ފަތިހުގެ ހިތްގައިމު ވަގުތެވެ. މޫނުގައި ބީހިލާ ފިނިފިނި ރޯޅިތަކުގެ ސަބަބުން ދެލޯމަރާލެވެއެވެ. އިރުމަތީފަރާތުން ދޮންކުރަމުން ދިޔަ އިރުގެ ރަންރޯދިތަކުން ފަޒާގައިވަނީ އަޖާއިބުކުރުވަނިވި ރީތި ރަންކުލައެއް އުފައްދާފައެވެ. ބާރުދުވެލީގައި ދުއްވާފައިދިޔަ ލޯންޗްގެ ފަހަތު ސީޓްގައި އިން އާއިން އޭނާގެ ކެމެރާގައި އެހިތްގައިމު މަންޒަރުތައް ރައްކާކުރަމުން ދިޔައިރު އޭނާގެ އެކުވެރިޔާ މާޒް ދެލޯމަރާލައިގެން އިނީ ޖެހެމުންދިޔަ ފިނިފިނި ރޯޅީގެ ސަބަބުން ހީކަރުވައި އަދި ނިދިވެސް އައިސްފައެވެ. އިންތިޒާރުގެ ވަގުތު ތަކަކަށްފަހު ލޯންޗް އޭގެ މަންޒިލަށް ވާސިލްވެއްޖެއެވެ. ހ.އ ކެލާގެ ފަޅުތެރެއަށް ލޯންޗް ބަނދަރުކޮށްލުމާއެކު އާއިން އިންތަނުން ތެދުވިއެވެ.
" ހޭއި ބަޑީ…ދެން ހޭލަބަލަ! މިއޮއް ލެފުނީއޭ…" ލޯމަރައިގެން އިން މާޒް ސިހުނީ އާއިންގެ އަޑުންނެވެ. މާޒް ކަންނެތްކަމާއެކު ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އަދި ކައިރީގައިހުރި ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން ލޯންޗުން ފައިބަން ތައްޔާރުވިއެވެ. އާއިންވެސް އޭނާގެ ދަބަސްނަގައި ކޮނޑުގައި އަޅުވާލައިގެން މާޒްގެ ފަހަތުން ހިނގައިގަތެވެ. ރަށުގެ ބަނދަރުމަތީގައިވަނީ ހަމަހިމޭންކަމެވެ. ފަޅުތެރޭގައި އަޅާފައިވާ ދޯންޏެއްގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ދެމީހަކު ފިޔަވައި އިތުރުމީހަކު މުޅިހިސާބުންވެސް ފެންނާކަށްނެތެވެ.
" މާޒް! ކޮބާތަ އަހަރެމެން ބަލާ އަންނަންބުނި މީހާ؟…އޭނާގެ ޚަބަރެއްވޭތޯ ގުޅާލަބަލަ!…" ލޯންޗުން ފައިބައިފައި މޯޅިއަކަށް ދެމިލަމުން އާއިން ދެކޮޅު ހޯދާލިއެވެ.
" ހޫމް…މިގުޅަނީއޭ…ލޯންޗް ކައިރިވީމަވެސް މަށަށް ގޮވާލީކީ ނޫންވިއްޔަ…އެހެންނަމައެއްނު ތަންކޮޅެއް އަވަހަށް ގުޅާލެވުނީހީވެސް…" ޝަކުވާގެ ރާގެއްގައި މާޒް ބުނެލަމުން އޭނާގެ ފޯނުނަގައި ނަމްބަރަކަށް ޑައަލްކޮށްލިއެވެ.
" ފަހްދުނުހޭލަނީ ކަންނޭނގެ….ފޯނެއް ނުނަގާ….ހިނގާދަމާ.. މަށަށް އެނގޭނެދާން…" ދެފަރަކު ޑައަލްކޮށްލުމުވެސް ޚަބަރެއް ނުވުމުން މާޒް ފޯނު ކަނޑާލާފައި ޖީބަށްލިއެވެ.
" ކިހާދެރަކަމެއް މިޖެހުނީ….މިހާ ވަރުބަލިވެ ނިދިއައިސްފަ ހުރެގެން މިޖެހުނީ ހިނގާފަތަ ދާން…." އާއިން ޗޮކެއް ކަނޑާލިއެވެ. ދެމީހުންނަށް ވާހަކައިގައި ތިބެގެން ތަންކޮޅަކަށް ދިޔަތަނައި ތަންކޮޅެއްދުރުން އަންނަ ދުއްވާ އެއްޗެއްގެ އަލިފެންނަން ފެށިއެވެ.
" ޔަގީން އެވާނީ ފަހުދު ކަމަށް…" މާޒް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. އެމީހުން ބަލަން ތިއްބައި ބާރަށް ދުއްވާފައި އައި ކުޑަވަރެއްގެ ވޭނެއް އެމީހުންގެ ގާތަށް މަޑުކޮށްފިއެވެ.
" ސޮރީ… ފާޚާނާއަކަށް ދާންޖެހިގެން ލަސްވީ…." ވޭނުގެ ބިއްލޫރިގަނޑު ކަހާލަމުން އޭގައި އިން ޒުވާނާ މާފަށް އެދުނެވެ.
" އެހެންވެދޯ މަގޭ ގުޅިގަޑީގަ ފޯނު ނުނެގީ….އޯކޭ އަދި ލަހެއްނުވޭ….ހަމަ ދެންމެ މިއައީ ދޯ އާން.." މާޒް ވޭނުގެ ދޮރުހުޅުވާލަމުން ޖަވާބުދިނެވެ. އާއިންވެސް މާޒްގެ ފަހަތުން އެރުމާއެކު ވޭން ދުއްވާލިއެވެ. ހަލުވިކޮށް ދުއްވަމުންދިޔަ ވޭން ކުދި ކުދި ގޯޅިތަކުން އަޅަމުން ގޮސް އަދިރި ގޯޅިއަކަށް ވަތްވަގުތު ފަހްދުއަށް ސިހިފައި ބުރެކި ޖައްސާލެވުނީ ކުއްލިއަކަށް ވޭނުގެ ކުރިމަތިން އަންހެން ކުއްޖަކު ފެނުމުންނެވެ. އެވަގުތު އަންހެންކުއްޖާވެސް ސިހިފައި ހަޅޭއްލަވައިގަތެވެ. ވޭން މަޑުކުރުމުން، ބިރުގެންފައިވާ ފުއްލާއެއްފަދައިން އަވަސް އަވަހަށް ގޮސް ޖެހިގެން އޮތް އަނދިރި ގޯޅީގެތެރެއަށް ވަދެ އޭނާ ގެއްލިއްޖެއެވެ.
" ކާކު އެއީ؟" މާޒްއަށްވެސް އަންހެންކުއްޖާ ފެނުމުން ކުޑަކޮށްބިރުގަނެފައި އަހާލިއެވެ.
" އެއީ މިތާ ކައިރީގަ އުޅޭ ކުއްޖެއް…"ވަރަށް އާދައިގެ ގޮތަކަށް ފަހްދު ޖަވާބުދިނެވެ. އަންހެން ކުއްޖާ ދިއުމުން ފަހްދު ވޭން ދުއްވާފައި ގޮސް ގެއެއްގެ ކައިރިއަށް މަޑުކޮށްލުމަށްފަހު ފޭބިއެވެ.
" މިތިބީ އާދެވިފަ….އަވަހަށް އުޅޭ ގެޔަށް ވަންނަމާ…" ފަހްދު އޭނާގެ ޖީބުން ތަޅުދަނޑި ފައްޗެއްނަގައި ދޮރާށީގެ ތަޅުހުޅުވާލަމުން ބުނެލިއެވެ. ފަހްދު އެތެރެއަށް ވަނުމުން މާޒްއާއި އާއިންވެސް ފަހަތުންވަނެވެ. އެންމް ފުރަތަމަވެސް އާއިންގެ ލޮލުގައި އަޅައިގަތީ ގޯތިތެރޭގައި ހައްދާފައިހުރި މާގަސްތަކެވެ. އޭނާ ކެމެރާނަގައި މާގަސްތައް ފޮޓޯނަގަންފެށިއެވެ.
" ވާއު….ހާދަރީތި ގެޔެކޭ….މީހަމަ ފަހްދުގެ ގެތަ؟…" ޔަގީންނުވެފައި މާޒް އަހާލިއެވެ.
" އާނ…އަދި ކިރިޔާ ހަދާ މިނިމުނީ…ރޯދަމަހުން މިކޮޅަށް ބަދަލުވާން މިވިސްނަނީ…." ފަހްދު އޮޅުންފިލުވައިދިނެވެ.
" އޯހ…އެހެންވީމަ އެންމެ ފުރަތަމަ މިގޭގަ ނިދާބަޔަކަށް އަހަރެމެންދޯ ވާނީ…" ހީލަމުން މާޒް އަހާލިއެވެ.
" ހޫމް…ތިޔަ ޝަރަފް މާޒްމެންނަށް ލިބޭނެ…." ފަހްދު ހިނިތުންވެލަމުން ޖަވާބުދިނެވެ.
" މާޒް….ވަރަށް ބަނޑުހައިވެފައެއްނު ތިޔަތިބީ…ދަބަސްތައް ބަހައްޓާފަ ގެޔަށްދާންވީނު ކޮންމެވެސް އެއްޗެއް ކާލައިގެން އަންނަން…." ފަހްދު އެދުނެވެ.
