Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ބޭރެއް ނުކުރާނެ: ގާޑިޔޯލާ

ޕެޕް ގާޑިޔޯލާ - ފޮޓޯ: ރޮއިޓާސް

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނާ މައްސަލާގައި، ޔޫރަޕްގެ މުބާރާތްތަކުން މެންޗެސްޓަރ ސިޓީ ބޭރު ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ސްޕީގަލް އިން ދާދި ފަހުން ލީކުކޮށްލި ސިއްރު ލިޔެކިއުންތަކުން ހާމަވެފައިވާ ގޮތުގައި ސިޓީން އަންނަނީ އެފްއެފްޕީގެ ގަވާއިދުތަކާއި ތަކުރާރުކޮށް ހިލާފުވަމުންނެވެ. ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ޔުއެފާ އިން އަންނަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ ޗެމްޕިއަންސް ލީގުން ސިޓީ ބޭރުކުރުމަކީ އެކަށީގެންވާ ކަމަކަށްވާއިރު ގާޑިޔޯލާ ބުނީ އެފަދަ ކަމެއް ނުވާނެ ކަމުގެ ޔަގީންކަން ސިޓީގެ އިސްވެރިން އޭނާއަށް އަރުވާފައިވާ ކަމަށެވެ.

"ޔޫރަޕްގެ މުބާރާތްތަކުން އަހަރުމެން ބޭރެއް ނުކުރާނެ. މި ކްލަބުގެ ޗެއާމަނާއި އަދި ސީއީއޯ ވަނީ މި ކަންކަން އަހަންނަށް ކިޔާދީފައި. އަހަރެން އެމީހުންނަށް އިތުބާރު ކުރަން. ޔުއެފާ އިން އަހަރުމެން ބޭރުކުރަން ނިންމައިފިނަމަ، އަހަރުމެން އެކަން ބަލައިގަންނާނަން" ގާޑިޔޯލާ ބުންޏެވެ.

އެފްއެފްޕީ ގަވައިދާ ހިލާފުގެން މީގެ ކުރިން ވެސް ސިޓީ އަށް އަދަބުދީފައިވާއިރު ދެ ވަނަ ފަހަރަށް އެ ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އެ ޓީމަށްދޭ އަދަބު ބޮޑުވާނެއެވެ. އެފްއެފްޕީ ގަވައިދާ ހިލާފުވުމުން ދޭނެ އެންމެ ހަރުކަށި އަދަބަކީ ދެ އަހަރު ދުވަހަށް ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކުރުމެވެ.

އެގޮތުން ޔުއެފާ އިން މިއަހަރުގެ ޖޫން މަހު ވަނީ އެފްއެފްޕީގެ ގަވާއިދާ ހިލާފުވުމުން ޔޫރަޕްގެ މުބާރާތްތަކުން އިޓަލީގެ އޭސީ މިލާން އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ފަހުން އެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.