Last Updated: April 20, 18:41
Saturday, April 20, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ތިންވަނަބައި)

" އެކަމު ކީއްވެ؟ މާދުއާ އެއަންހެން ކުއްޖާއާ ގުޅުމެއް އޮތީތަ؟…" އާއިންވެސް ކެތްތެރިކަން ކުޑަވެފައި ސުވާލުކޮށްލިއެވެ.
"އާނ އެއީ އޭނާ ކައިވެނިކުރަން އުޅޭ ކުއްޖާ….ކަލޭމެން އެކުއްޖާއާ ވައިވެސް ނޭޅޭތި…މާދުގެ ގޮތް އަދި ކަލޭމެންނަށް ނޭނގެނީ…އޭނާއަކީ ތިހީކުރާހާ ރަނގަޅުމީހެއްނޫން…." ފަހުދުގެ އަޑުގައިވަނީ ނުރުހުމެވެ.

" އޯހ…އަހަރެން އެއްވެސް ގޯސްނިޔަތެއް އޮވެގެންނެއްނޫން އެފޮޓޯނެގީކީ….އަހަރެން ފޮޓޯނަގަމުން ދަނިކޮށް އޭނަ ފޮޓޯއަށް އެރީ….ދޯ މާޒް…" އާއިން އަވަސް އަވަހަށް ބުނެލިއެވެ.

މާޒްވެސް އާއިންއަށް އެއްބައިވެ އާއެކޭ ބުނެލީ އާއިންގެ ދިފާއުގައެވެ.

" އެކަމު ކީއްވެ ތިބުނީ މާދުއަކީ ރަނގަޅުމީހެއްނޫނޭ….އެއީ ފަހުދުގެ އެކުވެރިއެއްނު…" މާޒް ހުރީ އޮޅުން ފިލުވަން ބޭނުންވެފައެވެ. އާއިންވެސްހުރީ އެސުވާލުގެ ޖަވާބުބޭނުންވެފައެވެ.

" މާދުއަކީ މިރަށުގަ ވަރަށް ނުފޫޒުގަދަ މީހެއް….އޭނާގެ އާއިލާ މުޅި މިރަށުގަ ވެރިކަންއެކުރަނީ….އޭނާއަކީ ކައުންސިލްގެ ރައީސް…..އޭނާގެ ބައްޕައަކީ ޒިންމާދާރު އިސްވެރިޔާ….ކޯޓްގަ އޭނާގެ ބޭބެއެއް….މިހެން ކިޔާނެ ކަމެއްނެތް، މިރަށުގަ ސަރުކާރު އިސްމަޤާމެއްގަ ވިއްޔާހުރީ އޭނާގެ އާއިލާމީހެއް…ނުވިތާކަށް އެއީ މިރަށުގަ އުޅޭ އެންމެ މުއްސަނދި މީހުން….މިރޭ މަހަށް ދިޔައީވެސް އެގޭ ދޯންޏެއްގަ….އެމީހުންގެ ދެފިހާރަހުރޭ…..ދެން ވިސްނާ އެމީހުންގެ ބާރު މިރަށުގަ އޮންނާނެވަރު…" ފަހުދު ވަރަށް ތަފްސީލުކޮށް އިމާދު އާއިލާއާ ބެހޭގޮތުން އޮޅުން ފިލުވައިދިނެވެ.

" އެކަމު އަދިވެސް މާދު ގޯސްވީ ސަބަބެއް ނުބުނަމެއްނު…" މާޒް އަދިވެސް ހުރީ އެނގެން ބޭނުންވެފައެވެ.
" އޭނަ އަކީ މިރަށުގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދާދާ….މިރަށަށް ވަންނަހާ މަސްތުވާ އެއްޗެއް އެތެރެކުރާމީހަކީ އެއީ….އެމީހުންގެ މުއްސަނދިކަމުގެ އަސްލަކީވެސް އެއީ…..ނުވިތާކަށް އެހާ އަންހެނުން ހިތިވާނެ….އޭނާގެ އޮންނާނެ ބޮޑުގޭންގެއްވެސް….ކިރިޔާ ކަމެއްވާއިރަށް އެމީހުން ނުކުންނާނެ މާރާމާރީއަށް….އެއްފަހަރަކު މިރަށަށް އެރިބީރައްޓެއްސެއް ގައިގަ ތަޅާއަނިކޮށް ކިރިޔާ މަރާނުލީ…..އެމީހާގެ ފައިބިންދާލާ ބޯވެސް ފަޅާލީވެސް މާދު އިންނަން އެއުޅޭ ކުއްޖާއާ ވާހަކަ ދެއްކީމައޭ ކިޔާފަ….އެކަމު އެއީ ހިލޭ ފިރިހެނަކާދިމާ އިސްވެ ބަލާވެސްލާ ކުއްޖެއްނޫން…މިއީ އެންމެނަށްވެސް އެނގޭ ހަޤީޤަތް.." ފަހުދު އަޑުގައިވަނީ ނުރުހުމާއި ފޫހިކަމެވެ.

" އެހެންތަ؟…އެކަމު އަހަރެމެންނާއެކީ އުޅޭއިރު އެހާއެކުވެރިކޮށް މަޖާކޮށް އުޅެނީވެސް…." މާޒަށްހުރީ އަދިވެސް ގަބޫލު ނުކުރެވިފައެވެ.

" އަދި ކޮބާ….އޭނާއަކީ ކުރިން ދިއްދޫ މީހަކާ އިނދެ ދަރިޔަކުވެސް ހުރިމީހެއް….ނުލާހިކު ރަނގަޅު ކުއްޖަކާ އިނދެގެން އުޅެފަ އެކުއްޖާއަށް އަނިޔާކޮށް، އެހެން އަންހެންކުދިންނާ ގުޅުން ބާއްވާތީ އޭނަވެސް ވަރިވެގެން ދިޔައީ….ދެން މިހާރު އެއުޅެނީ މިރަށުގަވެސް ހުރި އެންމެ ރަނގަޅު ކުއްޖާއާ އިންނަން…..ދާދިފަހުން ސުކޫލު ނިންމި ކުއްޖެއް އެއީ….އަދި އަށާރަ އަހަރުވެސް ނުފުރޭކުއްޖެއް އެއީ" ފަހުދު އިތުރަށް އޮޅުންފިލުވައިދިނެވެ.

