Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެމްްއެމްޕީއާރްސީ މައްސަލާގައި ބޭންކުތައް ޖަވާބުދާރީ ވާން ޖެހޭނެ: ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފައިސާ ގެއްލުމުގައި މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ބޭންކުތަކުން ޒިއްމާ ނަގަން ޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް ޓިކެޓުގައި މަޖްލިސް އިންތިހާބުގައި ވާދަކުރާ އިތުރު 18 ފަރާތަކަށް ޕާޓީ ޓިކެޓު އެރުވުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ހަފްލާއަށް ފަހު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ދައުލަތުގެ ކުންފުންޏަކަށް ވަންނަން ޖެހޭ ޗެކުތަކެއް ތަކުރާރުކޮށް އަމިއްލަ މީހެއްގެ އެކައުންޓަށް ވަންނަ އިރު އެކަން ބޭންކުތަކުން ބެލެން ޖެހޭ ކަމަށެވެ.

"މިއީކީ ނަގުދު ފައިސާއެއް ނޫން. ބޮޑެތި ފޮށިފޮށިގަނޑުގައި އުފުލައިގެން މި ގެންދިޔައީކީ. މިއީ ބޭންކިން ނިޒާމުގެ ތެރޭގައި ހިނގާފައި ހުރި ކަންތައް. ބޭންކިން ނިޒާމުގެ ތެރެއިން މިވަރުގެ ކަންކަން ހިނގާ ކަމަށް ވަންޏާ ބޭންކްގެ ކޮންމެވެސް ލެވެލްއަކުން މިއަށް ޒިންމާ އުފުލަން ޖެހޭނެ"

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަން މައްސަލަ އާއި ގުޅޭގޮތުން ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ތަކުރާރުކޮށް އެމްއެމްޕީއާރްސީއަށް ދިން ޗެކު ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރެވޭނަމަ އެކަމަށް ބޭންކު އޮފް މޯލްޑިވްސްއިން ޖަވާބުދާރީ ވާން ޖެހޭނެކަމަށެވެ.

ޔާމީން ވިދާޅުވީ އެމްއެމްޕާއާރުސީގެ ހިޔާނާތުގެ ކަންކަން ރައީސް އޮފީހަށް އެނގުނު ހިސާބުން ފިޔަވަޅު އެޅިކަމަށެވެ. އެމްއެމްޕީއާރްސީ ކަރަޕްޝަން މައްސަލާގައި ދައުލަތަށް 1.22 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާ އިރު މި ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.

އެފައިސާ މިހާރު އޭސީސީގެ ބެލުމުގެ ދަށުގައި ހުރި އިރު ފައިސާ ހިފަހައްޓާފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި ތަހްގީގުކޮށް ނިންމަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.