" އާނ ވަރަށް ބަނޑުހައިވެފަ މިހުރީ….ހިނގާދާން…" މާޒްވެސް ފަހްދުއާ އެއްބައިވެލަމުން ކޮޓަރިން ނުކުތެވެ.
" އާން…އަދިވެސް ތިތާތަ ތިހުރީ؟…ދޭބަލަ ދަބަސް ބަހައްޓާފަ އަންނަން….ފަހްދުއާއެކު އެގެއަށް ގޮސް އެއްޗެއް ކާލަންދާން މިދަނީ…" ގޯތިތެރޭގައިހުރި މާގަސްތައް ފޮޓޯނަގަންހުރި އާއިންއަށް ގޮވާލަމުން މާޒް ބުނެލިއެވެ. އެވަގުތު އާއިން އިސްއުފުލާ ބަލާލަމުން އޭނާގެ ކޮނޑުގައި އޮތް ދަބަސް ނަގައި މާޒްއާ ދިމާއަށް ހޫރާލިއެވެ. މާޒް ދަބަސްހިފައިގެން ގޮސް ކޮޓަރީގައި ބާއްވާފައި އައިއިރުވެސް އާއިން ހުރީ ފޮޓޯނަގާށެވެ.
" މިދެން ކޮންގަޑިއެއްތަ ފޮޓޯނަގަން…އާދޭދާން.." އާއިންގެ ކޮނޑުގައި އަތްއަޅުވާލަމުން މާޒް ލަތްކެއްޖެހިއެވެ.
" އާއު….ދޫކޮށްލާ….މިދަނީއޭ…." އާއިން މާޒްގެ އަތްނައްޓަން މަސައްކަތްކުރަމުންދިޔަ މަންޒަރުބަލަންހުރި ފަހްދުގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ ދެއެކުވެރިންގެ ކޯޅުންފެނިފައެވެ.
ފަހްދުގެ ގެޔަށް ދިޔަމަގުމަތީގައިވެސް އާއިން ދިޔައީ ތަފާތު ތަންތަން ފޮޓޯނަގަމުންނެވެ. ހީވަނީ އާކަމެއް ފެނިގެން އުޅޭހެންނެވެ. ފަހުދުއަށްވެސް ހުރީ އެކަން މަޖާވެފައެވެ.
" ފެނޭދޯ އަލަށް އަތޮޅުތެރެއަށް އާދެވިގެން އުޅޭކުއްޖަކު…." މާޒް އާއިންއަށް މަލާމާތްކޮށްލިއެވެ.
" އަހަރެން ދާ ކޮންމެތާކުންވެސް ހަނދާންތައް ފަހަށް ރައްކާކުރަން….މާޒްއެއްނޫނޭ މިއީ ފޮޓޯގަނޑެއްވެސް ނަގަން ނުކެރިފަ ހުންނާކަށް…." އާއިންވެސް ދެރަނުވާންވެގެން ބުނެލިއެވެ.
" މީހަކު ފަހަރެއްގަ ފޮޓޯއެއް ނަގާފާނެ….އެކަމު ތީދެން ބޮޑުވަރެއްނު…މިވޭނުން ފޭބޭންދެންވެސް ކެތްކޮށްބަލަ!…ލައިނުގަނެގެން ތިއުޅެނީ ކީއްވެގެންތަ؟ އަދި ކުރިޔަށް އޮތް ދެހަފްތާވެސް އޮތީނު" މާޒް އަނެއްކާވެސް އާއިންއާ ދިމާކޮށްލިއެވެ. އާއިން ރައްދުގައި ބަހެއްނުބުނެހުރެ ފޮޓޯނަގަމުން ދިޔައެވެ. ފަހްދުމެންގެ ގެއިން ކޮފީބޮއެގެން ގެޔަށް އައިގޮތަށް ދެމީހުންވެސް އެނދުމައްޗަށް ވެއްޓިގަތީ މާބޮޑަށް ނިދިއައުމުންނެވެ. ދަތުރުމަތީ އެއްގޮތަކަށްވެސް ނުނިދާ ތިބުމުގެ ސަބަބުން ދެމީހުންވެސް ތިބީ ނިންޖަށް ބަލިވެފައެވެ.
******
ވަގުތަކީ މެންދުރުފަހުގެ ވަގުތެވެ. މާޒްއާއި އާއިންއަށް ހޭލެވުނީ ފަހްދުއައިސް ގޮވުމުންނެވެ. ފަހުދު ތަޅުހުޅުވައިގެން އެތެރެއަށްވަނީ ބޭރުގައި ހުރެގެން ގޮވާގޮވާ ޚަބަރެއް ނުވުމުނެވެ. ފަހުދުއައީ މެންދުރުގެ ނާސްތާއަށް މާޒްމެން ބަލައެވެ. މާޒް ތެދުވެގެން ގޮސް ފާޚާނާއަށް ވަތްއިރުވެސް އާއިން އޮތީ ލޯހުޅުވަންވެސް ބޭނުންނުވެފައެވެ. މާޒް ފެންވަރައިގެން ނުކުމެ އާއިންއަށް ގޮވުމުން އޭނާވެސް ތެދުވެގެން ގޮސް ފެންވަރައި ތާޒާވެލިއެވެ. ތިންމީހުން އެކުގައި ގެއިން ނުކުތް ވަގުތު މަގުމަތި ކުނިކަހަން އޮތް ކުއްޖެއް އާއިންގެ ލޮލުގައި އަޅައިގަތެވެ. އާއި ކެމެރާނަގައި އެކުއްޖާގެ ފޮޓޯނަގަން ތައްޔާރުވި ވަގުތު މާޒް އެކަން މަނާކުރިއެވެ.