" ދެން އެކުއްޖާއަކަށް ނޭނގޭތެ މާދުގެ ހަޤީޤަތެއް….އެވަރުގެ މީހަކާ ކީއްވެ އެކުއްޖާ އިންނަން އެއުޅެނީ؟.." މާޒް ފަތިފައްޗަށް ސުވާލުކުރަމުން ދިޔައިރު އާއިންހުރީ ހިމޭންކަމާއެކު އެމީހުން ދައްކާ ވާހަކަ އަޑުއަހާށެވެ.

" ނޭނގި ހުންނާނެތަ….އެކުއްޖާގެ ހާލަތުހުރިގޮތުން މަޖުބޫރުވެގެން އިންނަން އެއްބަސްވީހެން ހީވަނީ….އޭނާގެ ބައްޕައަކީ އިރުމަތީ އަވަށު މިސްކިތު ކުރީގެ މުދިމު….އޭނާއަކީ ވަރަށް މަސައްކަތްތެރި ހީވާގި މީހެއް….އެއްދުވަހަކު ރުކަކަށް އަރައި އުޅެނިކޮށް ވެއްޓިފަ ބައިބަދައަށް ލިބުނު ގެއްލުމެއްގެ ސަބަބުން ނުކުޅެދޭ މީހަކަށްވީ…އެހެންވެ އަދާކުރަމުން ދިޔަ ވަޒީފާވެސް ގެއްލުނީ…މިހާރު އެއުޅެނީ ނުކުޅެދޭމީހުންނަށް ލިބޭ އެހީގަ…ދެން މާދުގެ ބައްޕަ ވަރަށް އެހީވޭ އެމީހުނަށް…..މަބުނާނީ އޭގެ ބަދަލަށޭ އެކުއްޖާ މާދުއާ އިންނަން އެއުޅެނީ…." ފަހުދު އޭނާއަށް ހީވާގޮތަށް ކިޔައިދިނެވެ.

" ދެން އޭނާގެ އާއިލާކޮބާތަ؟…ބައްޕަ އެކަނިތަ ހުންނަނީ….ތިމާގެ މީހަކުވެސް ނެތީތަ؟…" މާޒްގެ ސުވާލުތައް ދިޔައީ އިތުރުވަމުންނެވެ.

" މާޒް…މާޒް ކީއްވެ އެކުއްޖާއާމެދު ތިހާ ޝައުޤުވެރިވެގެން ތިޔައުޅެނީ؟…އަނެއްކާ ހިތްކީތަ؟…" މާޒް ސުވާލު ކުރާވަރުން އެންމެފަހުން ފަހުދު މާޒްއާ ދިމާކޮށްލިއެވެ.

" ނޫނޭ…ހަމަ ނިކަމެތި ކުއްޖަކަށް ތިފަދަގޮތެއް ދިމާވާން ނޭދޭނީ މިހުރިހާ ސުވާލެއް މިކުރެވެނީ…..މަށަށް ޔަޤީން މާދު ކަހަލަ މީހަކާ އެކުއްޖާވެސް ގަޔާނުވާނެކަން….މިފަދަ ޒަމާނެއްގަވެސް އެފަދަ މަޖުބޫރީ ހާލަތުގަ ބަޔަކު އުޅޭތީ ހަމަ ގަބޫލު ނުކުރެވެނީ….އޭނައަށްވެސް ވާނެދޯ އެޔަށްވުރެ ރަނގަޅުމީހުން….މާދުއާ އިނދެފިނަމަ ދިރިއުޅުން ބަރުބާދުވާނީ…." މާޒްގެ ހިތުގައި އަންހެން ކުއްޖާއަށް ހަމްދަރުދީ އުފެދުނެވެ.

" އަހަރެންގެ ނަސޭހަތެއް އަޑުއަހަންޏާ ކަލޭމެން ފަރަހަނާޒްއާ ވީހާވެސް ދުރުގަ އުޅޭ….ވަރަށް އަވަހަށް އެމީހުން ކައިވެނި ކުރާ ޚަބަރު ލިބިފައޮތީ… " ފަހުދު އާދޭހުގެ ރާގެއްގައި ބުންޏެވެ.
" ފަރަހައޭ…އެއީތަ އެކުއްޖާގެ ނަމަކީ؟…" މާޒް ސުވާލުކޮށްލިއެވެ.

" އާނ…އޭނައާ ދުރުގަ އުޅޭ….އެހެންނޫނީ މާދުގެ އަތުން ބޮނޑިއެއް ލިބިދާނެ….މާދު ކަހަލަ މީހަކާ ކުޅެލުމަކީ ފަސޭހަކަމެއްނޫން…. އެހެންވީމަ ދެން އެންމެ ރަނގަޅުގޮތަކީ އެކުއްޖާއާ ބެހޭ އެއްވެސް ވާހަކަ ނުދެއްކުން….ދެރަކަމަކީ މާދުއާ ނީނަސް އެކުއްޖާގެ ދިރިއުޅުން އޭނާ ބަރުބާދުކޮށްލާނެކަން….އެގޮތަށް ކިތައްކުދިންނަށް އޭނަ ލަނޑުދޭނީ…" މާޒްމެންނަށް އެތައްފަހަރަކު ވިސްނަދިނުމަށްފަހު ފަހުދު ނުކުމެގެން ދިޔައެވެ.

" އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ…..އަންހެން ކުއްޖަކު މަޖުބޫރުވެގެން މީހަކާ އިނދެފާނެތަ ހަމަ….ވެދާނެ ދޯ އެކުއްޖާ މާދުދެކެ ލޯބިވާކަމަށްވެސް…." މާޒް އަދިވެސް ވިސްނަމުންދަނީ ފަހުދު ދެއްކި ވާހަކަ ތަކާމެދުގައެވެ.
އާއިންވެސް ޖަވާބެއް ނުދީ އިންނަމަވެސް އޭނާވެސް ވިންނަމުން ދިޔައީ ފަރަހަނާޒްއާމެދުގައެވެ. އަންހެން ކުއްޖަކު އެފަދަ މަޖުބޫރީ ހާލަތަކަށް ވެއްޓެން ޖެހޭނެކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އާއިން ކެމެރާނަގައި ފަރަހަނާޒްގެ ފޮޓޯއަށް ބަލާލިއެވެ. އެކުއްޖާ މޫނުގައިވާ މައުސޫމުކަމާއި ރީތިކަން އިމާދު ކަހަލަ ވިޔާނުދާ މީހަކަށް ހައްޤެއް ނޫނޭ އޭނާގެ ހިތަށްއެރިއެވެ. އެކުއްޖާގެ ކައިވެނި ކުރެވެން އުޅޭ ވާހަކަ އިވުމުން އޭނާއަށް އެކަން ބަލައެއް ނުގަނެވުނެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދިއްޖެއެވެ.

މެންދަމުގެ ހަމަހިމޭން ވަގުތެވެ. މާޒް ގަދަނިދީގައި އޮތްއިރު އާއިންގެ ލޮލަކަށް ނިންޖެއްނައެވެ. އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި ވަރުބަލި ވެއްޖެއެވެ. އޭނާގެ ސިކުނޑި ހާސްކުރަމުން ދަނީ ފަރަހަ ނާޒްގެ ޚިޔާލެވެ. އޭނާ އެނދުން ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް ކެމެރާ ނަގައި އޭގައިވާ ފޮޓޯތައް ބަލަންފެށިއެވެ.

" ފަރަހަ ނާޒް….ހާދަ އޮޑުނަމަކޭ…..އެއްނަމެއްތަ ނޫނީ ދެނަންތަ މިއީ…" ފަރަހަނާޒްގެ ފޮޓޯއަށް ބަލަން އިނދެ އާއިންއަށް ކިޔާލެވުނެވެ.

އާއިން ކެމެރާހިފައިގެން އައިސް އެނދުގައި އޮށޯތެވެ. އޭނަގެ ލޮލަށް މިރޭ ނިދިނައިސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ނުވެސްދަންނަ ބީރައްޓެހި އަންހެން ކުއްޖަކާމެދު އޭނާއަށް މިވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އެކުއްޖާގެ ހާލަށް ހަމްދަރުދީވެވެނީ ކީއްވެގެން ހެއްޔެވެ؟ މާޒް ބުނި ފަދައިން އެކުއްޖާ އިމާދުއާއި ކައިވެނިކުރަނީ ބޭނުންވެގެން ކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ؟ ވީއިރު އޭނާ އެކަމާ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟
*****
ފަންގިފިލާފައި ހަރުކޮށްފައިވާ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު، ފަންކާގެ ފިޔަތައް އެނބުރޭހައި ބާރުމިނުގައި ފަރަހަނާޒްގެ ސިކުނޑީގައި ފިކުރުތައް ފުނިޖެހެމުންދިޔައެވެ. އޭނާ ވިސްނަމުން ދިޔައީ އޭނާގެ ބަނަ ދިރިއުޅުމާއިމެދުގައެވެ. ކުޑައިރުއްސުރެ އޭނާއަކީ އެކަނިވެރިއެކެވެ. އޭނާ ވިހެއުމުގެ ތެރޭގައި މަންމަވަނީ ނިޔާވެފައެވެ. އޭނާގެ މުޅިއާއިލާއަކީ އޭނާގެ ބައްޕައެވެ. ބައްޕަ އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. ފަސްޖެހުމެއްނެތި އޭނާ ބޭނުން ކޮންމެކަމެއް ކޮށްދެއެވެ. މަންމަ ނެތުމުގެ އިހުސާސް ކުޑަކޮށްވެސް އޭނާއަށް ވިޔަކަ ނުދެއެވެ. އޭނާ ރަށު މަދަރުސާއިން ގުރޭޑް 7 ނިމުމުން އިހަވަންދޫއަށް ކިޔަވަން ދިޔައީ ބައްޕަގެ ތިމާގެ މީހެއްގެ ގާތަށެވެ. އޭނާ ހިތްވަރާއިއެކު މޮޅަށް ކިޔަވަމުން ގޮސް، އޯލެވެލް ހަދަން ތައްޔާރުވެފައިވަނިކޮށް ބައްޕައަށް ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން، އޭނާގެ ކިޔެވުމަށް ބުރޫއެރިއެވެ.

އޯލެވެލްގައި ހުރިހާ މާއްދާއަކުން ފާސްވިނަމަވެސް އޭނާ އުއްމީދުކުރިފަދަ ނަތީޖާއެއް ނުހޯދުނެވެ. ބައްޕަގެ ބަލިހާލުގެ ސަބަބުން ކިޔެވުމަށް ސަމާލުކަން ނުދެވުނީއެވެ. އޯލެވެލް އިމްތިހާނު ނިންމި ދުވަހު އޭނާގެ އެނބުރި ރަށަށްއައީ ބައްޕައަށް އެހީތެރިވުމަށެވެ. އޭނާގެ ގާތްތިމާގެ މީހުން މަދުކަމުން ބައްޕައަށް އެހީތެރިވެދެވޭނެ މީހަކުނެތެވެ. ބައްޕައަކީ އިހަވަންދޫއަށް ނިސްބަތްވާ މީހެއްކަމުން ތިމާގެ މީހަކުވެސް ހުރީ ހަމައެކަނި އެރަށުގައެވެ. މަންމަ ފަރާތުގެ ދުރުތާ ތިމާގެ މީހުން ކެލާގައި ތިބިނަމަވެސް، އެއްބަޑު އެއްބަފާ އެކަކުވެސް ނެތުމުން އެހީތެރިކަމެއް ފޯރުކޮށްދޭނެ މީހަކުވެސް ނެތެވެ.

އޭނާގެ ބައްޕަ ހާލުގައި ޖެހުނު ދުވަހު އެންމެބޮޑު އެހީތެރިކަމެއްވެދިނީ އިމާދުގެ އާއިލާއިންނެވެ. ބައްޕަގެ ވަޒީފާ ގެއްލުމުން އެމީހުން ބައްޕައަށް ނުހަނު އެހީތެރިވެދިނެވެ. މިއަދު އޭނާއަށް މިވަނީ އެކަމުގެ ބަދަލު ދޭންޖެހިފައެވެ. ކިތަންމެ ބޭނުން ނުވީނަމަވެސް އިމާދުއާ ކައިވެނިކުރުން ނޫންގޮތެއްނެތެވެ. އިމާދު އޭނާގެ ފަހަތުން އަޅައިގަތީ ސަލާމަތް ނުވެވޭ ވަރަށެވެ. އިމާދުއާ ކައިވެނިކޮށްފިނަމަ ބައްޕަގޮވައިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ގެންގޮސްދޭނެކަމަށް އިމާދު ވަނީ ވައުދުވެފައެވެ. ބައްޕައަށް ލިބޭ މަދުލާރިކޮޅުން ދެކޮޅު ނުޖެހޭތީ، އެކަންވެސް ފޫބައްދައިދެނި އިމާދުއެވެ. އިމާދުއަކީ އޭނާގެ ހަޔާތަށް ގެންނަން ބޭނުންވާފަދަ މީހަކަށް ނުވީނަމަވެސް، އޭނާގެ އިއްފަތްތެރިކަން ސަލާމަތްކުރެވެން އޮތީވެސް އިމާދުއާ ކައިވެނިކޮށްގެންނެވެ. އިމާދުއާ ކައިވެނިނުކޮށްފިނަމަ ގެ ދިރިއުޅުން ބަރުބާދުކޮށްލާނެ ކަމުގެ އިންޒާރުތައް މިހާރުވެސް އެތައްފަހަރަކު އޭނާއަށްވަނީ ލިބިފައެވެ. އޭނާ ކިހާ ބަދުނަސީބު ހެއްޔެވެ؟ އެނގި އެނގިހުރެ އަލިފާނުގެ އަނދަވަޅަކަށް ވެއްޓެން އޭނާއަށް އެވަނީ މަޖުބޫރުވެފައެވެ.
******
އާއިން ވިސްނުމުގެ ފުން ކަނޑަކަށް ޣަރަވެފައި ވަނިކޮށް ދުރުދުރުން ފަތިސްނަމާދު ބަންގީގެ އަޑުއިވެންފެށިއެވެ. މުޅިރޭ ނުނިދާ ހޭދަވިގޮތާއިމެދު އާއިން ހައިރާންވިއެވެ. އިރުކޮޅަކު އެނދުގައި އޮތުމަށްފަހު އާއިން ތެދުވީ ބޭރު ބަލާލުމުގެ ބޭނުމުގައެވެ. ކުޑަދޮރު ހުޅުވާފައި ބޭރުބަލާލިއިރު އަދި ވަރަށް އަނދިރިއެވެ. އެހެންކަމުން އަނެއްކާވެސް ގޮސް އެނދުގައި އޮށޯތީ ކުޑަކޮށް އަލިވުމުން ނުކުތުމަށެވެ. ބައިގަޑިއިރުފަހުން އާއިން އޭނާގެ ކެމެރާ ކޮނޑުގައި އަޅުވައިގެން ބޭރަށް ނުކުތެވެ. އޭރުވެސް މާޒްއޮތީ ގަދަނިދީގައެވެ. މާޒްއަށް އުނދަގޫކުރަން ބޭނުންނުވާތީ އޭނާ ބޭރަށް ދިޔައީ އެކަންޏެވެ. މަގުހުރިގޮތަށް ފުއްޓަރު ފަރާތަށް ދިޔައީ މިއަދުވެސް އިރުއަރާ މަންޒަރު ފޮޓޯނެގުމުގެ ބޭނުމުގައެވެ.

އުދަރެހަށް ވެރިވަމުންއަންނަ ރަންކުލައަށް ބަލަމުން ގޮސް މަގުނިމޭ ހިސާބަށް ދިޔަތަނާ އޭނާގެ ކަންފަތުގައި ޖެހުނީ އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑެވެ. އޭނާއަށް ބޭއިޚުތިޔާރުގައި އަޑުއަންނަ ދިމާއަށް ބަލާލެވުނެވެ. އޭނާ ސަމާލުވެގެން އަޑުއަހަން ހުރުމުން އަޑުއަންނަނީ ފުއްޓަރާއި އެންމެގާތުގައިހުރި ގޯތިތެރެއިންކަން އޭނާއަށް އެނގުނެވެ. އާއިން މަޑުމަޑުން އެގެއާއި ކައިރިވިއިރު، ގޯތިތެރޭގައިހުރި ބަނބުކެޔޮގަހުގައި ހުރި ވަލެއް ދެކޮޅަށް ހެއްލޭތަން ފެނުނެވެ. އާއިން މަޑުމަޑުން ގޮސް ފަސްފޫޓް ފާރުބުރިމަތިން ބޯހިއްލާލައި ގޯތިތެރެއަށް ބަލާލިއިރު ބަނބުކެޔޮ ގަހުގައި އެލުވާފައިވާ ޖޯލިއުނދޯއްޔެއްގައި އަންހެންކުއްޖަކު އޮތެވެ. އޭނާ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަ ދައްކާފައި ރޮނީއެވެ.

" ނޫރު..އަހަރެން ދެން ކިހިނެއް ހަދާނީ…އަހަރެން ބޭނުމެއްނޫން އެއިމާދުގަނޑާ އިންނާކަށް….އެކަމު ބައްޕަބުނީ އެނޫންގޮތެއް ނެތެއްނޫންހޯ….އިމާދުގެ ގޯނާތަކުން އަހަރެން ހުންނަނީ އަބަދުވެސް ބިރުން….ކޮންމެރެޔަކު މިގެޔަށް އޭނާ އާދޭ….ބައްޕަ ނޫޅޭނަމަ އޭނާ އަހަރެންގެ ގަޔަށް އަރާކަށްވެސް ފަހަކަށް ނުދާނެ…" ފަރަހަނާޒް އޭނާގެ އެކުވެރި ނޫރާއަށް ގުޅައިގެންއިނދެ ރޮއި ރޮއިފައި ޝަކުވާކުރިއެވެ.

" ފަރަހަނާޒް!.." ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ބުނާފަދައިން އާއިންއަށް ބުނެވުނެވެ.
އެއީ ފަރަހަނާޒްގެ ގެކަން އާއިންއަށް އެނގުނީ އަދިކިރިޔާއެވެ. ކުރިން ދުވަހު އެކުއްޖާ އެހާއަވަހަށް ގެއްލުނީވެސް މިހެންވެގެން ބާއޭ އޭނާގެ ހިތަށްއެރިއެވެ. އާއިން ފާރުކައިރީގައި ހުރެގެން ފަރަހަނާޒްގެ ޝަކުވާތައް އަޑުއަހަމުންދިޔައިރު، އެކުއްޖާގެ ހާލާއިމެދު ހަމްދަރުދީވެ ހިތުގައި ރިހުމެއް އުފެދުނެވެ. ފަރަހަނާޒްއަށް އިމާދު ކުރާ ގޯނާތަކުގެ އަޑުއިވުމުން އޭނާއަށް ބޭއިޚުތިޔާރުގައި އިމާދު ދެކެ ރުޅިއާދެވުނެވެ.

" އަހަރެން ކޮންމެ ފަހަރަކު ކިހިނެއް އޭނައާ ދުވެފިލާނީ…ރޭގަނޑު ނިދާފަ އޮތަސް އިރުއިރުކޮޅުން ހޭލެވޭ…އޭނަ އަތުވެދާނެހެން ހީވާތީ….ކިހާދުވަހަކު އަހަރެން މިގޮތަށް އިތްފަތްތެރިކަން ސަލާމަތްކޮށްގެން ހުންނާނީ…އެހެންވެ އަހަރެން އިންނަން އެއްބަސްވީ….އަހަރެންނަށް އަށާރަ ނުފުރިގެން އޭނާ އެހުންނަނީވެސް….އެކަމު ދެން މާގިނަދުވަހެއްވެސް އޮތީކީނޫން….އަންނަމަހު އަށާރަވެސް ފުރޭނެ…ދެން ޖެހޭނީ ހަމަ އޭނަޔާ އިންނަން….ހާދަ ފޫއްސެއްވާ އިންސާނެކޭ އެއީ…..ކުފުރުވެރި ކަމަކަށްނުވާނަމަ މިހާރު އަހަރެން އަމިއްލައަށް މަރުވެސް ވެއްޖައީސް" ފަރަހަނާޒްގެ އަޑުކުރެހިގެން ދިޔައެވެ. އެކުއްޖާގެ އަޑުގައިވާ ވޭނާއިރިހުން ތީރުތަކެއްގެ ސިފައިގައި އައިސް އާއިންގެ ހިތަށް ހެރެމުންދިޔައެވެ.

ކުއްލިއަކަށް ގޭތެރެއިން މީހަކު ކެއްސައިގަތް އަޑަށް ފަރަހަނާޒް އުނދޯލިން ތެދުވެ ގެޔާދިމާއަށް ހިނގައިގަތެވެ. އޭނާގޮސް ގެޔަށް ވަންނާންދެން ބަލަން ހުރުމަށްފަހު އާއިން ފުއްޓަރާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭރު އޭނާ ވިސްނަމުން ދިޔައީ އިމާދުގެ ކިބައިން އެމައުސޫމު ކުއްޖާ ސަލާމަތް ކުރާނެ ގޮތަކާއިމެދުގައެވެ. ކައިވެނިކުރަން އަދި ދުވަސްކޮޅެއް އެބައޮތެވެ. ވީއިރު އަދިވެސް ކޮންމެވެސް ގޮތެއް ހޯދިދާނެއެވެ.

" ނާޒް ގޮވައިގެން ފިލަންވީކަންނޭނގެ….ނޯ…އެހެންވެސް އެކަމެއްނުވާނެ….އަންހެންކުއްޖާ ޣައިރުހާޒިރުގަވެސް ކައިވެނި ކުރެވިދާނެ….ދެން އޮތްގޮތަކީ ފިރިހެންމީހާ ގެއްލުވާލުން….އެކަމު އެކަން ކިހިނެއް ކުރާނީ….މިއީ މާލެއެއްވެސް ނޫންވިއްޔަ…." އިރުއަރާ މަންޒަރު ފޮޓޯނަގަން އިންއިރު، އެކި އެކި ގޮތްގޮތަށް އާއިން ވިސްނަމުން ދިޔައެވެ. އެންމެފަހުން އޭނާގެ ހިތުގައި ގޮތެއްރާވާލިއެވެ.
*****
އާއިން ހިތުގައި ރޭވުމެއް ރާވައިގެންހުރެ އިމާދުއާއި ގުޅުން ބަދަހިކުރަންފެށިއެވެ. އިމާދުގޮވައިގެން ތަންތަނަށް ދިއުމާއި ކޮފީބޯން ދިއުން ފަދަ ކަންކަން ކުރަންފެށިއެވެ. އަދި އިމާދުއާއެކު އޭނާގެ ގެޔަށްވެސް ދާންފެށިއެވެ. މިގޮތަށް ކަންތައްކުރަމުން ގޮސް އިމާދުގެ އާއިލާއާއިވެސް ގާތްގުޅުމެއް އުފެއްދިއެވެ. މިހާރަކަށް އައިސް މާޒަށްވުރެވެސް ގިނައިން އާއިން ފެންނަނީ އިމާދާއި އެކުގައެވެ. މިކަމާއި ފަހުދުއާއި މާޒްވެސް ތިބީ ސުވާލު އުފެދިފައެވެ. އާއިންއާއި އިމާދުގެ އެކުވެރިކަން ބަދަހިވި ވަރަކަށް އިމާދުގެ ވިޔާނުދާކަން ކަޝްފުވަމުން އޭނާގެ ފަތިފުށް އިތުރަށް ހާމަވަމުން ދިޔައެވެ. އޭރުވެސް އާއިން އޭނާގެ ރޭވުމުގެ މަރުހަލާތައް ކަޑައްތުކުރަމުން އާއިންގެ މަޅީގައި އިމާދު ބައްދަމުން ދިޔައެވެ. ބައެއްރޭރޭ އިމާދު އައިސް އާއިންމެންނާއެކު އެގޭގައިވެސް ނިދާހަދަން ފެށިއެވެ. އެއްރެއަކު އިމާދު ނިދުމުން އާއިން ސިއްރު ސިއްރުން އިމާދުގެ ފޯނު ނެގިއެވެ. އަދި އިމާދުގެ ފިންގަރޕްރިންޓް ބޭނުންކޮށްގެން ފޯނު ހުޅުވިއެވެ. އޭގައިހުރި އޭނާ ބޭނުންވާހައި މައުލޫމާތެއް އޭނާ ހޯދިއެވެ.
****
ދުވަސްކޮޅެއް ފަހެވެ. މިހާރަކަށް އައިސް އިމާދު އަބަދުހެން ހުންނަނީ ފޯނެއްގައެވެ. ފޯނެއްގައި ނެތްއިރެއްގައި ނަމަ މެސެޖުކުރުމުގައި މަޝްއޫލުވެގެންނެވެ. ނަމަވެސް އޭނާ އެކަންކުރަނީ ވަރަށް ސިއްރުވެރިކޮށެވެ. އޭނާގެ އަމަލުތައް ހުންނަގޮތުން ރަށްޓެހިން ދިމާކޮށް ހަދަންފެށިއެވެ. އެމީހުން ހީކުރަނީ އިމާދު އެހާވަރަށް ވާހަކަ އެދައްކަނީ ފަހަރަނާޒްއާ ކަމަށެވެ. ނަމަވެސް އާއިން އެއްވެސް ބަހެއްނުބުނެ އެތެރެއެތެރޭން ހީލަހީލާ ހުންނަނީ އޭނާއަށް ހަގީގަތް އެނގޭތީއެވެ. އެހެންނޫނަސް، އާއިން އެއްޗެއް އެހުމުގެކުރިން އިމާދު އަމިއްލައަށްވެސް އޭނާގެ ސިއްރުތައް މިހާރު އާއިންއާ ހިއްސާކުރެއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެކެވެ. އިމާދުއާއި އަދިވެސް ރަށުގެ ގިނަ ޒުވާނުންތަކެއް އާއިންމެންގެ ގޭގައި ތިބީ ކެއުމުމަކަށް އިންސާފުކުރާށެވެ. އެންމެންވެސް މަޝްވަރާކުރަމުންދަނީ ޖެހިގެން އަންނަ ދުވަހު ދިއްދޫގައި ކުޅުމަށް ހަމަޖެހިފައިވާ ވޮލީމެޗާއި މެދުގައެވެ. ވޮލީމެޗެ އޮތީ ހެނދުނު ވަގުތުގައި ކަމަށްވުމުން އެންމެންވެސް އަވަހަށް ގެޔަށް ނިދަން ދިޔައެވެ. ނަމަވެސް އިމާދު އިނީ އާއިންއާއެކު މާމޮޅު ވާހަކައެއްގައި ޖެހިފައެވެ. މާޒްވެސް އެތާއިރުކޮޅަކު އިނުމަށްފަހު ނިދިއައިސްގެން ކޮޓަރިއަށް ދިޔައެވެ. އޭރުވެސް އިމާދު ތަފާތު ފޮނިތައް ކެނޑުމުގައި އާއިންގެ ގާތުގައި އިނެވެ.

" ކޮބާ..ވަރަށް ވާހަކަ ދެއްކިއްޖެއެއްނު އުޅޭކޮފީއެއްބޯލަން…" އިމާދުގެ ވާހަކަތަކުން ފޫހިވެފައި އިނދެގެން އާއިން ބުނެލިއެވެ. އިމާދު އާއެކޭބުނުމުން އާއިން ބަދިގެ ބަޔަށް ގޮސް ދެކޮފީހަދައިގެން އައެވެ.

" ހާދަ ރަނގަޅޭ އާން…އަމިއްލައަށް ކޮފީހަދައިގެން ވިއްޔަ ތިގެނެސްދިނީ…އަންހެން ކުއްޖެއްނަމަ އާން ދެކެ މަށަށް ލޯބިވެވިއްޖައީސް މިހާރު" އިމާދު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

" މަށަށްވުރެ މާލޯބި މީހަކު ހޯދައިގެންނެއްނު މިހާރުވެސް ތިއުޅެނީ…" އާއިން ހީލާފައި ބުނެލިއެވެ.

" އާ ވަރަށްލޯބި ކުއްޖެއް" އިމާދު ހެވިފައި އިނދެ ޖަވާބުދިނެވެ.

" އޯހ އެހެންތަ؟…ވަރަށް ސަޅިކުއްޖެއްތަ؟…" އާއިން ޝައުޤުވެރިވާކަން ދައްކަންމުން ބުނެލިއެވެ.

" އަނެއްކާ ސިއްރެއްތަ؟…" އިމާދު ޖަވާބެއްނުދީ ހެވިފައި އިންނަން ފެށުމުން އާއިން އަހާލިއެވެ.

" ނޫނޭ…ދެން އާންއަށް އަހަރެން ކޮންކަމެއް ސިއްރުކުރާނީ…އަހަރެން މިވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ ކިތަންމެ ދުވަހެއް…" އެންމެފަހުން އިމާދު އޭނާގެ ސިއްރު ކިޔައިދޭންފެށިއެވެ.

އޭނާއަށް ފޭސްބުކުން ވަރަށް ރީތި ކުއްޖަކާއި ދިމާވެގެން އެކުވެރިވީ ވާހަކައެވެ. އެންމެފަހުން އެކަކު އަނެކަކަށް ފޯނުނަމްބަރ ބަދަލުކޮށް ވާހަކަ ދައްކަމުން އަންނަ ވާހަކައެވެ. އަދި މިހާރު އިމާދުއަށް އެކުއްޖާދެކެ ލޯބިވެވިއްޖެ ކަމުގައިވެސް ބުންޏެވެ. ރެޔާދުވާލު އިމާދު ހުންނަނީ އެކުއްޖާގެ ޚިޔާލުގައި ކަމުގައިވެސް ބުންޏެވެ.

" އެހެންތަ؟…މިހާރު ތިހާ ހިސާބަށްވެސް ކަންތައް ދިޔައީތަ؟.." އާއިން ހައިރާންކަން ދައްކައިގެން ސުވާލުކުރިއެވެ.
" އާ…އާން…އަހަރެންނަށް ލިޝާއާ ނުލާ ނޫޅެވޭވަރު ވެއްޖެ….އޭނައާ ބައްދަލުކުރާހިތުން ލޮލަށް ނިދިވެސްނާދޭ…." އިމާދު އަސަރާއެކު ބުނެލިއެވެ.
" މާދުއަށް ހަމަ ޔަގީންތަ އަންހެން ކުއްޖެއްކަން މާދުއާ ވާހަކަ ތިދައްކަނީ؟…ވެދާނެ ދޯ މާދު ހައްދަން އުޅޭ ފިރިހެނަކަށްވެސް….ކިހިނެއް އެނގޭނީ މިޒަމާނުގަ…" އާއިން ހެޔޮއެދޭ އެކުވެރިއަކުފަދައިން ކަންބޮޑުވާކަން ފާޅުކުރިއެވެ.

" ނޫނޭ އާން…ލިޝާއަކީ ހަމަ އަސްލު އަންހެން ކުއްޖެއް….އަހަރެމެން ކިތަންމެ ފަހަރަކު ވީޑިއޯކޯލްވެސް ކޮށްފިން….އޭނާވެސް އަހަރެންދެކެ ވަރަށް ލޯބިވޭ….އޭނައާ ބައްދަލުކުރަން މާލެދާންވެސް އެދެފި…" ސީރިއަސްކަމާއެކީ އިމާދު ބުނެލިއެވެ.

" އެހެންތަ؟…އެކަމު މާދު ތިއުޅެނީ ވަރަށް އަވަހަށް ކައިވެނިކުރާކަށްނު….އަދި އެވެސް އެހާ ރަނގަޅުރީތި ކުއްޖަކާ…..ދެން އެކުއްޖާ ދޫކޮށްލާނީތަ؟…" ވަރަށް ނުސީދާކޮށް އާއިންގެ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ.

" އާން…ފަރަހަނާޒްއަކީ ރީތި އަދި ރަނގަޅުވެސް ކުއްޖެއް….އެކަމު އޭނާގެ ކިބައިގައި ނުހުރޭ ލިޝާގެ ކިބައިގައި އެހުންނަ ލޯބި ހިތްދަމައިގަންނަ ކަހަލަ ގޮތެއް…..އަހަރެން ފެނުނަސް ފަރަހަ އުޅޭނީ ފިލޭތޯ…ހިލޭފިރިހެނުންނާ ވާހަކަދެއްކުންވެސް ހަރާންވާނޭ ކިޔާފަ މާ ދީންވެރިވެގެން އުޅޭމީހެއްއެއީ…އަހަރެން އެވަރުން އޭނަގެ ފަހަތުން އުޅޭއިރުވެސް ރުހުމަގަ ބަލާވެސް ނުލާ….އެކަމު ލިޝާ ބަލާބަލަ! އެހާ ދުރުގަ ހުރެގެން އަހަރެންނާ ކިހާގާތް ގުޅުމެއް އެބައޮތް….ކިހާ އަޅާލާ އަހަރެންނަށް…ރެޔާދުވާލު އަހަރެންގެ ހާލުބަލާ…ދެން އާން ބުނެބަލަ! އަހަރެން ކާކުތަ ހޮވަންވީ؟…ލޯބިން ލޯބިދޭ މީހަކުތަ ނޫނީ ފެނުނަސް ފިލަންދުވާ މީހަކުތަ؟…" އިމާދު ވަރަށް ސީރިއަސްކަމާއެކު އާއިންއަށް ބަލާލަމުން އެހިއެވެ.

" ތީގަ ކީކޭ އަހަރެން ބުނާނީ…މާދުގެ ދިރިއުޅުމަށް މާދު ޚިޔާރުކުރަންވާނީ މާދުދެކެ ލޯބިވާ، އަޅާލާ ރަނގަޅު ބައިވެރިއެއް….ކޮންމެހެން މަޖުބޫރުން މާދުއާ އިންނަން އުޅޭ ކުއްޖަކާ އެކީ އުފަލަކުވެސް ނޫޅެވޭނެ…އެހެންވީމަ މަށަށް ފެންނަނީ މާލެދާން….ލިޝާއާ ބައްދަލުކޮށް ޔަޤީންކޮށްފައި އައިސް ފަރަހަގާތު ރީތިކޮށް އެވާހަކަ ބުނެފަ އެކަން ނިންމާލަން…އޭރުން އޮޅުވާލިކަމަކަށް ނުވާނެތާދޯ…" އާއިން އޭނަ ބޭނުންވާގޮތަށް ލަފާއެރުވިއެވެ.

އެތައްއިރެއްވާންދެން އިމާދު އާއިންގާތު ވާހަކަދައްކަން އިނުމަށްފަހު އޭނާ ގެޔަށްދިއުމުން އާއިން ފުންނޭވާއެއް ދޫކޮށްލަމުން ސިޓިންރޫމުގެ ސޯފާއަށް ވެއްޓިގަތެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އޭނާގެ ފޯނުނަގައި ނަމްބަރަކަށް ޑައަލްކޮށްލިއެވެ.
" ކޮބާ….އަހަރެންމަތިން ނިދިނައިގެންތަ ތިއުޅެނީ؟…" ފޯނުނެގުމާއެކު ހިނިގަނޑެއްޖަހާލަމުން އެކޮޅުން ބުނިއަޑުއިވުނެވެ.

" އާނ…އިޒީއަށް ޝުކުރު އަދާކުރާހިތުން ނުނިދިގެން…" އާއިންވެސް ހީލަމުން ޖަވާބުދިނެވެ.

" އެގޮލާ ކީކޭތަ ބުނީ؟…" އިޒްޔަން ކެތްމަދުވެފައި އެހިއެވެ.

