Last Updated: April 20, 13:04
Saturday, April 20, 2024
ޚަބަރު

ލަ ކުއިސީން، ސިއަލް 2018 ރާއްޖެ ތަމްސީލު ކުރާނީ އައްޑޫ ދެ ޝެފުން

ކަލިނަރީ ދާއިރާގައި ހަރަކާތްތެރިވާ އެކި ޝެފުންނަށް ޚާއްސަކޮށްގެން މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތްކަމަށްވާ ލަ ކުއިސީން- ސިއަލް 2018 ގައި ރާއްޖެ ތަމްސީލު ކުރުމަށް އައްޑޫގެ މަޝްހޫރު ދެ ޝެފުން އަބޫދާބީއަށް ދިއުމަށް ހަމަޖެއްހިއްޖެއެވެ.

މިމަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވާ ދެ ޝެފުންނަކީ ޝެފް އިބްރާހިމް ނާޠިފް އާއި ޝެފް މުހައްމަދު އާދިލްއެވެ.

މި ދެ ޝެފުންގެ ތެރެއިން އިބްރާހިމް ނާޠިފް ވަނީ ހޮޓެލް އޭޝިއާ 2018 ގެ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖުން އެއް ވަނަ ހޯދާފައެވެ.

މި މުބާރާތުގައި މި ދެ ޝެފުން ތަމްސީލުކުރަނީ މޯލްޑިވްސް އެގްޒިބީޝަން އެންޑް ކޮންފެރެންސް ސާރވިސް އެމް.އީ.ސީ.އެސް އަދި ހޮޓެލް އޭޝިއާގެ މެއިން ސްޕޮންސަރ ބެސްޓް ބައި މޯލްޑިވްސް، ބީބީއެމްއެވެ.

ބީބީއެމްއިން ބުނީ އެކުންފުނީގެ އަމާޒަކީ ދިވެހި ޒުވާނުންނަށް ކަލިނަރީ ދާއިރާއިން ގިނަ ފުރުސަތު ހޯދައި މިދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ކަމަށެވެ.

ލަ ކުއިސީން-ސިއަލް 2018 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝެފުން ބައިވެރިވާއިރު މި މުބާރާތުގައި ކެއްކުމުގެ ހުނަރު ދައްކާލުމުގެ އިތުރުން އިތުރު ހަރަކާތްތައް ކުރިއަށްދާނެއެވެ.

މުޅި ދުނިޔޭގެ ހުރިހާ ޝެފުންނަށް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތުގައި 19 ދާއިރާއަކުން ހާހެއްހާ ޝެފުން ބައިވެރިވާނެއެވެ.