" ކިހިނެއްވީ؟…ކޮބާ މައްސަލައަކީ؟…" އާއިން ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ.
" މީހެއްގެ ހުއްދަނެތި ފޮޓޯނެގުން އެއީ ރަގަނޅުކަމެއްނޫން….އެވެދާނެ މީހެއްގެ އަނތްބަކަށްވެސް…" މާޒް ބުނެލިއެވެ.
" އެއީ ތެދެއް….އޭނާއަކީ މީހެއްގެ އަނތްބެއް….އޭނާ ފިރިމީހާއަކީ ވަރަށް ކަންތައްބޮޑު މީހެއް….ތިހެން އުޅޭއިރު އެކަހަލަ ކަންކަމާ ވިސްނައިގެން އުޅެންވާނީ….އަހަރެން ބޭނުމެއްނޫން އަހަރެންގެ ރަހުމަތްތެރީންނާމެދު މީހަކު ނުރުހުމުގެ ބަހެއްބުނާ އަޑުއަހާކަށް…." ފަހުދު އޮޅުން ފިލުވައިދިނެވެ. އާއިންވެސް އިތުރަށް އެއްޗެއްނުބުނީ އެވާހަކަތައް ގަބޫލު ކުރެވޭތީއެވެ.
މެންދުރުގެ ކެއުމުގެ ވަގުތުގައި ފަހުދު އޭނާގެ އާއިލާ އާއިންމެންނަށް ތަޢާރަފުކޮށްދިނެވެ. ފަހުދު އުޅެނީ އޭނާގެ މަންމައާއި ބައްޕައާއި އޭނާގެ އަންހެނުންނާއި ދެދަރިންނާއެކުގައެވެ. އޭގެ އިތުރުން އޭގެ ބޭބެގެ ދެމަފިރިންނާއި އެމީހުންގެ ދެކުދިންވެސް އުޅެނީ އެގޭގައެވެ. އެއީ ގުޅޭ އުފާވެރި އާއިލާއެކެވެ. އެމީހުންގެ އެކުވެރިކަމާއި އާއިލީލޯބި ފެނުމުން އާއިން އުފާވިނަމަވެސް އޭނާގެ ހިތުގައި ރިހުމެއްވެސް އުފެދުނެވެ. އާއިން އެމީހުންގެ ހުއްދައާއެކު އެންމެންގެ ފޮޓޯނެގިއެވެ.
" ކޮބާ ޕްރޮގްރާމް އޮތީ ކިހިނެއް؟…" ކައިނިމިގެން ގޯތިތެރެއަށް ނުކުމެ ޖޯލިފަތީގައި ފިނިކޮށްލަން ތިބި ވަގުތު ފަހުދު އަހާލިއެވެ.
" އާންއަށް އެނގޭނީ….އާން ބުނިގޮތަކަށް ދުވަހުގެ ތާވަލް ރޭވޭނީ…" މާޒް އާއިންއަށް ބަލާލަމުން ބުނެލިއެވެ.
" މިއަދުދެން މާބޮޑުކަމެއް ނުކުރެވޭނެ….އެހެންވީމަ ހަވީރުވާންދެން ގޭގަ މަޑުކޮށްލާފަ، ރަށުތެރެ ބަލާލަން ނުކުންނާނީ ހަވީރުން…." އާއިން އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.
" އޯކޭ…އެހެންވީމަ ހިނގާ ގެޔަށްދަމާ….ހަވީރުން ގުޅާލީމަ ބަލާދާނަން" ފަހުދު އެހެން ބުނުމުން މާޒްއާއި އާއިންވެސް ގެޔަށް ދިއުމަށް ނުކުތެވެ.
