Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ވިދިވިދިގެން ދެވަނަ މެޗުން ޕީއެސްޖީ އެއްވަރުވެއްޖެ

ސްޓްރަސްބޯގް އާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ފްރެންޗް ލީގުގައި ރޭ ސްޓްރަސްބޯގް އާ ދެކޮޅަށް ރަށުން ބޭރުގައި ޕީއެސްޖީ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު މިއީ އެ ޓީމު ލީގުގައި ވިދިވިދިގެން މޮޅުނުވެ ނިންމާލަން ޖެހުނު ދެވަނަ މެޗެވެ.

ލީގުގައި މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗުގައި ރަށުން ބޭރުގައި ބޯޑޯ އާ ވާދަކޮށް 2-2 އިން ޕީއެސްޖީ އެއްވަރުވިއިރު އެއީ މި ސީޒަނުގައި ލީގުގައި އެ ޓީމަށް މޮޅެއް ނުހޯދީ ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. އޭގެކުރީން، ކުޅުނު 14 މެޗުން މޮޅުވެފައިވާއިރު ގިނަ ގޯލްތަކެއް އެ ޓީމުގެ ފަރާތުން ފެނިގެންގޮސްފައިވެއެވެ.

ރޭގެ ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅޭ ޕީއެސްޖީ ވަނީ 16 މެޗުން 44 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ލިއްލޭ އަށް 30 ޕޮއިންޓް ލިބިފައިވާއިރު އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ މޮންޓްޕެލިއާ އެވެ. ހަތަރުވަނައިގައި އޮތް އޮލިމްޕިކް ލިޔޯން އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.

ޕީއެސްޖީ އިން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ ފުރަތަމަ އެގާރައިގައި ނޭމާ އާއި އެންހެލް ޑި މާރިއާގެ އިތުރުން ކިލިއަން އެމްބާޕޭ ވެސް ހިމަނާފައެއްނުވެއެވެ. ދެވަނަ ހާފުގައި އެމްބާޕޭ ކުޅެން ނިކުމެފައިވާއިރު ނޭމާ އާއި ޑި މާރިއާ މި މެޗުގައި ނުކުޅެއެވެ.

ސްޓްރަސްބޯގްގެ ދަނޑުގައި ކުޅުނު މި މެޗުގައި ކުރީން ލީޑް ނެގީވެސް އެ ޓީމުންނެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޕީއެސްޖީގެ ޖަރުމަން ޑިފެންޑަރު ތިލޯ ކެރާ އެ ޓީމުގެ ޕެނަލްޓީއޭރިޔާތެރެއިން ބޯޅައިގައި އަތްލުމުން ލިބުނު ޕެނަލްޓީއަކުން ކެނީ ލާލާ އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ މިހާފުގައި ކުޅެން ނިކުތް އެމްބާޕޭ އަށް ސްޓްރަސްބޯގްގެ ލާލާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އެޑިންސަން ކަވާނީ އެވެ.

މި މެޗުގެ އިތުރުވަގުތުގައި ސްޓްރަސްބޯގް އިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ.