Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައިއެމްޑީސީ އާއި ޕްރައިވެޓު ކްލިނިކް ތަކަށް ހެލްތު މިނިސްޓަރ ޒިޔާރަތްކުރައްވައިފި

އައްޑޫގައި ހިންގާ ޕްރައިވެޓު ހޮސްޕިޓަލް އައިއެމްޑީސީ އާއި އަމިއްލަ ކުލިނިކްތަކަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަޑައިގެން އެތަންތަނުގެ ހިދްމަތްތަކުގެ މައުލޫމާތު ހޯއްދަވައިފިއެވެ.

ބުރާސްފަތި ދުވަހު އައްޑޫއަށް ވަޑައިގެންނެވި ހެލުތު މިނިސްޓަރު ވަނީ ހިތަދޫގައި އަބްހަރީން ހިންގާ ދަތުގެ ކްލިނިކަށާއި، ފޭދޫ އެއިމްސް ކުލިނިކަށް ވަޑައިގެން އެތަންތަނުން މައުލޫމާތު ހޯއްދަވާފައެވެ.

އައްޑޫގެ ސިއްހީ ނިޒާމުގެ ކަންކަން ބެއްލެވުމަށް މިނިސްޓަރ ކުރައްވާ ދަތުރުފުޅުގައި އައްޑޫގެ އެންމެ ބޮޑު ހޮސްޕިޓަލް ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، މަރަދޫ ސިއްހީ މަރުކަޒުގެ އިތުރުން ފޭދޫ އަދި ހުޅުމީދޫގެ ސިއްހީ މަރުކަޒަށް ވަނީ ވަޑައިގެންފައެވެ.

ހެލުތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ އައްޑޫގެ ސިއްހީ ހިދްމަތްދޭ ސަރުކާރުގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒު އަދި އަމިއްލަ ކުލިނިކް ތަކަށް ޒިޔާރަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ ފަރާތްތައް ގުޅިގެން ރަނގަޅު ހިދްމަތެއް ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަން ބެއްލެވުމަށް ކުރެއްވި ޒިޔާރަތެއްކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލާއި އެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އަމީން ވަނީ އައްޑޫގައި ގާއިމްކޮށްފައިވާ ސިއްހީ ހިދްމަތްދޭ ތަންތަނުން އެއް ނެޓްވޯކެއްގެ ދަށުން ހިދްމަތް ލިބޭނެގޮތް ހެދުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިގޮތަށް ހުރިހާތަނެއް ގުޅިގެން ހިދްމަތް ދޭން ފެށިއްޖެ ނަމަ ހިދްމަތްތައް ޑުބްލިކޭޓު ނުވެ އަގު ހެޔޮ ގޮތެއްގައި ހިދްމަތް ދެވޭނެ ކަމަށެވެ. އަދި މިނިސްޓްރީގެ ވިސްނުން ހުރީ ޓެކްނޮލޮޖީގެ އެހީގައި ތަންތަން ގުޅާލައި މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތަށް ހިދްމަތް ބައްޓަން ކުރުމަށް ކަމަށެވެ.

އައްޑޫގެ ސިއްހީ ހާލަތު ހުރީ ރާއްޖޭގެ އެހެން ސަރަހައްދުތަކާއި ބަލައި ވަރަށް ދަށްކޮށްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ހިދްމަތް ވީހާވެސް އަވަހަށް ރަނގަޅު ކުރުން ކަމަށެވެ.

އައްޑޫއަށް ހެލްތު މިނިސްޓަރ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރުވަނީ ފުރާވަޑައިގެންފައެވެ.