Last Updated: May 8, 20:35
Wednesday, May 8, 2024
ކުޅިވަރު

ލިވަޕޫލް މޮޅުވެ ސިޓީއާ ދެމެދު އޮތް ފަރަގު ކުޑަކުރިއިރު ވުލްވްސް އަތުން ޗެލްސީ ބަލިވެއްޖެ

ބާންލޭ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ވާޖިލް ވެން ޑައިކް (ކ) އާއި ރޮބާޓޯ ފިރްމީނޯ (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ބާންލޭ އަތުން ލިވަޕޫލް މޮޅުވެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީ އާ ދެމެދު އޮތް ފަރަގު ކުޑަކުރިއިރު ވުލްވަހެމްޕްޓަން ވޮންޑަރާސް އަތުން ޗެލްސީ ބަލިވެއްޖެއެވެ.

ލީގުގައި އަންގާރަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ކުޅުނު މެޗުން 2-1 އިން ވަޓްފޯޑް އަތުން މޮޅުވެ ތާވަލްގެ އެންމެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއްނެގިއިރު ދެވަނައިގައި އުޅޭ ލިވަޕޫލް ވަނީ ފަހަތުން އަރައި 3-1 އިން ބާންލޭ ބަލިކޮށް ސިޓީއާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. ރޭގެ މެޗަށް ނިކުތްއިރު ތިންވަނައިގައި އޮތް ޗެލްސީ ވަނީ 2-1 އިން ވުލްވްސް އަތުން ބަލިވެ ހަތަރުވަނައަށް ވެއްޓިފައެވެ.

ރޭގެ މެޗުތަކަށްފަހު، އަދިވެސް އެއްވަނައިގައި އުޅެނީ ސިޓީ އެވެ. އެ ޓީމަށް 15 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމް އަށް 33 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި ޗެލްސީ އޮތީ 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ފަސްވަނައިގައި އޮތް އާސެނަލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު ޗެލްސީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ގަދަފަދަ ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކު 8 ވަނައިގައެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ އެޓޭކްގައި ހިމެނޭ މުހިއްމު ކުޅުންތެރިންކަމަށްވާ މުހައްމަދު ސަލާހް އާއި ރޮބާޓޯ ފިރްމީނޯ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިނުވާއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ސަޑިއޯ މާނޭ ނުކުޅެއެވެ.

ޓާފް މޫރ ގައި ރޭ ލިވަޕޫލާ ދެކޮޅަށް ބާންލޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު ދެވަނަ ހާފުގެ ކުރީކޮޅު ބާންލޭ އަށް ލީޑް ނަގައިދިނީ ޖެކް ކޯކް އެވެ. މެޗުގެ 62 ވަނަ މިނެޓުގައި ޖޭމްސް މިލްނާ ކާމިޔާބުކުރި ގޯލުން ލިވަޕޫލް އެއްވަރުކުރިއިރު އޭގެ ހަތް މިނެޓުފަހުން މިހާފުގައި ކުޅެން ނިކުތް ފިރްމީނޯ ވަނީ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފައެވެ. މި މެޗުގެ އިތުރުވަގުތުގައި ސަލާހް ދިން ބޯޅައަކުން ޒެރްދާން ޝަކީރީ ވަނީ ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން ލަނޑެއްޖަހާފައިވަނިކޮށް ވުލްވްސް އިން ވަނީ ދެވަނަ ހާފުގައި ދެލަނޑުޖަހައި މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ. މިއީ ލީގުގައި ވުލްވްސް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. ހަތަރު މެޗުން ބަލިވިއިރު އެއް މެޗުން އެއްވަރުވެފައިވެއެވެ. މީގެއިތުރުން، މިއީ ލީގުގައި ޗެލްސީ ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ރުބެން ލޮފްޓަސް-ޗީކް ކާމިޔާބުކުރި ގޯލުން އެ ޗެލްސީ ލީޑްނެގިއިރު، 59 ވަނަ މިނެޓުގައި ވުލްވްސް އަށް އެއްވަރުކޮށްދިނީ ރައުލް ހިމެނޭޒް އެވެ. އޭގެ ހަތަރު މިނެޓުފަހުން، ވުލްވްސް މޮޅުވި ލަނޑުޖަހައިދިނީ ޑިއޯގޯ ޖޮޓާ އެވެ.

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-2 އިން އާސެނަލް އާ އެއްވަރުކޮށްފައެވެ. މިއީ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވަރުވި ތިންވަނަ މެޗެވެ. މި ހަތަރު މެޗުގެ ތެރެއިން އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއްނުވެއެވެ. މި މެޗުން އެއްވަރުވިއިރު އާސެނަލް ވަނީ މި ސީޒަނުގައި ބަލިނުވެ ވިދިވިދިގެން 20 މެޗު ހަމަކޮށްފައެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑް ނެގީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އާސެނަލް އެވެ. ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ޖަހައިދިނީ ޝްކޮޑްރަން މުސްތާފީ އެވެ. އެ ޓީމުގެ ލޫކަސް ޓޮރޭރާ ތަނަވަސްކުރި ފުރުޞަތަކުން މުސްތާފީ ބޮލުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފައެވެ.

އޭގެ ހަތަރު މިނެޓުފަހުން، ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އެންތަނީ މާޝިއަލް އެވެ. މިއީ އެ ޓީމުގެ އެންޑާ ހެރޭރާ ދިން ބޯޅައަކުން ގޯލްކުރިމަތީގައި ވަރަށް ހަމަޖެހިލައިގެން ހުރެ މާޝިއަލް ކާމިޔާބުކުރި ގޯލެކެވެ. މިހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

އާސެނަލުން ދެވަނަ ހާފު ފެށީ ބަދަލަކާއެކުގައެވެ. އެގޮތުން، މި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އާރޮން ރަމްސޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރިއިރު އޭނާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ ޔުނައިޓެޑަށް ކުރީން ކުޅުނު ހެންރިކް މިކިތާރްޔަން އެވެ.

އާސެނަލުން މި މެޗުގައި ދެވަނަ ފަހަރަށް ލީޑް ނެގީ 68 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު މާކޯސް ރޯހޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭގެ މިނެޓެއްފަހުން، އާސެނަލްގެ ސެއަދު ކޮލާސިނަޗް ފަހަތަށް ދިން ޕާހެއް އެ ޓީމުގެ ގޯލްކީޕަރު ބާންޑް ލެނޯ ދިފާއުކުރުމުގެ ކުރީން ޔުނައިޓެޑްގެ ޖެސޭ ލިންގާޑް ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާ ވަނީ 3-1 އިން ސައުތުހެމްޕްޓަން ބަލިކޮށް ލީގު ތާވަލްގެ ތިންވަނައަށް ޖެހިލައިފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ހެރީ ކޭން އާއި ލޫކަސް މައުރާގެ އިތުރުން ސޮން ހެއުން-މިން އެވެ. ސައުތުހެމްޕްޓަންގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޗާލީ އޮސްޓިން އެވެ. އެވަޓަން އާ ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު ފުލަމް އާ ލެސްޓާ ސިޓީގެ ކުރިމަތިލުން ނިމުނީވެސް ހަމަ މިނަތީޖާއިންނެވެ.