Last Updated: April 23, 23:56
Tuesday, April 23, 2024
ޓެކްނޮލޮޖީ

ޝޯމީ އިން މީ މިކްސް 3 އާއެކު 5ޖީ ގެ ޑެމޯ ދައްކާލައިފި

ޝޯމީ ގެ މީ މިކްސް 3 ގެ 5ޖީ ފޯނުގެ ޑެމޯއެއް ޗައިނާގައި މި ހަފްތާގައި އޮތް ކޮންފަރެންސެއްގައި އެ ކުންފުނިން ދައްކާލައިފި އެވެ.

އެ ކުންފުނީގެ ޑެމޯގައި 5ޖީ ޓެކްނޮލޮޖީގެ ހަލުވި ސްޕީޑުގައި އިންޓަނެޓަށް ވަދެ ބްރައުސް ކުރުމުގެ އިތުރުން ލައިވް ވީޑިއޯ ސްޓްރީމްކުރެވޭނެކަން ދައްކުވައިދީފައިވެއެވެ.

ޝޯމީގެ މީ މިކްސް 3 ގެ 5ޖީ ފޯނުގައި ކުއަލްކޮމް ސްނެޕްޑްރެގަން 855 ގެ ޕްރޮސެސަރެއްގެ އިތުރުން 2 ޖީބީގެ ޑައުންލޯޑް ސްޕީޑެއް އެކުލެވިގެންވާ އެކްސް 50 ގެ 5ޖީ މޮޑެމެއް ހިމެނެއެވެ. މީގެކުރީން ފަހުގެ ސްމާޓްފޯނުތަކުގައި ބޭނުންކުރަމުން އައީ ސްނެޕްޑްރެގަން 845 ޕްރޮސެސަރެވެ.

ސްމާޓްފޯން މާކެޓްގައި ޗައިނާ ކުންފުނިތައް ދަނީ ބާރުގަދަކުރަމުންނެވެ. ބާރުގަދަ އެހައި ރީތި ފޯނުތައް މާކެޓަށް ނެރެ، ވާދަވެރިންނަށް ވުރެ ހެޔޮ އަގުގައި ވިއްކުން ވެފައި ވަނީ، ޗައިނާ ކޮޅަށް މާކެޓް ބުރަވި ސަބަބަކަށެވެ. އެގޮތުން، ދުނިޔޭގެ ސްމާޓްފޯން މާކެޓްގައި ޝޯމީ މިހާރު ވެފައި ވަނީ ނުފޫޒު ގަދަ ކުންފުންޏަކަށެވެ.

2016 ވަނަ އަހަރުން ފެށިގެން ޝޯމީ އިން 5ޖީ ޓެކްނޮލޮޖީ ތައާރަފް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ޗައިނާގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިކަމަށްވާ ޗައިނާ މޯބައިލް އާއި ގުޅިގެން އެ ކުންފުނިން ދަނީ ކުރިއަށް އޮތް ޖީލުގެ އެޕްލިކޭޝަންތައް އުފައްދުމަށް އާ ގޮތްތަކާއި ހިޔާލުތަކުގެ މަޝްވަރާކުރަމުންނެވެ.

ޝޯމީގެ މީ މިކްސް 3 ގެ 5ޖީ ފޯންތައް އަންނަ އަހަރުގެ ކުރީކޮޅު ޔޫރަޕް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާއިރު ޗައިނާ މޯބައިލްގެ 5ޖީ ނެޓްވޯކް އެކުލެވިގެންވާ އިތުރު ސްމާޓްފޯންތައް 2019 ވަނަ އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރޭނެކަމަށް ލަފާކުރެވެއެވެ.