" އޭނަހުރީ ލޯބިވެގެން ދީވާނާވެފަ….އިޒީ އަނެއްކާ ކަލޭ އަންހެނުން އުޝާ ލައްވާ ގުޅައިގެންތަ އޭނަ ތިހައްދަނީ؟…" އާއިން ޝައުގުވެރިކަމާއެކު އަހާލިއެވެ.

" ނޫނޭ…އުޝާ އެހާ މޮޔަވާނެހެން ހީވޭތަ؟..އެއީ އަހަރެމެންގެ ސެލޫންގަ އުޅެއެއްނު ޝާލީ ކިޔާ ފިލިޕީންސް މަންޖެއެއް….އޭނަ އެގުޅަނީ…" އިޒްޔަން އޮޅުންފިލުވައިދިނެވެ.

" އޭނ؟…އެއީ ދިއްވެއްސެއްނޫންކަން އެސޮރަށް ނޭނގޭދޯ…" އިމާދުގެ ގަމާރުކަމުން އާއިންއަށް ހެވުނެވެ.

" އާންއަށްވެސް ނޭނގޭނެ އޭނާ ފޯނުން ވާހަކަ ދައްކައިފިނަމަ އެއީ ދިވެއްސެއްނޫންކަމެއް….އެހާވެސް ދިވެއްސައް ފަރިތަވާނެ….އޭނަ މާލެގަ އުޅޭތާ ބާރައަހަރުވެއްޖެ މިހާރު…ދެން ދިވަހިނޭނގިއެއް ނުހުންނާނެއްނު…" އިޒްޔަން އިތުރަށް އޮޅުންފިލުވައިދިނެވެ.
" އެކަމު އޭނާ ބުންޏޭ ވީޑިއޯ ކޯލްވެސް ކުރި ވާހަކަ އެވަރުންވެސް ނޭނގުނީބާ ދިވެއްސެއް ނޫންކަމެއް" އާއިން ހައިރާްވެފައި ބުލިއެވެ.
" އެހާ ހޭބަލިވެފަ ހުންނަމީހަކަށް ނޭނގިވެސް ހުރެދާނެއްނު…." މަލާމާތުގެ ރާގެއްގައި އިޒްޔަން ބުނެލިއެވެ.
" އެކަމު އޭނަ މާލެދާން އެއުޅެނީ….ދެން ޝާލީ ބައްދަލުކުރާނެތަ އޭނަޔާ؟….އަނެއްކާ އެމަންޖެ މަޅިއަކަށް ނުފެތޭނެތަ؟.." ސީރިއަސްރާގެއްގައި އާއިން ބުނެލިއެވެ.
" ހާސްނުވޭ….އެޔަށްވުރެ ކުޅަދާނަވާނެ އެމަންޖެ….ވަރަށް މޮޅެތި ސްޓޯރީ ޖައްސާލާނެ…މޫނަށް ކުލައެއް އަރުވާނުލާހުރެ ބުހުތާން ވާހަކަވެސް މީހުން ގަބޫލުކުރާހާ މޮޅަށް ދައްކާނެ…އެހާ ލާނެއް މަންޖެއެއް އެއީ…އާން އެކަމާ ހާސްނުވޭ…އެސޮރު އެއޮތީ މަޅީގަ ބެދިނިމިފަ…ދެން ދިވެއްސެއް ފަރަންޖީއެއް ބަލަންވީ ކީއްކުރަން" އިޒްޔަން ހިނިގަނޑެއް ޖެހާލުމުން އާއިންވެސް ހީލިއެވެ.

އާއިން ފޯނުބޭއްވިއިރު އޭނާގެ ހިތަށްވަނީ ހަމަޖެހުމެއްލިބިފައެވެ. އިމާދު ހެއްދުމަށްޓަކައި އަންހެންކުއްޖަކު ލައްވައި ގުޅުމަށް އިޒްޔަންގެ ކިބައިން އެހީއަކަށް އެދުނީ އިޒްޔަންއަކީ ގިނަ އަންހެން ރަހުމަތްތެރީންވެސް ގެންގުޅޭމީހަކަށްވާތީއެވެ. އިޒްޔަންއަކީ އޭނާއާ ދެބެންގެ ދެދަރި ކުއްޖެއް ނަމަވެސް ތިބާގެ ކަމަށްވުރެވެސް ބޮޑަށް ދެމީހުންގެ މެދުގައި އޮންނަނީ ގާތްއެކުވެރިކަމެވެ. ސިންގަޕޫރުގައި ހުންނައިރުވެސް މާލެއިން ކުރަންޖެހޭ ކަންކަމުގައި އަބަދުވެސް އޭނާ އެހީއަކަށް އެދެނީ އިޒްޔަންގެ ކިބައިންނެވެ. އިޒްޔަންގެ އަނބިމީހާ އުޝާއަކީވެސް ނުހަނު ހިތްހެޔޮ ރަނގަޅު ކުއްޖެކެވެ.

އާއިން ފާޚާނާއަށް ވަދެ ފެންވައިރައިގެން އައިސް އެނދުގައި އޮށޯތެވެ. މިރޭއޭއަށް ހިތްހަމަޖެހުމާއެކު ނިދާލެވިދާނެވެ. އެހެނީ އޭނާ ރުވާފައި ދޫކޮށްލިތީރު އަމާޒުފަތްގަނޑަށް ހެރޭމަންޒަރު ފެންނަމުންދާތީ އޭނާއެހުރީ އުފަލުންނެވެ. އިމާދުގެ ވިސްނުން އެވަނީ ބަދަލުވެފައެވެ. އެހެންކަމުން ފަރަހަނާޒްއާ ކައިވެނިކުރަން އޭނަ ނިންމި ނިންމުންވެސް ބަދަލުކުރާކަށް މާގިނަ ދުވަހެއް ނުނަގާނެއެވެ. އެހެންކަމުން އާއިން އޭނާގެ ރޭވުމުގެ ދެވަނަ މަރުހަލާއައިގެން ކުރިޔަށް ދިޔުމަށް ނިންމިއެވެ.

ނުނިމޭ