ފެށުނީއްސުރެ ގިނަ ބައެއްގެ ސަމާލުކަމާއި ތަރުހީބު ހޯދަމުން އަންނަ އިނގިރޭސި ޓީވީ ސީރީސް "ގޭމް އޮފް ތްރޯންސް" (ޖީއޯޓީ) ގެ އަށްވަނަ ސީޒަންގެ މުޅިން އާ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
ކާމިޔާބު ހަތް ސީޒަނަށްފަހު އަންނަ އަހަރު މި ސީރީސްގެ ފައިނަލް ސީޒަން ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިއަދު ރިލީޒްކުރި ޓްރެއިލާއިން ފެނިގެންދަނީ އަލިފާންގަނޑު ފެތުރިގެންގޮސް ސިންގާއެއްގެ ސްޓެޗޫއެއް ހަލާކުކޮށްލާ މަންޒަރެވެ. ލަފާކުރެވޭ ގޮތުގައި މި މަންޒަރުން ދައްކުވައިދެނީ ހައުސް ލެނިސްޓަރ އެވެ. ދެން ފެނިގެންދަނީ ގަނޑުފެނާއި އަލިފާން އެކަތި އަނެކައްޗާއި ޖެހޭ މަންޒަރެވެ. މީގެއިން ރަމްޒުކޮށްދެނީ ސީރީސް ނިމުމުގެ ކުރިން ހިނގާނެ ވަރުގަދަ ހަނގުރާމަ އެވެ.
ޖީއޯޓީގެ ހަތްވަނަ ސީޒަން ނިމުނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި އަށްވަނަ ސީޒަންގެ ޝޫޓިން ނިންމާލާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ރިޕޯޓްތައް ބުނާގޮތުން ޖީއޯޓީގެ ކާސްޓް އާއި ކްރޫ ވަނީ އަށްވަނަ ސީޒަން ޝޫޓްކުރުމުގައި 10 މަސް ދުވަސް ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން 02 މަސް ދުވަސް އެކަނި ހަނގުރާމައިގެ މަންޒަރު ޝޫޓްކުރުމަށް ވަނީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ޖީއޯޓީ ސީޒަން 8 ގެ ކޮންމެ އެޕިސޯޑެއް ޕްރޮޑިއުސްކުރުމަށް ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ.
ގޭމް އޮފް ތްރޯންސްގެ އަށްވަނަ ސީޒަން ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ސީޒަން ރިލީޒްކުރާނެ ސީދާ ތާރީޚެއް އަދި އެޗްބީއޯ އިން ހާމައެއް ނުކުރެއެވެ.