" ހަވީރުން އަހަރެމެން ދާނީ ހިނގާފަ…އެހެންވީމަ އޯކޭ ބަލާނަޔަސް…" ގެކައިރިއަށް ވޭން މަޑުކުރުމުން އާއިން ބުނެލިއެވެ. މާޒްވެސް އެގޮތާ އެއްބަސްވުމުން ފަހުދު އެންމެ ރަނގަޅޭބުނެ ވޭން ދުއްވާލިއެވެ. މާޒް އާއި އާއިން ކޮޓަރިތެރޭގައި ތިބެގެން ދުވަސްތައް ހޭދަކުރާނެ ގޮތުގެ ތާވަލެއް ހަދާނިންމާލުމަށްފަހު ޕީއެސްނަގައިގެން ދެމީހުން ގޭމްކުޅެންފެށީ ހަވީރުވުމާ ހަމައަށް އޮތް ހުސްވަގުތު ފުރާލުމަށެވެ. މާޒްގެ އެދުމަށް ފަހުދުވަނީ އެމީހުން އައުމުގެ މާކުރިން ޓީވީއެއްވެސް ކޮޓަރިއަށް ގެނެސް ބަހައްޓައިދީފައެވެ. ފަހުދަކީ މާޒްގެ ކުޑައިރުގެ ވަރަށްގާތް ރަހުމަތްތެރިއެކެވެ. މިއީ މާޒްގެ މަންމަ މީރާގެ އުފަންރަށް ނަމަވެސް، މީރާގެ އުމުރުން ތޭރަ އަހަރުގައި ކިޔަވަން މާލެދިޔަގޮތަށް އެނބުރި ރަށަކަށް ނާދެއެވެ. ކިޔަވައި ނިމިގެން މީރާ މާލޭމީހަކާ ކައިވެނި ކުރުމުން، މީރާގެ މައިންބަފައިންވެސް އޭނާގެ ގާތަށް ދިރިއުޅުން ބަދަލުކުރިއެވެ. އެހެންނަމަވެސް މަދުމަދުން ޗުއްޓީގައި މީރާގެ އާއިލާ ރަށަށްއާދެއެވެ. އެގޮތުން މާޒްއަށް ފަހުދުއާ ދިމާވީ އެއްފަހަރެއްގައި ޗުއްޓީއަކަށް އައިސް އުޅުމުގެ ތެރޭގައެވެ. އެހާހިސާބުން ދެމީހުންގެ މެދުގައި ގާތްގުޅުމެއް އުފެދުނެވެ.
އާއިންއަކީ މާލޭގެ ނަން ހިނގާ މުއްސަންޖެއްކަމަށްވާ އާޒިމްގެތިބި ދެކުދިންގެ ތެރެއިންހުރި ފިރިހެން ދަރިފުޅެއެވެ. އާއިން އަކީ އާޒިމްގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިފުޅަށްވީތީ އާޒިމް އިންތިހާއަށް އާއިންދެކެ ލޯބިވެއެވެ. އާޒިމްގެ މިހާރުގެ އަނބިމީހާއަށް ލިބިފައިވާ އަންހެން ދަރިފުޅު އައިރާދެކެވެސް އެހާލޯތްބެއް އާޒިމްއަކަށް ނުވެވެއެވެ. އައިރާވެސް އެކަމާ ޝަކުވާ ކުރެއެވެ. އާއިން ބުނެފި ކޮންމެކަމެއް ދެބަހެއްނެތި އޭނާކޮށްދެއެވެ. އާއިންގެ ދިރިއުޅުމުގެ ބޮޑުބައި އޭނާ ހޭދަކޮށްފައިވަނީ ސިންގަޕޫރުގައެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކަށް އޭނާ ވަރަށް ބީރައްޓެއްސެވެ. އާއިންއާއި މާޒް އަލަށް ދިމާވީ ޕްރައިމަރީގައި ކިޔަވަމުން ދިޔަ ދުވަސްވަރު ސިންގަޕޫރުންނެވެ. ހައިސުކޫލު ނިންމީވެސް ދެމީހުންއެކުގައެވެ. އެހެންކަމުން އެދެމެދުގައިވަނީ ވަރަށް ވަރުގަދަ ރަހުމަތްތެރިކަމެއް އުފެދިފައެވެ.
ގޭމް ކުޅެކުޅެ ތިއްބައި ވަގުތު ދިޔަގޮތްވެސް އެދެމީހުންނަކަށް ނޭނގުނެވެ. ހޭވެރިކަމެއްވީ އަނެއްކާވެސް ފަހުދު އައުމުންނެވެ.
" ފަހުދު…އަންނާނެކަމެއްނެތޭ ބުނީމަވެސް އައީތަ؟…" ފަހުދު ފެނުމާއެކު މާޒް ބުނެލިއެވެ.
" އާނ…ގުޅާގުޅާ ފޯނު ނުނެގީމަ މިއައީ….ހިނގާ ސައިބޯންދާން….މިހާރު ހަވީރު ހަތަރެއްވެސް ޖަހައިފި….ކުޅުމައިގެން ތިބީމަ ހަވީރުވިއިރުވެސް ނޭނގުނުދޯ…" ފަހުދު ހިނިތުންވެލަމުން ބުނެލިއެވެ.
