް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އޭނާ ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ކަލިނިޗް ވަނީ މަތަކޮށްފައެވެ.

މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް، ކްރޮއޭޝިއާގެ ފުލްބެކް ސިމޭ ވްރިޝާލްކޯގެ އަތުގައި ބޯޅައިން ޖެހުނުކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީއަކުން ސާޖިއޯ ރާމޮސް ވަނީ ސްޕެއިނަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތުގައި ކްރޮއޭޝިއާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ވެސް އެޓީމުގެ ދެވަނަ ލަނޑުޖަހައިދިން ޓިން ޔެޑްވަޖް އެވެ.

ބެލްޖިއަމްގެ ދެލަނޑުޖަހައިދިން މިޝީ ބަޓްޝުއަޔީ (ކ) އައިސްލޭންޑްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

މެޗަށްފަހު ވާހަކަ ދައްކަމުން ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ ދެވަނަ ހާފުގައި ދެއްކި ކުޅުމަށް ބަލާއިރު އޭނާގެ ޓީމުން މިމެޗުން މޮޅުވުން ޙައްޤުކަމަށެވެ. ނަމަވެސް، ކައުންޓާއެޓޭކުގައި ކްރޮއޭޝިއާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފުމުގެ ސަބަބުން މެޗުގެ ނަތީޖާ ތަފާތުވީކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މި އުނދަގޫ ގުރޫޕުން އަނެއް ބުރަށް ދިއުމުގެ ދޮރު އަދި ބަންދުނުވާކަމަށެވެ.

މިމުބާރާތުގެ ލީގު އޭ ގެ ގްރޫޕް ދޭއް ގައި ރޭ އަމިއްލަ ދަނޑުގައި އައިސްލޭންޑާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗުން 2-0 އިން މޮޅުވެ އެޓީމު ވަނީ ފައިނަލް ބުރުން ޖާގައެއް ހޯދުމާއި ގާތަށް ޖެހިލައިފައެވެ.

މިގްރޫޕުގައި ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެމެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ މި ގްރޫޕުގެ އެންމެ ކުރީގައި އުޅޭ ބެލްޖިއަމާއި ސްވިޒަލޭންޑް އެވެ. މިމެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުން ޖާގަ ކަށަވަރުވެގެންދާއިރު މިމެޗުން ދެޓީމު އެއްވަރުވެއްޖެނަމަ ގްރޫޕުގެ އެއްވަނައިގައި ގޮތުގައި އަންނަ އަހަރު އޮންނަ މިމުބާރާތުގެ ފައިނަލް ބުރުން ޖާގަ ލިބޭނީ ބެލްޖިއަމް އަށެވެ.

ބްރަސެލްސްގެ ކިންގ ބައުޑުއިން ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗަށް ބެލްޖިއަމުން ނިކުތީ އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިންނާއި ނުލައެވެ. މިމެޗުގައި އެޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. ބެލްޖިއަމްގެ ދެލަނޑުޖަހައިދިނީވެސް މިޝީ ބަޓްޝުއާޔީ އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބޮސްނިއާ އެންޑް ހާޒެގޮވީނާ އާ އޮސްޓްރިއާ ބައްދަލުކުރި މެޗު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު ފިންލެންޑް އަތުން ގްރީސް މޮޅުވީ 1-0 އިންނެވެ. ހަންގޭރީ އަތުން 2-0 އިން އެސްޓޯނިއާ ބަލިވިއިރު ލަގްޒެމްބޯގް އަތުން ބެލާރުސް މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. އެންޑޯރާ އާ ޖޯޖިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު ކަޒަކިސްތާނާ ލެޓްވިއާ ކުޅުނު މެޗު ނިމުނީ ވެސް 1-1 އިން އެއްވަރުވެގެންނެވެ. މީގެއިތުރުން، ސެން މެރީނޯ އަތުން މޮލްޑޯވާ 1-0 އިން މޮޅުވެފައިވެއެވެ.