Last Updated: April 19, 22:14
Friday, April 19, 2024
ކުޅިވަރު

މާރޭޒްގެ މޮޅުކުޅުމާއެކު ވަޓްފޯޑް އަތުން ސިޓީ މޮޅުވެއްޖެ

ވަޓްފޯޑް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ސިޓީގެ ރިޔާދް މާރޭޒް އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރިޔާދް މާރޭޒް ދެއްކި މޮޅުކުޅުމާއެކު ވަޓްފޯޑް އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ. މި މެޗުން 2-1 އިން ސިޓީ މޮޅުވިއިރު މާރޭޒް ވަނީ އެއް ގޯލް ޖެހުމަށްފަހު އިތުރު ލަނޑެއްޖެހުމަށް އެހީތެރިވެދީފައެވެ.

ރޭގެ ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅޭ ސިޓީ އަށް ވަނީ 15 މެޗުން 41 ޕޮއިންޓް ލިބިފައެވެ. ވަޓްފޯޑް އޮތީ 20 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

ސިޓީން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ބޯންމައުތު އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި މި ސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ކުޅެފައެއް ނުވެއެވެ. މީގެއިތުރުން، ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައިވެސް އަނިޔާގެ ސަބަބުން ނުކުޅެވުނު އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯ މި މެޗުގައިވެސް ނުކުޅެއެވެ.

ވަޓްފޯޑްގެ ވިކަރޭޖް ރޯޑްގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސިޓީ އަށް ލީޑް ނަގައިދިނީ މާރޭޒް ދިން ބޯޅައަކުން ލެރޯއީ ސާނޭ އެވެ. މިހާފު ނިމުނީ 1-0 އިން ސިޓީ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ހަ ވަނަ މިނެޓުގައި މާރޭޒް ވަނީ ސިޓީގެ ދެވަނަ ލަނޑުޖަހައިދީ ލީޑް ފުޅާކޮށްދީފައެވެ. މިއީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖެސޫސް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ވަޓްފޯޑް އިން ކާމިޔާބުކުރި ހަމައެކަނި ގޯލް، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ އަބްދުލާޔެ ޑުކޫރޭ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން 3-1 އިން ކްރިސްޓަލް ޕެލަސް ބަލިވިއިރު ކާޑިފް ސިޓީ އަތުން އަމިއްލަ ދަނޑުގައި ވެސްޓްހޭމް ޔުނައިޓެޑް މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ހަޑަސްފީލްޑް ޓައުން އަތުން ބޯންމައުތު މޮޅުވީ 2-1 އިންނެވެ.