Last Updated: July 10, 10:30
Thursday, July 10, 2025
ޚަބަރު

އައްޑޫ ޓާޝަރީ ހޮސްޕިޓަލް ހިންގާނެ ފަރާތެއް އަދި ނުނިންމާ: އަމީން

އައްޑޫގައި ސަރުކާރުން ގާއިމް ކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ހިންގާނީ ސަރުކާރުން ކަމެއް ނުވަތަ އެހެން ފަރާތަކާއި ހަވާލުކޮށްގެން ކަމެއް އަދި ނުނިންމާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްްޖެއެވެ.

ވަޒީރުކަމާއި ހަވާލުވުމަށްފަހު އަތޮޅު ތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ހެނދުނު ހިތަދޫ ކޮންވެންޝަން ސެންޓަރުގައި ހަދާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު "އައްޑޫލައިވް"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލާއި ގުޅޭ ގޮތުން ވަރަށް ގިނަ ވިސްނުން ގެންގުޅުއްވާކަމަށެވެ.

އަމީން ވިދާޅުވީ މިނިސްޓްރީގެ ވިސްނުނުން ހުރީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލްގެ މަސައްކަތް ނިންމުވައި ހިދްމަތް ދޭން ފެށުން ކަމަށެވެ.

އައްޑޫގެ ސިއްހީ ހާލަތުގެ ފެންވަރު ބެއްލެވުމަށް ވަޑައިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ފޭދޫ ސިއްހީ މަރުކަޒު އަދި މަރަދޫފޭދޫގައި ހުންނަ ދަމަނަވެށި އަށް ވަޑައިގެން މިނިސްޓަރ އަމީން ވަނީ އެތަނުގެ ކަންކަން ބައްލަވާ ލައްވާފައެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކާއި އަޅާ ބަލާއިރު އައްޑޫގެ ސިއްހީ ހާލަތު ހުރީ މާދަށުގައި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ހާއްސަ ސަމާލުކަމެއް ދެއްވުމަށް ނިންމާފައިވަނީ އައްޑޫގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

މިނިސްޓަރ އަމީން މިއަދު މެންދުރު ފަހު ހުޅުމީދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.