" ދޮގެއްވާނޫން….ހަވީރުވީދޯ މިހާރު…ވަރަށް ހޫނުވެފަ މިހުރީ ފެންވަރާލައިގެން ދެވޭނީ…" އާއިން އިންތަނުން ތެދުވަމުން ބުނެލިއެވެ. އާއިން ފެންވަރައިގެން ތައްޔާރުވެ، އޭނާގެ ކެމެރާއާއި ޑްރޯން ދަބަހަށްލައި ތައްޔާރު ކުރިއިރު މާޒްވެސް ފެންވަރައިގެން ނުކުމެއްޖެވެ. ތިންމީހުން އެކުގައި ފަހުދުމެންގެ ގެޔަށްގޮސް ސައިބޮއެ ނިމުމުއިރު ހަތަރުގަޑި ބައިވެ ބޮޑުވެއްޖެއެވެ. ސައިބޮއެގެން ނުކުމެ، މާޒްއާއި އާއިން ފައިމަގުގައި މިސްރާބުޖެހީ ހުޅަނގު ފަރާތު އަތިރިއާ ދިމާލަށެވެ. ދެމީހުން އެކި އެކި ވާހަކައިގައި ތިބެގެން އަތިރިއަށް ފޭބިއިރު އެރީތި ގޮނޑުދޮށުގައިވަނީ ހިމޭންކަމެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ.
" ވާއު….ހާދަ ރީއްޗޭ…މިއޮއްފަދަ ރީތި ގޮނޑުދޮށަށްވެސް މީހަކު ނާދޭތަ؟….މިރީތިކަމުން އުފާހޯދަންވެސް ނޭނގޭ ބަކަޔުތަ މިރަށުގަ އުޅެނީ؟…" ގޮނޑުދޮށުގެ ރީތިކަންފެނި ހައިރާންވެފައި ހުރެގެން އާއިން ވާހަކަދެއްކިއެވެ.
" އާން…އަށް މިރަށް އަލަށް ފެނުނެއްކަމަކު މިރަށަށް އުފަންމީހުންނަށް ނުވާނެ ދޯ އާކަމަކަށް….އެމީހުން ފެނިފެނި ބާވެފައެއްނު ތިބޭނީ މިހާރު…." މާޒް ޖަވާބުދިނެވެ.
"ހޭއި އެކޮޅު އަދި މާރީތި….ހިނގާ އެކޮޅަށްދަމާ…" ރަށުގެ އުތުރުކޮޅުގައި އޮތް ދޮންވެލި ތުނޑިއަށް އިޝާރާތް ކުރަމުން އާއިން ބުނެލިއެވެ. މާޒްވެސް ދެބަހެއްނެތި އެކޮޅަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ތުނޑީގެ އެންމެ ހިތްގައިމު ހިސާބަށް ދެވުމާއެކީ ދެމީހުން މަޑުކޮށްލިއެވެ. އާއިން އޭނާގެ ދަބަހުން ޑްރޯންނަގައި އޭނާގެ ފޯނާއި ގުޅައި ވީޑީއޯ ކުރަން ތައްޔާރުވެލިއެވެ.
" އޭތް…އެއްކަލައިރު މެލޭއިން ގަތްއެތިދޯ ތީ؟.." މާޒް ޑްރޯންއަށް ބަލާލަމުން ސުވާލުކޮށްލީއެވެ.
" އާނ…އަދި އަލަށް ބޭނުން މިކުރަނީ…." ޑްރޯން އުދުއްސާލަމުން އާއިން ބުނެލިއެވެ.
