Last Updated: April 20, 07:18
Saturday, April 20, 2024
މުނިފޫހިފިލުވުން

ސްކޫލް ޓެކްސްޓް ފޮތުގައި ޕްރިޔަންކާގެ "ވާހަކަ"

އެއީ 2000 ވަނަ އަހަރުގެ މިސް ވޯލްޑް އެވެ. އޭގެ ފަހުން އެއީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒް ގަދަ ބަތަލާއިންގެ އެންމެ ކުރީގައި ހިމެނޭ އެކެކެވެ.

ފިލްްމީ ބެކް ގްރައުންޑެއް ނެތް ނަމަވެސް ބޮލީވުޑަށް ތައާރަފްވުމަށް ފަހު ކާމިޔާބް އަދި ފާހަގަކޮށްލެވޭ ވަރަށް ގިނަ ފިލްމްތަކެއް އޭނާ ކުޅެފި އެވެ. އިންޑިއާގައި ދެވޭ އެތައް އެވޯޑެއް ހާސިލްކޮށްފި އެވެ. އިންޑިއާ ސަރުކާރުން ދޭ ގައުމީ އެވޯޑްގެ އެންމެ މޮޅު ބަތަލާގެ ޓްރޮފީ ވެސް އުމުރުން 30 އަހަރުގެ ބަތަލާ ވަނީ އުފުލައިފަ އެވެ.

އަނެއްކޮޅުން ފިލްމް ކުޅެމުން އޭނާ ވަނި ލަވަ ކިޔަން ވެސް ފަށާފަ އެވެ. އެމެރިކާގެ މިއުޒިކް ލޭބަލްއަކާ ގުޅިގެން ނެރޭ އޭނާގެ ފުރަތަމ އަލްބަމް "އިން މައި ސިޓީ" ގެ ބައެއް ލަވަތައް މިހާރު ވަނީ ވީޑިއޯ އާ އެކު ވެސް އާންމުންނާ ހަމައަށް އައިސްފަ އެވެ.

މި ދައްކަނީ ޕްރިޔަންކާ ޗޯޕްޅާގެ ވާހަކަ އެވެ. އޭނާގެ ކާމިޔާބުގެ ސޮފްހާތަކަށް އާ ބޮޅެއް އަނެެއްކާ ވެސް މިހާރު ވަނި އިތުރުވެގެން ގޮސްފަ އެވެ. އެކަމަކު މިފަހަރު މާ ހާއްސަ ގޮތަކަށެެވެ. އަދި މިއީ ބޮލީވުޑްގެ ބަތަލާއަކަށް މިފަދަ ޝަރަފެެއް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

އިންޑިއާގެ ކިޔަވާ ކުދިންގެ ގްރޭޑް 5 ގެ ޓެކްސްޓް ފޮތުގައި ޕްރިޔަންކާ އާ ބެހޭ ވާހަކަތަކެއް ވަނީ ހިމަނާފަ އެވެ. އޭނާގެ ފޮޓޯތަކާ ވެސް އެކުގަ އެވެ.
އެގޮތުން މިސް ވޯލްޑްގެ ތާޖް ހާސިލް ކުރާ ފޮޓޯގެ އިތުރުން އާއިލާ އާ އެކު ޕްރިޔަންކާ ނަގާފައިވާ ފޮޓޯއަކާއި އޭނާ އާ ބެހޭ މައުލޫމާތުތަކެއް ގްރޭޑް 5 ގެ އިންވަޔަރަމަންޓަލް ސްޓަޑީޒްގައި ހިމަނާފައިވާ "ރޯވިން ފެމިލީސް، ޝިފްޓިން ހޯމްސް" ޗެޕްޓަރުގައި ހިމެނެ އެވެ.

މިކަން އެނގުނީ ދިއްލީގެ ސްޕްރިންގްޑޭލްސް ސްކޫލްސް ދައުލާ ކުއާގެ ކޮޔާ ފެސްޓިވަލްގެ ހާއްސަ މެހުމާނެއްގެ ގޮތުން ޕްރިޔަންކާ ދިއުމުންނެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެ ސްކޫލްގެ ޕްރިންސިޕަލް ޑރ. ޖިއޯތީ ބޯސް ވިދާޅުވީ ޕްރިޔަންކާ އާ ބެހޭ މައުލޫމާތުތަކެއް ޓެކްސްްޓް ފޮތުގައި ހިމެނުނީ އިއްތިފާގަކުން ކަމަށެވެ.
އަދި އެގޮތަށް ދިމާވި މައިގަނޑު ސަބަބަކީ ޕްރިޔަންކާގެ އާއިލާ އާއި އަސްކަރިއްޔާ އާ އޮތް ގުޅުމުގެ ސަބަބުން އެ އާއިލާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެން ޖެހުމުން އެކަމުގެ ތަޖުރިބާގެ މައްޗަށް ޓެކްސްޓް ފޮތުގައި އެކުލަވާލި ޗެޕްޓަރުގައި "ނޭނގުމެއްގެ" ތެރެއިން ނަމަވެސް ޕްރިޔަންކާ އާ ބެހޭ މައުލޫމާތުތަކެއް ހިމެނުމުން ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

"މީގެ ސަބަބުން ޕްރިޔަންކާ އަށް ވެސް ވަރަށް ބޮޑު ހައިރާންކަމަކާއި ހާއްސަ އުފަލެއް ވަނީ ލިބިގެން ގޮސްފައި." ޑރ. ޖިއޯތީ ވިދާޅުވި އެވެ.