Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

ސީރިޔާ ރެފިއުޖީ ކުއްޖާއަށް އަނިޔާކުރި ކުއްޖާއަށް ދައުވާ ކުރަނީ

އިނގިރޭސި ވިލާތުގެ ހަޑަސްފީލްޑުގެ ސްކޫލެއްގައި ސީރިޔާ ރެފިއުޖީ ކުއްޖަކު ބިންމައްޗަށް ވައްޓާލައި، އަނިޔާކުރި 16 އަހަރުގެ ފިރިހެން ކުއްޖަކާ ދެކޮޅަށް ދައުވާ ކުރަން އިނގިރޭސި ފުލުހުން ނިންމައިފިއެވެ.

ސޯޝަލް މީޑިޔާގައި އާންމުވި ވީޑިއޯއެއްގައި ފެންނަނީ އިނގިރޭސި ކުއްޖާ، ރެފިއުޖީ ކުއްޖާއާ ދިމާކޮށް ބޮލުން ޖަހައި ބިންމައްޗަށް ވައްޓާލައި ކަރުގައި ހިފައި އަނިޔާ ކުރާ ތަނެވެ. ވީޑިއޯ އާންމުކުރި މީހާ ވަނީ އެ ރެފިއުޖީ ކުއްޖާއަށް ކޮންމެ ދުވަހަކު އެފަދަ އަނިޔާތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފައެވެ.

އޭގެ ކުރިން ވެސް އެކުއްޖާއަށް ސްކޫލު ކުދި ބަޔަކު ކުރި އަނިޔާއެއްގައި އަތް ބިންދައިގެން ގޮސްފައިވާ ކަމަށާއި ހުތުރު ބަހުން މުއާމަލާތް ކުރުމަކީ ވެސް އާންމު ގޮތެއްގައި އެކުއްޖާ ކުރިމަތިލާން ޖެހޭ ކަންކަން ކަމަށް އާއިލާއާ ހަވާލާދީ އިނގިރޭސި މީޑިޔާއިން ރިޕޯޓުކޮށްފައިވެއެވެ.

ވީޑިއޯ އާންމުވުމާއެކު އިނގިރޭސިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ ސީރިޔާ ކުއްޖާގެ ދިފާއުގައި އަޑުއުފުލާފައެވެ. ނަތީޖާއަކަށް ވީ އިނގިރޭސި ފުލުހުން ވަގުތުން މައްސަލަ ބަލަން ފެށުމެވެ.

ފުލުހުން ބުނެފައިވަނީ ޖުވެނައިލް ކޯޓަށް ހާޒިރުވެ އޭނާ ކުރި ކަމަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި އެ މައްސަލަ ބަލައި ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

ސްކޫލުގެ ކުދިންގެ އަނިޔާތަކުގެ ސަބަބުން 15 އަހަރުގެ ސީރިޔާ ކުއްޖާ ބުނެފައިވަނީ ސްކޫލަށް ދިއުން އޭނާއަށް ރައްކާތެރި ނޫން ކަމަށެވެ. އަދި ސްކޫލުން އެއްވެސް ހިމާޔަތެއް ނުލިބޭ ކަމަށާއި ކިޔެވުމަށް ވުރެ އަމިއްލަ ފުރާނަ ސަލާމަތްކުރުން މުހިންމު ވެފައިވާ ކަމަށެވެ.