ހުދުދޮންވެލި ތުނޑިއާއި ވިލުނޫ ފަޅުގެ ރީތިކަން އާއިން އޭނާގެ ފޯނުގައި ރައްކާކުރަމުން ދިޔައިރު އޭނާހުރީ ނުހަނު އުފަލުންނެވެ. މާޒްވެސް އާއިންގެ ކެމެރާނަގައި ގޮނޑުދޮށުގެ ރީތި މަންޒަރުތައް ފޮޓޯނަގަންފެށިއެވެ. އާއިން އޭނާގެ ޑްރޯން އުދުއްސަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރަކުން އިރުކޮޅަކަށް އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. އޭނާގެ ފޯނުގައި ރިކޯޑް ކުރެވެމުންދިޔައީ ގޮނޑުދޮށުގައި ރާޅުޖަހާފަށުގައި އިށީނދެލައިގެން އިން އަންހެން ކުއްޖެކެވެ. އޭނާ ހަރަކާތެއްވެސް ނުކޮށް މޫދަށް ނަޒަރުހުއްޓާލައިގެން އިންގޮތުން އެއިނީ ފުންވިސްނުމަކަށް ގެއްލިފައިކަން އެނގެއެވެ. އާއިން އޭނާގެ ޑްރޯން ތިރިކޮށްލައި އަންހެންކުއްޖާގެ މޫނު ފެނޭތޯ މަސައްކަތްކުރިއެވެ. އެވަގުތު ޑްރޯންގެ އަޑުއިވިފައި އަންހެންކުއްޖާ ސިހިފައި ކޮޅަށް ތެދުވިއެވެ. އޭނާއާ ދިމާއަށް ތިރިވަމުން ދިޔަ ޑްރޯންއަށް އަންހެން ކުއްޖާ ބަލަންހުރީ ހައިރާންކަމާއެކުގައެވެ. އޭނާ ވަށައިގެން ހޯދާލީ ޑްރޯންގެ ވެރިޔާ ފެނޭތޯއެވެ. އަންހެން ކުއްޖާގެ މޫނު ފެނުމުން އާއިންއަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. ނަމަވެސް އަދިވެސް ރަނގަޅަށް ބަލާލުމަށްޓަކައި އާއިން ޑްރޯން އެކުއްޖާއާ ގާތްކުރިއެވެ. އެވަގުތު އަންހެންކުއްޖާ އަވަސް އަވަހަށް ޑްރޯންއާ ދުރަށް ހިނގައިގަތެވެ. ހޭޅިތެރޭގައި އޮތް ހަނިމަގަތުން އަންހެން ކުއްޖާ ރަށުތެރެއަށް ދިއުމަށްޓަކައި މިސްރާބު ޖެހުމާއެކު އާއިންވެސް އޭނާގެ ޑްރޯންގެ މިސްރާބް އެދިމާއަށް ބަދަލުކޮށްލިއެވެ. އަންހެން ކުއްޖާޑްރޯންއާ ފިލަން މަސައްކަތްކުރި ވަރަކަށް އާއިން އެމަސައްކަތް ނާކާމިޔާބު ކުރަމުން ދިޔައެވެ.
" އޭތް އާން މަޑުކޮށްބަލަ!….ކޮންތާކަށްތަ މާބާރަކަށް ތިދަނީ؟…" އާއިން ދުވެފައި ދާންފެށުމުން މާޒް ގޮވާލިއެވެ. އާއިން ޖަވާބެއްވެސް ނުދީ ދުވަމުން ދިޔައެވެ. އަންހެން ކުއްޖާ ރަށުތެރެއަށް އަރައިގެން ދިޔައިރުވެސް އޭނާގެ ފަހަތުން ޑްރޯން އަންނާތީ ކަންބޮޑުވެގެން ހުރެ އިރުއިރުކޮޅުން މަތިބަލާލެވެއެވެ. ބާރުބާރަށް ހިނގާފައި ދިޔަ އަންހެން ކުއްޖާ ގޯޅިއަކަށް އެޅި ވަގުތު، އެގޯޅިން ސައިކަލެއް އަންނަ މަންޒަރު އާއިންއަށް ފެނުނެވެ.
" ސަމާލުވޭ!.." އަންހެން ކުއްޖާ އޭގައި ޖެހިދާނެތީ އާއިން ކަންބޮޑުވެފައި އާއިންއަށް ބުނެވުނެވެ. ނަމަވެސް އެކުއްޖާ އެސައިކަލުގައި ޖެހިފައި ވެއްޓުނު މަންޒަރުވެސް ރިކޯޑްވެގެން ދިޔައެވެ. ސައިކަލުގައި އިންމީހާ އަންހެން ކުއްޖާ ނަގަންވެސް ނޫޅެ ދިއުމުން އާއިންގެ ގާތަށް ރުޅިއަންނަ ގޮތްވިއެވެ. އަންހެން ކުއްޖާ ތެދުވެ ގައިން ވެލިފޮޅަމުން ގޮސް ކައިރީގައިހުރި ގެޔަކަށް ވަނުމުން އާއިން އޭނާގެ ޑްރޯން އަނބުރައި ގެނައެވެ. އިތުރަށް އެގޭތެރޭގެ މަންޒަރުތައް ނަގަން އޭނާ ބޭނުންނުވީއެވެ. އަންހެން ކުއްޖާގެ ގެ އެނގުމުންވެސް އޭނާ އުފާވިއެވެ.
" އާން..ކިހިނެއްވެގެންތަ މާބާރަކަށް ތިއައީ؟…" އާއިން އާ އަރާހަމަކުރަމުން މާޒް ވާހަކަދެއްކިއެވެ.
" ވަރަށް ސަޅި ކުއްޖެއް ފެނިގެން މިއައީ…" ހެވިފައިހުރެ އާއިން ޖަވާބުދިނެވެ.
" ކުއްޖެކޭ؟…މަށެއްނުދެކެން ކުއްޖެއް…" ހައިރާންވެފައި ހުރެ މާޒް ބުނެލިއެވެ.
" އާދެބަލަ….މިދިމާލުން އެއްގަމަށް ދިޔައީ….އާދެބަލަ މަށާއެކީ…" އެއްގަމަށް އަރަން އޮތް މަގަށް މިސްރާބު ޖަހަމުން އާއިން ބުނެލިއެވެ. މާޒް ސުވާލު އުފެދިފައި ހުރެގެން އާއިންގެ ފަހަތުން ދިޔައެވެ. މާދުރަށް ނުދެވެނީ ގެތަށް ފެންނަން ފެށިއެވެ.
" އެހެރަ ގެޔަށް އެއްކުއްޖާ ގޮސްވަނީ….ހިނގާބަލަ އެކޮޅަށް…" އަންހެންކުއްޖާ ވަތް ގެޔަށް އިޝާރާތްކުރަމުން އާއިން ބުންޏެވެ.
" އާން….ހިޔެއްނުވޭ ތިއީ މީހުން އުޅޭ ގެޔެއްހެނެއް…." އާއިންއާއެކު ގޮސް މާޒް އެގެ ކައިރިއަށް ހުއްޓެމުން މާޒް ބުނެލިއެވެ. އުސްކޮށް ފާރުރާނާފައިވީ ނަމަވެސް ދޮށާލި ލާފައި ނެތުމުން ގޯތިތެރެ ރީތިކޮށް ފެނެއެވެ. މުޅި ގޯތިތެރޭގައި ބޮޑެތި ގަސްތަކާއި ވިނަ ހެދިފައި ހުރުމުން އެއީ މީހަކު ދިރިއުޅޭތަނަކަށްވުރެ ބޮޑަށް ވައްތަރީ ފަޅުގައަކާއެވެ. މަގުމަތީގައިވެސްވަނީ ވިނަފަޅާވައެވެ.
" އާން…މީހަމަ ރަނގަޅަށްވެސް ފަޅުގެއެކޭ…." ގޯތިރެއަށް ބޯދިއްކޮށްލަމުން މާޒް ބުނެލިއެވެ.
" އެކަމު އެކުއްޖާވަނީ ހަމަ މިގެޔަށޭ…." އާއިން ޔަޤީންކަމާއެކު ބުންޏެވެ.
" ކޮންކުއްޖެއްތަ؟…މަށަކަށް ތިބުނާ ކުއްޖެއް ނުފެނޭ….ތިވާނީ ހަންޑިއަކަށް…." މާޒް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
" މަޑުކުރޭ ދައްކާނަން…." އާއިން އޭނާގެ ފޯނުން ދެންމެގައި ކުރި ވީޑިއޯ ޕްލޭކޮށްލުމަށްފަހު މާޒްއަށް އެއަންހެން ކުއްޖާ ދައްކާލިއެވެ.
" އޭތް…ހާދަ ނަލަ ކުއްޖެކޭދޯ….މަޑުކޮށްބަލަ!…ރޭގަ ގެޔަށްއައިއިރު ވޭނުގެ ކުރިމަތިންވެސް ތިކުއްޖާއޭ…." މާޒް ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.
" ހަމަ ޔަގީންތަ؟…" އާއިން އަހާލިއެވެ.
" އާނ…ހަމަ ޔަގީން..ފަހުދުބުނި އެއީ އެހިސާބު ކުއްޖެކޭ….ދެން މިހާދުރުން އެކުއްޖާ ފެނިދާނެބާއޭ މިހިތަށްއަރަނީ….މަށަށްހީވަނީ ތީއާދައިގެ ކުއްޖެއްނޫންހެން…." މާޒް ބިރުގަންނަ ގޮތްވިއެވެ.
" ދެން މިރަށުގަ އުޅޭ ކުއްޖަކު މިހިސާބަށްވެސް އަންނާނެއްނު…." އާދައިގެ ގޮތަކަށް އާއިން ބުނެލިއެވެ.
" އެކަމު މިތާ ފަޅުގެޔަކަށް ނުވަންނާނެއްނު… ހިނގާދާން…..މިހާރު އިރުއޮއްސެން ގާތްވީ….މިސަރަހައްދު މިހުރީ ގިނައިން ފަޅުގެހެން ހީވަނީ….މީހަކުވެސް ނުފެނެއެއްނު…" މާޒް ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އެހެންކަމުން އާއިންވެސް ދެބަސްވުމެއްނެތި އެތަނުން ދިޔައެވެ. ރަށުތެރެއިން ގެޔަށްދާން ނޭނގޭނެތީ އަނެއްކާވެސް އެމީހުން ގޮނޑުދޮށަށް ފައިބައިގެން އައިކޮޅަށް މިސްރާބުޖެހިއެވެ. މާޒް ވާހަކަ ދައްކަމުން ދިޔަނަނަމަވެސް އާއިންއަށް ވިސްނެމުން ދިޔައީ އެއަންހެން ކުއްޖާއާމެދުގައެވެ.
(ނުނިމޭ)